ތުޅާދޫ

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ބ. ތުޅާދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބައުންޑްވޯލްގެ މަސައްކަތް ފައްޓަވައި ދެއްވީ ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން އެވެ. މި ރަސްމިއްޔާތުގައި ތުޅާދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

އެރަށުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ތުޅާދޫގައި އެއާޕޯޓް އެޅުމަށް 44.70 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މިމަޝްރޫއަށް މަދުވެގެން 21.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން ލަފާކޮށްފައިވެ އެެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތް ލަސްވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަދި ވެރިކަމުގައި ހުންނަވައިގެން އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ރ. ބެރިޔަންފަރު، ބ. ތުޅާދޫ، ފ. މަގޫދޫ އަދި ތ. ވިލުފުށްޓެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެއާޕޯޓް އެޅުމަށް ކުރިން އިއުލާން ކުރި ރަށްތަކެއް ހުއްޓާ މާފަހުން އެއާޕޯޓެއް އެޅުމަށް އިއުލާން ކުރި ރަށެއް ކަމަށްވާ ރ. އަލިފުށި އެއާޕޯޓްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ.