ތުޅާދޫ

ތުޅާދޫ އެއާޕޯޓަށް ރަނގަޅު ޕްރޮޕޯސަލްތައް ލިބުނު: ރައީސް

ބ. ތުޅާދޫގައި އެއާޕޯޓް އަޅަން ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބ އަތޮޅަށް ހާއްސަކުރި ރޭގެ ބައްދަލުވުމުގައި ތުޅާދޫގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެންޕޭން ޓީމުން އެންމެ ބޮޑަށް އެދިފައި ވަނީ އެ ރަށުގައި އެއާޕޯޓް އެޅުމާއި ގުޅޭ މައުލޫމާތު ސާފުކޮށް ދޭށެވެ.

ތުޅާދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

ރައީސް ވިދާޅުވީ ތުޅާދޫގައި އެއާޕޯޓެއް ހަދަން ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށެވެ.

"ތުޅާދޫގައި ރަނގަޅު އެއާޕޯޓެއް އިރާދަކުރެއްވިއްޔާ އެޅޭނެ" ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ތުޅާދޫގައި އެއާޕޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ވެސް ތުޅާދޫ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީން އެންމެ ކުރިއަށް ނެރުނީ އެ ވައުދެވެ.

ރައީސް ވަނީ ތުޅާދޫގެ ތަރައްގީއަށް ކޮށްދޭން ނިންމާފައިވާ އެހެން ބައެއް ކަންކަމުގެ ތަފްސީލު ވެސް ދެއްވާފަ އެވެ. އެގޮތުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ރަށގައި 100 ހައުސިން ޔުނިޓް އެޅުމަށް ނިންމާ 96 ޔުނިޓްގެ ފައުންޑޭޝަން މަސައްކަތް މިހާރު ނިމިފައިވާ ކަަމަށާ އަހަރު ނިމޭއިރު ހުރިހާ ހައުސިން ޔުނިޓްގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގައި ކޮންޓްރެކްޓް ފައިނޭސް އުސޫލުން ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.