ޕޮލިޓިކްސް

ޕީޕީއެމް އިން ގޮތެއް ހޯދަން ޖެހޭ!

Mar 16, 2023
3

ޕީޕީއެމް އަކީ ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ އިދިކޮޅު ޕާޓީއެވެ. މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ޕާޓީއެކެވެ. ޕީޕީއެމް ގެ ސެނެޓް އިން ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ބޭފުޅަކު އައްޔަން ކޮށްފައެވެ. ނަމަވެސް މިއަދު ގެ މަންޒަރުން އެބޭފުޅާ ފެންނާކަށް ނެތެވެ. އެބޭފުޅާ ހުންނެވީ އެބޭފުޅާގެ މައްޗަށް ޖިނާއީ ކޯޓުން ކުރި ހުކުމެއް ތަންފީޒް ކުރުމައްޓަކައި ދޫނިދޫ ޖަލުގައެވެ.

އާދެ، ރައީސް ޔާމީން ހުންނެވީ ޖަލުގައެވެ. ރައީސް ޔާމީން ޖަލުހުކުމުން ވީއްލި، މިނިވަން ކަންމަތީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަކީ ވުމައް ވުރެ ނުވުން ގާތްކަމެކެވެ. މިހެން މިކަން އޮތް އިރު މިހާރު އުފެދޭ ސުވާލަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ދެން ވާނީ ކިހިނެއް ހެއްޔެވެ.

ހައްތަހާ ވެސް ކުރިމަތީ ހުރީ ހުސް ސުވާލުތަކެވެ. ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނަމަ ޕީޕީއެމް އިން ރިޔާސީ އިންތިހާބުގައި ބައިވެރި ނުވާނީ ހެއްޔެވެ. ރައީސް ޔާމީނުއާއި ނުލާ ޕީޕީއެމް އިން ރިޔާސީ އިންތިހާބައް ނުކުންނާނީ ހެއްޔެވެ. ރައީސް ޔާމީނާއި ނުލާ ޕީޕީއެމް އިން ރިޔާސީ އިންތިހާބައް ނުކުންނަންޏާ އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ. ރައީސް ޔާމީނު ޖަލުގައި ހުންނަވާ ދައްކަވާ ކެންޑިޑޭޓަކަށް ސެނެޓުން ތާއީދު ދެއްވާނީތޯއެވެ. ރައީސް ޔާމީނު ދައްކަވާ ހަމަ ކޮންމެ ކޮންމެ ކެންޑިޑޭޓެއްގެ ފަހަތައް ލޯ މަރާލައިގެން ތިބެ މުޅި ޕާޓީ އަރާފާނެތޯއެވެ. ރައީސް ޔާމީނު ދައްކަވާ ކެންޑިޑޭޓަކާއި މެދު ޕާޓީގެ ލީޑާޝިޕުން އެއްބަސް ނުވާނަމަ ދެން ހަދާނީ ކިހިނެއްތޯއެވެ. ޕީޕީއެމް އެތެރޭގަ ޕްރައިމަރީ އެއް ބާއްވާ އާންމު މެންބަރުންގެ ވޯޓަކުން އަލުން ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކުރާނީތޯއެވެ. ނޫނީ އެންމެނަށް "އެކައްޗެއް ކިޔޭ" އެއް ކެންޑިޑޭޓަކާއި އެކު މަސައްކަތް ކުރާނީ ތޯއެވެ. ޝަރުތަކަކާއި އެކު ކޯލިޝަން އެއްބަސްވުމެއް ހަދާ ޕީޕީއެމް ގެ ލީޑަރު ޖަލުން މިނިވަންކޮށް ރައީސް ޔާމީނާއި ޕާޠީގެ ޒައާމަތު ހަވާލުކޮށް އާ ދަތުރެއް ފަށާނީތޯއެވެ.

މިއިން އެއްވެސް ސުވާލަކަށް ސާފު ޖަވާބެއް ނެތެވެ.

ޕީޕީއެމްގެ ލީޑަޝިޕް އިން ބުނަނީ އެބޭފުޅުންގެ ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނުކަމަށެވެ. އެކަމަކު އެއީ ވަރަށް ރަސްމީ ސިފައެއްގައި ބުނާ ބުނުމެކެވެ. ނުރަސްމީ ގޮތުން އެބޭފުޅުން ދައްކަވާ ވާހަކަތަކުގައި "ކޮންމެވެސް ގޮތެއް ހޯދަން ޖެހޭ" ކަމަށް ބުނެއެވެ. "ކޮންމެވެސް ގޮތެއް ހޯދަން ޖެހޭ" ކަމަށް ވާހަކަ ދައްކަވާ ބޭފުޅުވެސް އެވާހަކަ ދައްކަވަނީ ފިސާރި މަޑު މަޑުންނެވެ. ޖެހިގެން ހުންނަ މީހާއަށް ވެސް އަޑު އިވޭ، ނިވޭ ވަރަށެވެ. މައުޟޫގެ "ހޫނު" ކަމުންނާއި އެ ބަހުސުގެ "ހައްސާސް" ކަމުން ޕާޓީގެ ކޮންމެ ކޮންމެ ބޭފުޅާކާއި އެކު އެކަހަލަ ވާހަކައެއް ދެއްކުމަކީ "ނުފުއްސަވާ ވަރުގެ ބޮޑު ފާފަ" އަކަށް ވެދާނެކަމެއް ކަން އޭގެ ތެރެއިން ބައެއް ބޭފުޅުން ދެކެއެވެ.

ޕީޕީއެމް އިން ރިޔާސީ އިންތިހާބުގައި ވާދަނުކުރުން އެއީ އިހްތިޔާރެއް ނޫނެވެ. ދެން އޮތީ ރައީސް ޔާމީނު މިނިވަން ވާނެ ކަމައް ބަލައިގެން ތިބުމެވެ. ރައީސް ޔާމީނުގެ މައްސަލައިގެ ފުރަތަމަ މަރުހާލާ ޖިނާއީ ކޯޓުން ނިމިގެން ދިޔައިރު އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ހުކުމެއްވަނީ އިއްވާފައެވެ. ޝަރީއަތުގެ ދެވަނަ މަރު ހަލާ އަދިވެސް އޮތީ "ވާނުވާ" ގައެވެ. ހައި ކޯޓުންވަނީ ރައީސް ޔާމީނުގެ ފަރާތުން ހުށައެޅުއްވި އިސްތިއުނާފްގެ މައްސަލަ އެކޯޓުގެ ހަތަރު ފާރުން އެތެރެކޮށްފައެވެ. އެހެންނަމަވެސް ރަސްމީ ގޮތުން އެމައްސަލަ ބަލައިގެންފައިވާކަން އަދި އެއް ނުބުނެއެވެ. ޕީޕީއެމް ގެ ލީޑަރުންނާއި ރައީސް ޔާމީނުގެ ލޯޔަރުން ހައި ކޯޓަށް ވެއްދި މައްސަލައަށް ވާގޮތެއް ނޭނގި ކޮޅު ކޮޅު މައްޗަށް ދުވާތަން މި ދަނީ ފެންނަމުންނެވެ.

މައްސަލަ ހައިކޯޓުން ބަލައިގެންފިނަމަ ދެން އޮތީ ހައިކޯޓުގެ މަރުހަލާ އެވެ. އަދި ހައިކޯޓަށް ފަހު ސްޕްރީމް ކޯޓުގެ މަރުހަލާ ވެސް އޮތީ ކުރިއަށެވެ. އެހެންކަމުން ޝަރުއީ މި މަރުހަލާތައް ނިންމައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގަ ވާދަ ކުރެއްވުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ.

ދެން އޮތީ ރައީސް ޔާމީނާއި ނުލާ ޕީޕީއެމް އިން ރިޔާސީ އިންތިހާބައް ނުކުތުމެވެ. ރައީސް ޔާމީނާއި ނުލާ ޕީޕީއެމްއިން ރިޔާސީ އިންތިހާބައް ނުކުންނަންޏާ އެ ޕާޓީއަށް ދިމާވާނެ އެންމެ ބޮޑު ހުރަހަކީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމެވެ.

ޕީޕީއެމްގެ އިސްސަފުގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވިއްޖެނަމަ ދެން އޮތްގޮތަކީ "އެމަނިކުފާނު ދައްކަވާ ބޭފުޅެއްގެ ފަހަތައް އެރުން" ކަމަށެވެ. އެކަމަކު ރައީސް އެބޭފުޅަކަށް ތާއީދު ކުރައްވާކަން "ސާފުކޮށް އިނގެން ޖެހޭނެ" އެވެ.

ސިޔާސީ މަސައްކަތުގައި ގިނައިން ފެންނަނީ "ކެހިވެރި ވަފާތެރިން" ނެވެ. އެހެންކަމުން ރައީސް ޔާމީނު ޖަލުގައި ހުންނަވައިގެން ވިދާޅުވާ ވިދާޅުވުމަކާއި އެގޮތަށް ކަންކަން ތަރުތީބުވެގެން ނުދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް މިފަހުން އެކަން ވަރަށް ބޮޑުތަނުން ސާފުވާ މަންޒަރެއް ރައީސް ޔާމީނުގެ ހާޒިރުގައި ހިންގާފައިވެއެވެ. އެއީ ޕީޕީއެމް އިން ސިޓީކައުސިލަށް ޑެޕިއުޓީ މޭޔަރެއް އިންތިހާބު ކުރުމަށް އެ ޕާޓީއަ އަށް ނިސްބަތްވާ 13 މެންބަރުންގެ މެދުގައި ނެގިވޯޓުންނެވެ.

މާލޭސިޓީ ޑެޕިއުޓީ މޭޔަރު މަގާމަށް ޕީޕީއެމް އިން ވާދަ ކުރަން ރައީސް ޔާމީނު ބޭނުން ފުޅުވީ ނަރީޝްއެވެ. ރައީސް ޔާމީނު ޕީޕީއެމްއިން މާލެ ސިޓީ ކައުންސިލްއަށް އިންތިހާބުވި މެންބަރުންނަށް ގުޅުއްވާ ނަރީޝްއާއި އެކޮޅަށް ވޯޓު ދެއްވުމަށް އެދިވަޑައި ގަތެވެ. ޕީޕީއެމް އޮފީހުގައި 13 މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ނަރީޝް ސަލާމަތް ވީ ހަމަ އެއް ވޯޓުގެ ފަރަގުންނެވެ.

ރައީސް ޔާމީނު ދައްކަވައިގެން އަދި ގޭގައި ހުންނަވާ މެންބަރުންނަށް ގުޅުއްވައި ވޯޓު ދެއްވަން އެދިވަޑައި ގަތުމުންވެސް ނަރީޝް އަށް ލިބި ލެއްވީ ފަސް ވޯޓެވެ. ސުޖާއުއަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ. ނަހުލާއަށް ލިބި ވަޑައިގަތީ ހަތަރު ވޯޓެވެ.

އެހެންކަމުން މިހާރު މި އޮތް ހާލަތުގައި ރައީސް ޔާމީނު އެހުންނެވީ ޖަލުގައެވެ. ބޭރާއި ގުޅޭނެ އެއްވެސް ގޮތެއް ނެތެވެ. ފޯނު ކުރެއްވޭނެ ގޮތެއްވެސް ނެތެވެ. ފިޒިކަލީ ހުންނަވައިގެން ފޯނުން ގުޅުއްވައިގެން ވާންވީގޮތް ސާފުކޮށް ރައީސް ޔާމީން ވިދާޅުވީމަވެސް ސިޓީ ކައުންސިލަށް ޕީޕީއެމް އިން އިންތިހާބްވި 13 މެންބަރުންނަށް ރައީސް ޔާމީނުގެ އިރުޝާދަށް ދެއްވީ ބީރު ކަންފަތެކެވެ. އެހެން ކަމުން އަނެއްކަވެސް މި އުފެދެނީ ސުވާލެކެވެ.

ގައުމުގެ ވަލިއްޔުލް އަމްރަކު އިންތިހާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ވާދަ ކުރާ ކެނޑިޑޭޓަކީ ރައީސް ޔާމީނު "ދައްކަވާ" ކޮންމެ ބޭފުޅަކަށް ވިޔަސް ޕީޕީއެމްގެ ސެނެޓުން ބޮޑާ ނުހާކައި އެނަމަކަށް "ރަބަރު ތައްގަނޑު" ޖަހާނެތޯއެވެ.

ރައީސް ޔާމީނު ހުންނެވި ނަމަ މަންޒަރު މުޅިން ތަފާތެވެ. އެހެންނަމަވެސް މި އަދުގެ މި ހާލަތަކީ ރައީސް ޔާމީނު ލޮލުކޮޅަށްވެސް ފެންނަން ނެތް ހާލަތެކެވެ. މިއަދު މި އޮތީ ޕީޕީއެމްތެރޭ އެމީހަކާ އެމީހެކެވެ.

ޕީޕީއެމްގެ ކައުންސިލަކީ ވެސް ވަރަށް "ފާޑަކަށް" އޮތް ކައުންސިލެކެވެ. ކައުންސިލްގެ ނަން ފިލާގަނޑު ރައީސް ޔާމީނުގެ ސިޔާސީ ހިކްމަތު އަމަލީ ބޭނުން ކުރައްވައިގެން ސެނެޓަށް ބަދަލުކުރުންވެސް "ފާޑަކަށް" އޮތް އޮތުމުގެ ހެއްކަކަށް ފެދެއެވެ.

ތެދުފުޅެކެވެ. ޕީޕީއެމްގެ އޭރުގެ ކައުންސިލްއައްވެސް އަދި މިހާރުގެ ސެނެޓަށް ވިޔަސް ރައީސް ޔާމީނުގެ ނަންފުޅު އަތުވެއްޖެނަމަ އެނަމާއި މެދު "އުފް" އޭ ބުނާނެ ބޭފުޅާކުވެސް ނުހުންނާނެކަން ކަށަވަރެވެ.

އެހެން ކަން އޮތްނަމަވެސް އެހެން ބޭފުޅުންނަށް ވުރެ މާ ސާފުކޮށް "މާދަން" ވެދާނެ ގޮތެއް ހިތްޕުޅަށް ގެނެވި ޕީޕީއެމްގެ އަސަސީ ގަވައިދަށް އިސްލާހް ގެނެވި ކައުންސިލަށް މުޅިން އަލަށް 10 ބޭފުޅުން އިންތިހާބު ކުރެއްވި އެވެ. ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިޔަށް މެންބަރުން އިންތިހާބު ކުރެއްވިއެވެ. އަދި އަންހެން ބޭފުޅުންނަށް ކައުންސިލުން ހާއްސަކޮއްފައިވާ ފަސް ގޮނޑިއަށް މެންބަރުން އިންތިހާބުކޮށް ޖުމްލަ 17 މެންބަރުން އިންތިހާބުކުރެއްވިއެވެ. އިހުނައްވުރެ ރައީސް ޔާމީނުގެ ޕޮސިޝަން މިހާރުގެ ނަމުންނަމަ ސެނެޓްގައި ވަރުގަދަ ކުރެއްވީއެވެ. ކައުންސިލް އިންތިހާބު ބާއްވަވާ "ސެނެޓްގެ ފުއްގަނޑު" މޮޑިލެއްވީ މިއަހަރު ޖޫން މަހު ގެ ތެރޭގައެވެ.

އެދެ މެދަށް އެއް މަސް ދޫކުރައްވާ ރައީސް ޔާމީނާއި ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރެއްވީ އޮގަސްޓް މަހު އެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ ހުދު ރައީސް ޔާމީނު ފިޒިކަލީ ހުންނަވައިގެން މިކަން ކުރެއްވުމުގައި ގެންގުޅުއްވި ހިކްމަތްތެރިކަން ގާތުން ލޯ ޖައްސައިގެން ބަލައިފި މީހަކަށް މިހުރީ ފެންނާށެވެ.

އެހެންކަމުން ރައީސް ޔާމީނު ނެތް ހާޒިރުގައި ރައީސް ޔާމީނު ދައްކަވާ ބޭފުޅަކަށް "ތަބަކަކަށް" ލާފާ ޕާޓީގެ ރިޔާސީ ޓިކެޓް "ވެދުން ކުރުން" އެއީ ވަރަށް ހުށިޔާރު ސިކުނޑިޔަކުން ވަރަށް ހިކްމަތްތެރިކަމާއި އެކު ރޭވިގެން މެނުވީ ހިނގާނެކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް "ރަބަރު ތައްގަނޑު" ޖެހުމުގެ ފުރުސަތު ކުޑައެވެ.

ދެން އޮތީ އަލުން ޕްރައިމަރީ އަކަށް ދިއުމެވެ. އެއީ އެހާމެ ދިގު ފައިސާވެސް ހަރަދުވާނެ ކަމެކެވެ. އެދެކަމައްވުރެ ބޮޑީ ޕްރައިމަރީގެ ޖަޒްބާތުގައި ޖެހި އެއް ކެނޑިޑޭޓެއް އަނެއް ކެނޑިޑޭޓަކާއި ދެމެދު އުފޭދޭ ރުޅިވެރިކަމާއި އެކު ނުފެނި ނުދާނެ ބައި ބައިވުންތަކެވެ. އާދެ ޕާޓީ ތެރޭ ފެކްޝަންތައް އުފެދި އެކަކު އަނެކަކު އެކުގައި މައްސަކަތް ނުކުރެވޭ ހާލަތައް ދިއުމެވެ. އާހިރު ނަތީޖާއަކަށް ވާނީ ފުރުސަތު ތަން މިނަށް އޮތް ޕާޓީއަކަށް ރިޔާސީ އިންތިހާބު ގެއްލުމެވެ.

ޕްރައިމަރީ އަކަށް ނުގޮސް ބައިބައި ނުވެ ވާނެ ގޮތެއްވެސް އެބައޮތެވެ. އެއީ އެންމެނަށް އެއްބަސްވެވޭ "އެކައްޗެއް ކިޔާ" ކެނޑިޑޭޓެއްގެ ފަހަތަށް އަރައިގެން މަސައްކަތްކުރުމެވެ. މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ރައީސް ޔާމީންގެ "ވަފާތެރިން" އެންމެ ބިރު ގަންނަކަންތައް ހިމާޔަތް ކުރެވުނީ އެވެ. އެކަމަކީ ޕާޓީގެ ކޮންޓްރޯލު ނުގެއްލި ރައީސް ޔާމީނުގެ އަތްޕުޅުގައި އޮތުމެވެ. އަދި ޕާޓީގެ ރައީސް ކަމުގައި ދެމިހުރުމެވެ.

މި މަގުން ފެންނަން އޮތް ފައިދާ އަކީ އިންތިހާބަށް ފައިސާ ހަރަދު ކުރަން ނުޖެހުމާއި އަދި އަމުދުން ތާއީދުކުރާ ކޯލިޝަން ކެނޑިޑޭޓް ވެރިކަމަށް އިންތިހާބު ކުރެވިއްޖެއްޔާ ޖަލު ހުކުމުން މިނިވަންވެ ޕާޓީގެ ރިޔާސަތާ ރައީސް ޔާމީނު ހަވާލުވުމެވެ. އަދި ރައީސް ޔާމީނުއާއި އެކު އަލުން އާ ދަތުރެއް ފެށުމެވެ. ޕީޕީއެމްގެ އާންމު މެންބަރުން އެދޭ "އުންމީދެއް އޮތީއްޔާ، ދިރުމެއް އޮންނާނެ" ކަން ރައީސް ޔާމީނުގެ ދައުރުގައި ސާބިތު ކޮއްދެއްވި އުންމީދީ ދަތުރެވެ.