މޯލްޑިވްސް ޕޮލިސް ސާވިސް

ގަލޮޅު ޕޮލިސް އާ އިމާރާތަކަށް ބަދަލުކޮށްފި

Mar 16, 2023
1

މާލެހިޔާގައި ދެމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ޚިދުމަތް، ކުރިން އެންސްޕާ ހިންގި އިމާރާތަށް ބަދަލުކޮށް, އެ އިމާރާތް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ފުލުހުން ބުނީ ކުރިން އެންސްޕާ ހިންގި އިމާރާތް ގަަލޮޅު ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖެއްސީ މާލެހިޔާގައި ހިންގަމުން ދިޔަ ގަލޮޅު ޕޮލިސް އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ، ގަަލޮޅު ޕޮލިސް ހިންގުމަށް މާލެއިން އެކަށީގެންވާ އިމާރާތެއް ހޯދުމަށް އިއުލާނުކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކަމަށެވެ.

މި އިމާރާތް ފުލުހުން ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަށެވެ.

މި އިމާރާތުގައި ފުލުހުންގެ ހިދުމަތް ދޭން ފެށުމުން ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބަހުޑް އޮފިސަރުން އެެއް އިމާރާތަކުން މަސައްކަތްކުރަން ވަނީ ފަށާފަ އެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ދެވޭ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

މީގެ ކުރިން މާފަންނު ޕޮލިސް ވެސް ވާނީ މި މޮޑެލްއަށް ބަދަލުކޮށް، މަސައްކަތްކުރަމުން ދިޔަ އިމާރާތް މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ހުރި އިމާރާތަށް ބަދަލުކޮށްފަ އެވެ.