އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެއްލިގެން ރިޕޯޓްކުރި ޔޫރޭނިއަމް ޓައްޕުތައް -- ބަޔަކު ވަގަށް ގެންގޮސް ރައްކާކޮށްފައި ހުއްޓައި ފެނިއްޖެ ކަމަށް ލީބިޔާގެ ގައުމީ ސިފައިން ބުނެފި އެވެ.
ސިފައިންގެ ފަރާތުން ތަރުޖަމާން ވިދާޅުވީ ޔޫރޭނިއަމް ގެއްލިގެން އައިއޭއީއޭ އިން ކުރި ރިޕޯޓަކީ އޮޅުމެއް ނޫން ކަމަށެެވެ. އަދި އެ ޓައްޕުތައް ބަޔަކު ގެންގޮސް ބަހައްޓާފައި ހުރީ -- އަސްލު ހުންނަންވާ ތަނާ -- ތިން ކިލޯމީޓަރެއްހާ ދުރުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގައި ގުދުރަތީ ގޮތުން ނިއުކްލިއާ މާއްދާތައް އުފެދޭ ސަރަހައްދުތައް އައިއޭއީއޭ އިން ހުންނަނީ ލިސްޓްކޮށްފަ އެވެ. އަދި ޔޫރޭނިއަމް އުފައްދައި މުއްސަނިދިކުރާ ގައުމުތަކަށް އައިއޭއީއޭގެ އޮފިޝަލުން ދަތުރުކޮށް ގޮސް ސައިޓްތައް ބަލާވެސް ހަދަ އެވެ.
މިގޮތުން ލީބިއާގައި ހުރި ޔޫރޭނިއަމްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އައިއޭއީއޭގެ އޮފިޝަލުން އެ ސައިޓަށް ދިޔައިރު -- ޓައްޕުތައް ކުރިން ހުރި ތަނުގައި ނެތްކަން އެ މީހުންނަށް ވަނީ ފާހަގަކުރެވިފަ އެވެ.
އަދި ޓައްޕުތައް ވަގަށް ނެގި ކަމަށް ރިޕޯޓްކުރީވެސް މި ސަބަބާ ހެދި އެވެ.
ލީބިއާގައި -- އައިއޭއީއޭގެ ބެލުމުގެ ދަށުގައި -- ހުރި ޔޫރޭނިއަމްގެ ބަރުދަނަނީ 2.5 ޓަނެވެ.
ސިފައިން ބުނި ގޮތުން ޔޫރޭނިއަމް ޓައްޕުތައް ހަނގުރާމަވެރިން ވަގަށް ނެގި ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ އެއީ ބަޑިއަށް ލައްވާ އުންޑަ ކަމަށް ހީކޮށް ކަމަށެވެ. އެއިން ލިބިދާނެ ގެއްލުމަކަށް އެ މީހުންނަށް ނުވިސްނުނީ އުންޑައަށް ދަހިވެތިވެފައި ތިބިލެއް ބޮޑުކަމުން ކަމަށްވެސް ސިފައިން ބުންޏެވެ.
ޔޫރޭނިއަމް ޓައްޕުތައް ރައްކާތެރިކަމާ އެކު ލީބިޔާގައި ރައްކާކޮށްފައި ބެހެއްޓޭނެ ގޮތެއް ހޯދުމަށް ދުނިޔޭގެ އެހީއަށް އެ ގައުމުން މިހާރު ވަނީ އެދިފަ އެވެ.