ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެއްހާސް ފަހަރު ވިދާޅުވާން ޖެހުނަސް އެކަން ކުރައްވާނެ ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު މުޅި ރާއްޖޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މާލޭގައި ބޭއްވި ހަރަކާތްތަކުގައި ވާހަކަދައްކަވަމުންނެވެ.
މާލޭގެ ރަސްފަންނުގައި މާހެފުމަކާ އެކު އޮތް މުޒާހަރާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ. އަދި އެއްހާސް ފަހަރު އެހެން ވިދާޅުވާން ޖެހުނަސް ވިދާޅުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓާ މެދު ސުވާލު އުފައްދަން މަސައްކަތް ނުކުރުމަށް އެދެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ވާހަކަ އެހެން ބޭފުޅުން އަދި އެހެން ޕާޓީތަކުން ދައްކާނެ ކަމެއް ނެތް ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ހިޔާނީގައި ވެރިކަމަށް ވަޑައިގަތުމަށް އެހެން ބޭފުޅަކު އުޅުއްވާނަމަ އެއީ ހުވަފެނެއް ގޮތުގައިވެސް ސިފަކުރެއްވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ކޮށްފައިވަނީ އަނިޔާވެރި ހުކުމެއް ކަމަށެވެ. ހައިކޯޓުގައި ރައީސް ޔަމީން ކާމިޔާބު ހޯއްދަވާނެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ސަޕޯޓަރުން މާޔޫސް ނުވުމަށްވެސް އެދިވަޑައިގެންފަ އެވެ.
ދިވެހި ރައްޔިތުން އެދެނީ ރައީސް ޔާމީންގެ ވެރިކަމަކަށް ކަމަށާއި އެމަނިކުފާނުގެ މިނިވަން ގައުމެއްގެ ގޮތުގައި މި ގައުމު ހިފަހައްޓަވާނެ ކަމުގައިވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.