ޖޮނަތަން އަރައިޒާ ބުނާ ގޮތުގައި އޭނާ އޮޅުކޮށްގެން ލޯބިން ގެންގުޅޭ ކިނބުލެކޭ މީހުން އޮޅުކޮށްގެން ގޭގޭގައި ގެންގުޅޭ ކުއްތާ އަކާ ވަކި ތަފާތެއް ނެތެވެ. އަރައިޒާ، 29، ގަބޫލުކުރާ ގޮތުގައި މި ކިނބުލާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް ނޯމަލް ކަމެކެވެ.
އަރައިޒާގެ ގޭގެ ކޮންމެ ތަނަކަށް ވެސް މި ކިނބުލަށް ގޮސް އުޅުމުގެ ހުއްދަ އޮވެ އެވެ. އަދި ނިދިއައިމަ އަރައިޒާގެ އެނދަށް އަރާ ނިދާވެސް ލެވެ އެވެ.
ގަމޯރާ ގެ ނަން ދީފައިވާ މި ކިނބުލަށް މި ނަން ދިނީ މާވެލް ފިލްމުގެ މި ނަން ކިޔާ ކެރެކްޓާ އާއި މި ސޮރުގެ އުޅުން އެއްގޮތް ކަމުންނެވެ.
މިސޮރަށް ސިޑިން އަރައި ފޭބުމަކީ އެއްވެސް ކަމެއް ނޫނެވެ. އަދި މިސޮރަށް ޚާއްސަކޮށް އަރައިޒާ ތައްޔާރުކޮށްފައިވާ ފެންގަނޑަށް އެރި ފަތާފައި އަލުން ފެންގަނޑުން އަރައިގެން ދާން ވެސް މި ސޮރަށް އެއްވެސް ކަމަކަށް ނުވެ އެވެ. މި ފެންގަނޑުގައި އެ ސޮރު ޝިކާރަކުރާނެ މަސް ވެސް އަރައިޒާ ލާފައި ހުރެ އެވެ.
މެކްސިކޯގެ ސެން ލުއިސް ޕޮޓޯސީގައި ދިރިއުޅޭ އަރައިޒާ ބުނި ގޮތުގައި އޭނާ މި ކިނބުލަށް ގަމޯރާގެ ނަން ދިނީ އެ ސޮރު ގަނެގެން ގެނައިއިރު އެއީ ވަރަށް ކުޑަކުޑަ ފެހިކުލައަކަށް އިން އެއްޗަކަށް ވާތީ އެވެ. އަދި އެސޮރު އޭރު ވަރަށް ރުޅިގަދަ އެވެ. މި ވައްތަރުގެ ކިނބުލަކީ ރުޅިގަދަކަމާއި އަނިޔާވެރިކަމަށް މަޝްހޫރު ވައްތަރެކެވެ. އެއާއެކު މި ސޮރުގެ ކިބައިގައި މޮޑެލް ކުރުމާއި ވީޑިއޯ އާއި ފޮޓޯ ޝޫޓްކުރުމުގެ ކުޅަދާނަކަން ހުރެ އެވެ. އަދި ވީޑިއޯ ކުރާނަމަ ވަރަށް ބަސް އަހައިގެން ވީޑިއޯ ކުރާއިރު އިނދެ އެވެ.
މި ވައްތަރުގެ ކިނބުލަކީ ވަރަށް ހަރުކަށި ގޮތްތަކެއް ހުންނަ އެއްޗެއް ނަމަވެސް އަރައިޒާގެ ކިނބޫ އޭނާއާ ވަރަށް އޮޅެވެ. އޭނާ އެސޮރު އުރާލައި ބައްދާލާ ހެދިޔަސް މައްސަލައެއް ނުޖައްސަ އެވެ.
"އަހަރެންގެ ކިނބުލުގައި އާދަޔާޚިލާފު ގޮތްތަކެއް ހުރެފައި މިއީ ވަރަށް ރުޅިގަދަ އަދި ހަރުކަށި ދައްކާ ވައްތަރެއް ކަމަށް މަޝްހޫރުވެފައި ވިޔަސް ގަމޯރާ އަކީ މީހުން އެ ބުނާވަރުގެ ނުރައްކާތެރި ޖަނަވާރެއް ނޫން،" އަރައިޒާ ބުންޏެވެ.
އަރައިޒާ އަކީ ވަރަށް ކުޑައިރުއްސުރެ ތަފާތު ވައްތަރުގެ ޖަނަވާރު ގެންގުޅޭ މީހެކެވެ. އެހެންވީމާ މި ކިނބުލުގެ އާދަކާދަ އާއި އެސޮރުގެ ބޭނުންތައް ރަނގަޅަށް ދަނެގެން އެ ސޮރު ގެންގުޅޭކަށް އޭނާއަކަށް އުނދަގުލެއް ނޫނެވެ.
ގަމޯރާ އަށް ކާން ދޭން ވެސް އަރައިޒާ ބޮޑު ޚަރަދެއް ކުރެ އެވެ. އެގޮތުން މުސަޅު، މީދާ، ގެރިމަސް، ކުކުޅު ފަދަ ތަކެތި އާއްމުކޮށް އޭނާ އެސޮރަށް ކާން ދެއެވެ. ގަމޯރާގެ ކާނާ ގަންނަނީ ޖަނަވާރު ކަތިލައިގެން ވިއްކާ މީހުން އަތުން އެ ޖަނަވާރުތައް ކަތިލުމުގެ ކުރިން ދިރިދިރި ހުއްޓަ އެވެ. ގަމޯޜާ އަށް ކާން ދެނީ ދިރޭ ޖަނަވާރެވެ.
ގަމޯރާގެ އިތުރުން އަރައިޒާގެ އަތުގައި ތަފާތު ވައްތަރުގެ ކަހަނބާއި ޗުވާވާ ކިޔާ ޒާތުގެ ޖަނަވާރުތައް ވެސް އެބަހުއްޓެވެ. އަދި އޭނާގެ ލޯބިވެރިޔާ އަކީ ވެސް އަރައިޒާ ފަދައިން ޖަނަވާރަށް ލޯބިކުރާ މީހެކެވެ. އެގޮތުން އޭނާ ގެންގުޅެނީ އެކި ވައްތަރުގެ ބިޔަ ހަރުފަ އެވެ.