ލޯބިވެރިންނާ ބައްދަލު ކުރަން ބައެއް މީހުން ކޮންމެ ފަދަ ކަމެއް ވެސް ކުރާކަށް ފަހެއް ނުޖެހެ އެވެ. މެކްސިކޯގެ މި ފިރިހެން މީހާއަކީ މީގެ މިސާލެކެވެ. އަލްބާޓޯ ނަމަކަށް ކިޔާ މި މީހާ އަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ. އޭނާގެ ލޯބިވެރިޔާ ޕަމޭލާ އާ ބައްދަލު ކުރެވޭނެ ގޮތެއް ނެތިގެން އޭނާ އެންމެ ފަހުން އޭނާގެ ގެއާއި ޕަމޭލާގެ ގެއާ ދެމެދު ބިމު އަޑިން ވަރަށް ދިގު ބިންގަރާސް މަގެއް ކޮނުނެވެ.
ޕަމޭލާގެ ފިރިމީހާ ޖޯގޭ އަކީ ތަނެއްގައި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރާ މީހެކެވެ. އަލްބަޓޯ ބިމު އަޑިން މަގު ކޮންގެން ޕަމޭލާގެ ގެއަށް ގޮސް އޭނާ އާ ބައްދަލު ކުރަނީ އޭނާ ފިރިމީހާ ވަޒީފާގައި އުޅޭ ގަޑިގަޑީގަ އެވެ.
އެއް ދުވަހަކު އާއްމުކޮށް ގެއަށް އަންނަ ގަޑިއަށް ވުރެ ތަންކޮޅެއް އަވަހަށް ޕަމޭލާގެ ފިރިމީހާއަށް ގެއަށް އާދެވުނުއިރު އަލްބާޓޯ އާއި ޕަމޭލާ އެކުގައި ތިއްބާ ފެނި އެ މީހުންގެ ސިއްރު ލޯބި ފަޅާ އެރީ އެވެ.
ޖޯގޭ ގެއަށް ވަން އަޑު އިވިގެން ޕަމޭލާގެ އަލްބާޓޯ ސޯފާއެއްގެ ދަށަށް ވަދެ ފިލި ނަމަވެސް އޭނާ އެތަނުގައި އޮއްވާ ޖޯގޭ އަށް ފެނުނެވެ.
ބިންގަރާހުގެ ވަޅުގަނޑު އިނީ ވެސް ސޯފާ ދަށުގައި ކަމުން ބިމު އަޑިން ކޮނެފައިވާ މަގު ވެސް އެ ވަގުތު ޖޯގޭ އަށް ފެނި މި މީހުން ކުރި ހުރިހާ ކަމެއް ފަޅާ އެރީ އެވެ.
އެ ވަޅުގަނޑަށް ޖޯގޭ ފައިބައިގެން އެ މަގުން ގޮސް ނުކުމެވުނީ އަލްބާޓޯގެ ގޭތެރެއަށެވެ. އެހެންކަމުން އެ ދެ ގޭގެ ދެމެދުގައި ބިމު އަޑިން މަގެއް ކޮނެގެން އަލްބާޓޯ އާއި ޕަމޭލާ ބައްދަލުކުރާކަން ޕަމޭލާގެ ފިރިމީހާއަށް ވަނީ ޔަގީން ކުރެވިފަ އެވެ.
ޖޯގޭ އެގެއަށް ވަނުމުން އެ ގޭން އަވަހަށް ދާން އަލްބާޓޯ ވަރަށް އާދޭސް ކުރި ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. ސަބަބަކީ އަލްބާޓޯ މިކަން ކުރަނީ އޭނާގެ އަންހެނުންނަށް ވެސް ސިއްރުން ކަމަށް ވެސް ޖޯގޭ އަޑު ގަދަ ކުރަން ފަށައިފިނަމަ އަލްބާޓޯގެ އަންހެނުންނަށް ވެސް އޭނާ އާއި ޕަމޭލާގެ ގުޅުން ފަޅާ އަރާނެތީ އެވެ.
ނަމަވެސް ޖޯގޭ ހުރީ ވަރަށް ރުޅިގަދަވެފައި ކަމުން ދެ މީހުންގެ މެދުގައި ވަރުގަދަ ތަޅާފޮޅުމެއް ފެށި އެކަން ހުއްޓުވަން ޖެހުނީ ފުލުހުން ގެނެސްގެންނެވެ.
އަލްބާޓޯ ކޮނުނު ބިންގަރާސް މަގުގެ ފޮޓޯތައް މިހާރު އިންޓަނެޓުގައި ވަނީ ވައިރަލް ވެފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު މިއީ ވަރަށް މަޖާ ކަމަކަށް ވެގެން ތަފާތު މަޖާ ކޮމެންޓުތައް ދަނީ ކުރަމުންނެވެ.