މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ދަތުރަށް އެހީތެރިން ހޯދަނީ

ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އެހީތެރިން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން އަލުން އިއުލާނުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ އެހީތެރިން ހޯދުމަށް މިމަހުގެ ހަތްވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދެއްގެ މީހުން ކުރިމަތިލާފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލާ ކަމަށެވެ.

މަގާމަށް ކުރިމަތިލެވޭނީ އަސާސީ ތައުލީމު ހާސިލުކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު ފިރިހެނުންނަށެވެ.

މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައްޖުވެރިންނަށް ދޭންޖެހޭ އެންމެހާ މައުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުމާއި ދަތުރުގައި ހައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. ހައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން ހައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުމާއި ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން ހިމެނެ އެވެ.

ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް އެދޭ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

މަގާމުތަކަށް މީހުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން ވާހަކަ ދައްކަން އެނގޭ އަދި ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެހީތެރިންގެ އަދަދު ކަނޑައެޅޭނީ ކުންފުންޏަށް މިއަހަރު ލިބޭ ހައްޖު ކޯޓާގެ އަދަދަށް ރިއާޔަތްކުރުމަށްފަހު އެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1،000 މީހުންގެ ހައްޖު ކޯޓާ އެވެ. ސަރުކާރުން ގެންދަނީ މިއަދަދު 2،500 ރުފިޔާ އަށް އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.