ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުންނަށް ކުރިމަތިލެވޭ އިނާމެކެވެ.
ރައީސް އޮފީހުން ބުނީ މިއީ އެފަދަ މުވައްޒަފުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާބިލުކަމާއި އިހްލާސްތެރި ކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމު ކަމަށެވެ.
މި އިނާމު ލިބޭ މީހުން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ "ގައުމީ އިނާމާބެހޭ ކޮމިޓީ" އިންނެވެ.
މި އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ފަރާތްތަކަށެވެ. ހިދުމަތްކުރާ މުވައްޒަފެއްގެ ނަން އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ހުށަހެޅޭނެ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް 30 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.