ވިޔަފާރި

އީއެޓޯލްސް: އުފެއްދުންތައް ދައްކާލަން ވިޔަފާރިއަށް ފަހިމަގެއް

Feb 1, 2016
1
  • ރާއްޖެ އާއި މާލޭގެ ޗާޓު ހަދައިދޭ
  • އީއެޓޯލްސްއިން 8،000 އެޑްރެސް ލިބެން ހުރޭ
  • ވިޔަފާރި ކެޓަލޮގިންގެ ހިދުމަތް ހިލޭ ލިބޭ

އެތަށް ހާސް ބަޔަކަށް ވިޔަފާރީގައި ހުރި ޕްރޮޑަކްޓްތައް ފޮޓޯއާއެކު ދައްކާލަން ބޭނުން ހެއްޔެވެ؟ ވިޔަފާރީގެ ހުރިހާ ޕްރޮޑަކްޓްތަކެއް ކެޓަލޮގް ކޮށްލުމުގެ ވިސްނުން ގެންގުޅެއް ހެއްޔެވެ؟ އެ ފުރުސަތު މިއޮތީ ހުޅުވިފަ އެވެ. "އީއެޓޯލްސް" ގިއޯލޮކޭޝަން މެޕް ވެބްސައިޓް މެދުވެރިކޮށް މި ހިދުމަތް ހިލޭ ދޭން ފަށައިފި އެވެ.

"އީއެޓޯލްސް ޑޮޓްކޮމް" އިން ދެމުންގެންދާ މި ހިދުމަތް ވިޔަފާރިތަކަށް ފައިދާ ބޮޑެވެ. މި ހިދުމަތުގެ ބޭނުމަކީ ބޮޑެތި ވިޔަފާރިތަކުގައި ވިއްކާ އުފެއްދުންތައް ކެޓަލޮގްކޮށް އާއްމުންނަށް ފެންނާގެ އިންތިޒާމު ހަމަޖެއްސުމެވެ. މިވެބްސައިޓުގެ ހިދުމަތް މިހާރު ވެސް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ހިފަން ފަށައިފި އެވެ. އީއެޓޯލްސްގައި އުފެއްދުންތައް ކެޓަލޮގް ކޮށްފައިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި ޕިރަމިޑާއި އެލްބިއަށް ސްޓޯރު، ސިޓީ ގާޑަން އަދި ޝެލްބީންސް ހިމެނެ އެވެ. މި ވެބްސައިޓުގެ ފަސޭހައަކީ ކޮބައި ހެއްޔެވެ؟ ފަސޭހައިގެ ވާހަކަ ދައްކާނަމަ، މިއީ ޒަމާނީ ވިޔަފާރިއަށް އެންމެ ފަހި އެއް ހިދުމަތް ކަމަށް ބުނެވިދާނެ އެވެ.

މި ވެބްސައިޓު ވިޔަފާރިއަށް ފަހި އެއްޗަށްވާ އެއް ސަބަބަކީ ވިޔަފާރީގައި ހިމެނޭ ހުރިހާ ހިދުމަތާއި ޕްރޮޑަކްޓްތަކެއް ފޮޓޯއާއެކު ކަސްޓަމަރުންނަށް ދައްކާލުމުގެ ފުރުސަތު އޮތުމެވެ. އެހެންކަމުން އީއެޓޯލްސްގެ ސަބަބުން އެކްސެލް ޝީޓުގައި ޕްރޮޑަކްޓްތަކުގެ ނަން ލިސްޓު ފޮނުވި ޒަމާން މިވަނީ މާޒީވެފަ އެވެ. މި ވެބްސައިޓުގައި ޕްރޮޑަކްޓްތައް ހިމެނުމުން ފިހާރަ ހުރި ތަނުގެ ޗާޓާއެކު ދައްކާލަ އެވެ.

"މިހާރު އެއްޗެއް ހޯދަން ވެއްޖިއްޔާ ވަރަށް ދަތި މުޅި މާލޭގައި ދުއްވަން ޖެހެނީ. އެހެންވެ ފުރަތަމަ މި ހިޔާލު އައީވެސް. މި ވެބްސައިޓުގައި ޕްރޮޑަކްޓްތައް ހިމެނުމުން ޕްރޮޑަކްޓެއް ހޯދަން ވަރަށް ފަސޭހަވާނެ،" އީއެޓޯލްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދެހާސް ހަތްވަނަ އަހަރު ވުޖޫދަށް އައި އީއެޓޯލްސް އިން ސާޗްކޮށްލައިގެން މި ވަގުތު 8،000 އަށްވުރެ ގިނަ އެޑްރެސްގެ މައުލޫމާތު ލިބެ އެވެ. އީއެޓޯލްސްގެ ވާހަކަ މިހިސާބުން ނިމުނީއެއް ނޫނެވެ. އީއެޓޯލްސް އިން މާލޭގެ އެކި ހިސާބުތަކާއި ސަރުކާރު އޮފީސްތަކަށް ހާއްސަކޮށްގެން މާލޭގެ ޗާޓު ވެސް ދަނީ ތައްޔާރު ކޮށްދެމުންނެވެ. މީގެއިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ގުޅިގެން ނަސަންދުރަ ޕެލަސް ހޮޓެލް ކައިރީގައި ބަހައްޓާފައި ބޮޑު ޗާޓަކީ ވެސް އީއެޓޯލްސްގެ އުފެއްދުމެކެވެ. މީގެ އިތުރުން ސިޓީ ގައިޑެއް ވެސް ނެރެފައިވެ އެވެ. މީގެ އިތުރުން އީއެޓޯލްސް އިން މިހާރު މިދަނީ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ރާއްޖޭގެ ޗާޓާއި ޑައިވިން ޕޮއިންޓްތައް ވެސް ހިމަނަން "އީއެޓޯލްސް އެޕް" ތައާރަފު ކުރަން ތައްޔާރުވަމުންނެވެ.