ހަބަރު

ހަތަރު ސަތޭކަ އަށްވުރެ ގިނަ ދަރިވަރުން ފާމަސީ ކޯސް ފުރިހަމަކޮށްފި

ސަރުކާރުން ރަށްރަށުގައި އެޅި ފާމަސީތަކުގައި މަސައްކަތް ކުރާނެ ފާމަސިސްޓުން ބިނާކުރުމަށް 2014 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން ފެށި ފާމަސީ ކޯސް 401 ދަރިވަރުން ފުރިހަމަކޮށްފި އެވެ.

ފާމަސީ ކޯސް ފުރިހަމަކުރި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ސެޓްފިކެޓް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ލަސްލަހުން ކަންތައް ކުރުމާއި އެކަމުން ލިބޭ އާދައިގެ ނަތީޖާ އަކީ ރައީސް އަބްދުﷲ ޔާމީންގެ އަމާޒުފުޅެއް ނޫން ކަމަށެވެ. ރައީސް އަބަދުވެސް ދެއްވާ އިރުޝާދަކީ ކުރު މުއްދަތެއްގެ ތެރޭގައި އީޖާބީ މަސައްކަތްތަކެއް ކޮށްގެން އާދަޔާ ހިލާފު ނަތީޖާތަކެއް ނެރުން ކަމަށާއި އަށެއްކަ މަހުގެ ތެރޭގައި 400 ފާމަސިސްޓުން ތަމްރީނުވެގެން ވަޒީފާ އަށް މިހާރު ދާ ކުދިންނަކީ ރައީސްގެ ހަރުދަނާ ވިސްނުންފުޅުގެ ނަތީޖާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ރައީސް ޔާމީން އަކީ ތައުލީމާއި މަސައްކަތްތެރިކަމުގެ ދާއިރާއިން ރާއްޖެ ކުރިއަރުވަން ޝައުގު ހުންނެވި ބޭފުޅެއް ކަމަށެވެ. ތައުލީމު ކުރިއެރުވުމަށް ތަރައްގީގެ ގޮތްތައް ބޭނުންކުރައްވަން ރައީސް ބޭނުންފުޅުވާ ކަމަށާއި ރާއްޖޭގެ އަތޮޅުތައް ވީޑިއޯ ކޮންފަރެންސްގެ ނިޒާމުން ގުޅާލުމަކީ ރާއްޖޭގެ ތައުލީމު އިތުރު ހަރުފަތަކަށް ގެންނެވުމަށް އެމަނިކުފާނު ކޮށްޓެވި މަގެއް ކަމަށެވެ.

" މިއަދު މި ގައުމުގެ ތަރައްގީގެ ސިޔާސަތަކީ މަޑުމަޑުން ހަރުފަތަކުން ހަރުފަތަކުން ކުރިއަށް ގެންދާގޮތަށް އެކަށައަޅާފައިވާ ސިޔާސަތެއް ނޫން.
ތަރައްގީގެ ބަދަލުތައް މިހާރު އަންނަނީ އެތަކެއް ހަރުފަތްތަކެއް އެއްފަހަރާ ފަހަނަ އަޅަމުން. އޭގެ މިސާލަކީ ފާމަސީ އެސިސްޓެންޓުން މުޅި ރާއްޖެއަށް ބޭނުންވާ އަދަދަށް އަހަރަކު އަދި 100 ކުދިން ތަމްރީން ކުރިޔަސް މިކަމަށް ހަތް އަހަރު ނެގީސް. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަވަސްކުރަން ބޭނުންފުޅުވާތީ އަދި މިހާރު ފާމަސީތައް ބަލަހައްޓާނެ ފަރާތްތަކެއް ބޭނުންވެފައިވާތީ މި ދެ އަހަރުގެ ތެރޭގައި 700 ފާމަސީ އެސިސްޓެންޓުން ތަމްރީނު ވެގެން ނިކުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ ފާމަސީ ކޯހާ އެކު މި އަހަރު ހިންގާނެ އިތުރު ދެ ކޯހެއް އިއުލާންކުރައްވާފަ އެވެ. މިއަދު އަލަށް އިއުލާން ކުރި ދެ ކޯހަކީ ސެޓްފިކެޓް 3 އިން ލެބޯޓަރީ ޓެކްނީޝަން އާއި ސެޓްފިކެޓް 3 އިން ރޭޑިއޯގްރަފީ އެސިސްޓެންޓް އެވެ.

ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯދައިދެއްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅެކެވެ. މިނިސްޓަރުވިދާޅުވީ، ފާމަސިސްޓުން ތަމްރީންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޓެލްކޯ ގުޅިގެން ހިންގި ޕްރޮގްރާމް 19 އަތޮޅެއްގެ 118 ރަށުގައި ހިންގި ކަމަށެވެ. އަދި އަދި ތްރީޖީ އިންޓަނެޓް ލިބޭ ހުރިހާ ތަނަކަށް، ސްމާޓް ފޯނެއް ގެންގުޅޭ ކޮންމެ ކުއްޖަކު ވެސް އެ ކޯހުގައި ބައިވެރިވެ ކޯސް ކާމިޔާބުކުރި ކަމަށް ވެސް ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، ސަރުކާރުން ފާމަސިސްޓުން ބިނާކުރުމަށް ކުރި މަސައްކަތް ގިނަ ފަރާތްތަކަކުން ޝުކުރުވެރިކަމާ އެކު ބަލައިގެންފައިވާ ކަމަށެވެ.

" އެވްރެޖްކޮށް އެފަދަ ކޯހެއް ހިންގަން ކުއްޖަކަށް އެއް އަހަރަށް 60،000ރ. ހަރަދުކުރަން ޖެހޭ. ނަމަވެސް އެ ކޯސް ހިންގީ ހިލޭ. އަމިއްލަ ރަށް ނޫން އެހެން ރަށަކަށް އިންޓާންޝިޕް ހޯދަން މަދު ކުދިން ކުރި ހަރަދަށް ބަލާއިރު އެވްރެޖްކޮށް ހޭދަކޮށްފައި ވަނީ 3،000ރ. މިއީ އެ ކުދިންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ފާމަސިސްޓުން ތަމްރީންކުރުމަށް ހިންގި ކޯހަށް ބައިވެރިން ހޮވުމުގައި ބޮޑަށް ބަލާފައިވަނީ މަތީ ތައުލީމަށް ކިޔެވޭނެ ތަނަވަސްކަން ނެތް ކުދިންނަށާއި، މަތީ ތައުލީމަށް ދެވޭ ވަރުގެ ސަނަދެއް ލިބިފައި ނުވާ ދަރިވަރުންނަށާއި ރަށުގައި ތައުލީމް ހާސިލްކުރަން ބޭނުންވި ފަރާތްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.