ދުނިޔެ

ދުނިގޭގެ ބާރުތައް ބައިވެފައި އޮތުމަށް ތާއީދުކުރަން: ޝީ ޖިންޕިންގް

ދުނިޔޭގެ ބާރުތައް ވަކި ބައެއްގެ މުށުތެރޭގައި އޮތް އޮތުމަށް ނިމުން އަންނަން ޖެހިފައި އޮތް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާން ވިދާޅުވީ ބާރުތައް ބައިވެފައި އޮތުމަށް ރަޝިއާ ދޭ ހިތްވަރު، ޗައިނާ ބަލައިގަންނަ ކަމަށެވެ.

"ޗައިނާއާ ރަޝިއާ މި ތިބީ އެކައްޗެއް ކިޔައިގެން،" ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ޚާއްސަ ދައުވަތަކަށް މޮސްކޯއަށް ވަޑައިގެން ޝީ ވިދާޅުވި އެވެ.

"ދުނިޔޭގެ ބާރުތައް ނިއުޅެން އެބަޖެހޭ -- ބާރުތައް ބޭނުންކުރެވެނީ ދުނިޔޭގެ މަސްލަހަތަށް އެންމެ ރަނގަޅަށްތޯ ވެސް ބަލަންޖެހޭ،" ޝީ ވިދާޅުވި އެވެ.

ޝީ ވިދާޅުވި ގޮތުގައި ދުނިޔޭގެ މަސްލަހަތު ގިނަ ބަޔަކަށް ކަމުދާ ގޮތަށް ބައްޓަން ކުރުމުގައި ޗައިނާ އޮތީ ރަޝީއާއާ އެކު އެވެ.

ޗައިނާގެ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހު މިއީ ޝީ، 69، ރަޝިއާއަށް ކުރައްވާ ނުވަވަނަ ދަތުރެެވެ. އެހެންކަމުން ރަޝިއާ އަކީ ޝީއަށް ފަރިތަ ގައުމަކަށް ވާނެ އެވެ. މި ދަތުރުގައި އެ މަނިކުފާން ރަޝިއާގައި ތިން ދުވަސް ހޭދަކުރައްވާނެ އެވެ.

ޝީ ވިދާޅުވި ގޮތުގައި ދުނިޔޭގެ މަސްލަހަތުގައި ރަޝިއާ އާއި ޗައިނާ ވަރަށް ގިނަ ކަންކަމުގައި ޚިޔާލު އެއްގޮތެެވެ. އަދި ދުނިޔެއަށް ހެޔޮ ގޮތް ވުމަށް ރަޝިއާއާ އެކު މަސައްކަތް ކުރެއްވުމަކީ ޗައިނާއަށް ލިބޭ ހިތްވަރެކެވެ.

ރަޝިއާއަށް ތައުރީފުކުރައްވައި ޝީ ވިދާޅުވީ ދެ ގައުމު ގުޅިފައި އޮތީ ހަމައެކަނި ބިމުގެ ޒައިއްޔާއިން ނޫން ކަމަށެވެ. އެ މަނިކުފާން އަދި ވިދާޅުވީ ފަރުބަދަތަކާއި ކޯރުތައް ވެސް ދެ ގައުމުގެ ގުޅުން ހިއްސާކުރާ ކަމަށެވެ.

ރަޝިއާގެ ފަސްގަނޑުގައި ފައިޖައްސާލަން އަނެއްކާ ވެސް ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޝީ ވިދާޅުވި އެވެ.

ޗައިނާ އާއި ރަޝިއާއާ ދެމެދު ދެކެވޭ ވާހަކަތަކުގައި ތިންވަނަ ފަރާތެއް ބައިވެރިކުރުމަކީ އޮތް ފުރުސަތެއް ނޫން ކަމަށްވެސް ޝީ ވިދާޅުވި އެވެ.

ޗައިނާ އާއި ރަޝިއާއާ ދެމެދު ގޮތް ގުޅުމުގެ ސަބަބުން ފައިދާކުރަނީ ހަމައެކަނި އެ ދެ ގައުމަށް ނޫންކަން ފާހަގަކުރައްވައި، ޝީ ވިދާޅުވީ ދެ ގައުމުގެ ގާތް ގުޅުމުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ފައިދާ ކުރާ ކަމަށެވެ.

"ބަޔަކު ބޭނުންހާ ބަދަލުތަކެއް ދުނިޔޭގެ ސިޔާސަތަށް ގެންނަން ހިފައިގަންނައިރު، ޗައިނާ އާއި ރަޝިއާ އޮންނަނީ އެއީ ދުނިޔެއަށް އެންމެ ރަނގަޅު ގޮތްތޯ ބެލުމުގައި،" ޝީ ވިދާޅުވި އެވެ.

"ދުނިޔޭގެ ބޮޑު ބަޔަކަށް އެކަމުން ފައިދާއެއް ނުކުރާ ނަަމަ، ޗައިނާއާ ރަޝިއާ އެކަމެއްގައި ބައިވެރިނުވާނެ" ކަމަށްވެސް ޝީ ވިދާޅުވި އެވެ.