ދުނިޔެ

ޗައިނާގެ ދިފާއީ ވަޒީރު ރަޝިއާއަށް ތައުރީފު ކުރައްވައިފި

ޗައިނާގެ ދިފާއީ ވަޒީރު ލީ ޝެންގްފޫ މިހާރު އުޅުއްވަނީ ރަޝިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މޮސްކޯގަ އެވެ.

މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައި، ޗައިނާ-ރަޝިއާ ދެމެދުގައި އޮތް ގާތް ގުޅުމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވަނީ ވާހަކަދައްކަވާފަ އެވެ.

ރަޝިއާގެ ޓީވީތަކުން ދުރަށް ދެއްކި ބައްދަލުވުމުގައި ލީ ވިދާޅުވީ ރަޝިއާ އާއި ޗައިނާ ގުޅިގެން ކުރި މަސައްކަތުން ފިނި ހަނގުރާމައިގެ ދުވަސްވަރު އުފެދުނު އަސްކަރީ-ސިޔާސީ ބާރުތައް އެއްފަރާތް ކުރެވިއްޖެ ކަމަށެވެ.

ޗައިނާ އާއި ރަޝިއާއާ ދެމެދު އޮތީ ވަރަށް ހަރުދަނާ ގުޅުމެއްކަން ފާހަގަކުރައްވައި، ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ ދެ ގައުމުގެ މިސްރާބު މިހާރު އޮތީ އާ މަރުހަލާތަކަކާ ދިމާއަށް ކަމަށެވެ.

ލީ ވިދާޅުވި ގޮތުގައި ޗައިނާގެ ދިފާއީ ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރަޝިއާއަށް ވަޑައިގަތުން އިޚުތިޔާރު ކުރެއްވީ ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށްޓަކައި ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ރަޝިއާ އަކީ ޗައިނާއަށް މުހިއްމު ގައުމެއް ކަމަށެވެ.

ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރު ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ޕޫޓިން ވިދާޅުވީ، ރަޝިއާ އާއި ޗައިނާއާ ދެމެދު އޮތް އަސްކަރީ އެއްބާރުލުމާ މެދު އުފާކުރައްވާ ކަމަށެވެ.

ޕޫޓިން ވިދާޅުވީ އަސްކަރީ ގޮތުން އިންޓެލިޖެންސް ބަދަލުކުރުމަކީ ވެސް ދެ ގައުމުގެ ދެމެދުގައި ކާމިޔާބުކަމާ އެކު ކުރިއަށްދާ އެއްބާރުލުމެއް ކަމަށެވެ.

ޗައިނާގެ ދިފާއީ ވަޒީރު ރަޝިއާއަށް ވަޑައިގެން މި އުޅުއްވަނީ ޗައިނާގެ ރައީސް، ޝީ ޖިންޕިން ރަޝިއާއަށް މިދާކަށް ދުވަހު ވަޑައިގެންފައި ވަނިކޮށެވެ.

ޝީގެ މިދަތުރުގައި ޕޫޓިންއާ ބައްދަލުކުރައްވައި ވަނީ ބޮޑެތި އެއްބަސްވުންތައް ހައްދަވާފަ އެވެ. މި ބައްދަލުވުމާ ބެހޭ ގޮތުން އާންމުވެފައި ވަނީ މަދު މިންވަރެކެވެ.