ޔޫގެންޑާގެ ޖަލެއްގައި ތިބި އެންމެ ބޮޑެތި ކުށްވެރިންގެ ތެރޭގައި ހިމެނޭ 200 ވަރަކަށް މީހުން އެ ޖަލުން މޮޅު ގޮތަކަށް ފިލައިފި އެވެ. މިއީ 2020 ގައި ހިނގި ހާދިސާއެއް ނަމަވެސް މި ވާހަކަ މާއަޑުގަދަކޮށް ދައްކަން ފެށީ މި ހަފުތާ ތެރޭގަ އެވެ.
މި މީހުން ފިލީ ވޯޑްން އަކަށް ހުރި މީހާގެ މައްޗަށް އަތްގަދަކޮށް އެމީހާ ހިފަހައްޓާފައި ބަހައްޓައިގެންނެވެ. އަދި އެންމެން ފިލީ ޖަލު ޔުނިފޯމް ބާލައި އެއްވެސް އަންނައުނެއް ނުލާ ތިބެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމީޙުން ލައްވާފައި ތިބި ޔުނިފޯމްތައް ބޭލީ އެއީ ކޮން ބައެއްކަން ވަކިކުރަން އޭރުން އުނދަގޫ ވާނެތީ އެވެ. އެމީހުން ތިބި ޖަލާ ޖެހިގެން އޮންނަނީ މައުންޓް މޮރޯޓޯ ފަރުބަދަ އަކާއި އެތާ ވަށައިގެން އޮންނަ ބިޔަ ބޮޑު ޖަންގައްޔެކެވެ. ޖަލުން ފިލައިގެން ގޮސް އެމީހުން ވަނީ އެ ޖަންގައްޔަށެވެ.
މި ގައިދީންތައް ޖަލުން ފިލި މަންޒަރު ފެނުނު މީހުން ވެސް ބިރުން ގޮސް ގަނޑުވެފައި ހަދާނެ ގޮތް ހުސްވެފައި ތިބީ އެވެ. އެކަކަށް ވެސް އެއްކަމެއް ވެސް ކުރާކަށް ނުކެރުނެވެ.
"އަހަރެމެން ދުށިން ގައިދީންތައް ފަރުބަދަ މައްޗަށް އަރައިގެން ފިލަން ދުވި މަންޒަރު. އެއީ ވަރަށް ގިނަ އަދަދެއްގެ މީހުން. އެހެންވެ އަހަރެން ބިރުން ގޮސް ހަލާކުނުވީ ކިރިޔާ،" މި މަންޒަރު ފެނުނު ކެވިން ނަކިރޫ ކިޔާ މީހަކު ބުންޏެވެ.
ގިނަ ބަޔަކު އެހާ ބިރުން އުޅުނީ ޖަލުން ފިލި ގައިދީންގެ ތެރެއިން ގިނަ މީހުންނަކީ އެންމެ ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ ވަރަށް އަނިޔާވެރި ބަޔަކަށް ވާތީ އެވެ.
ޔޫގެންޑާގެ ޕީޕަލްސް ޑިފެންސް ފޯސްގެ ތަރުޖަމާނު ޑިއޯ އަކިކީ ވިދާޅުވީ ގައިދީން ފިލީ ހަތިޔާރު ރައްކާކޮށްފައި ހުރި ތަނަކުން އޭކޭ-47ގެ 15 ރައިފަލް ވަގަށް ނަގައިގެން ކަމަށެވެ. އެހެންވެ ސެކިއުރިޓީ އަށް ތިބި މީހުންނަށް ވެސް އެމީހުން އަތުލަން އެހާ ފަސޭހަ ކަމަކަށް ނުވީ އެވެ.
އެމީހުންނާ ކުރިމަތިލާއިރު ދެ ފަރާތުގެ މެދުގައި ބަޑީގެ ހަމަލަތައް ބަދަލުކުރަން ޖެހޭނެކަން ޔަގީންވާތީ އިތުރު މިލިޓަރީ ސިފައިން ގެނެސްގެން ނޫނީ އެމީހުންނާ ކުރިމަތި ނުލެވުނީ އެވެ.
އެމީހުން ފިލިކަން އެނގުމާއެކު ހަތިޔާރުއެޅި ސިފައިން އައިސް އެ ފަރުބަދަ ވަށާލައި އެކަކަށް ވެސް އެތަނުން ބޭރަށް ނުދެވޭ ގޮތަށް ބަންދުކުރި އެވެ. ދެ ފަރާތުގެ މެދުގައި އޭގެ ފަހުން ވަރަށް ވަރުގަދަ ބަޑީގެ ހަމަލަތަކެއް ހިނގުމަށްފަހު ގައިދީން އަމާން ދިން އިރު މިލިޓަރީ މީހަކާއި ދެ ގައިދީން މަރުވެފައި ވެއެވެ.
ގައިދީން ފިލަން ވަން ފަރުބަދަ މަތީގައި އެމީހުން ކައިބޮއި ހަދާނެ ކާނާ ނުހުންނާނެ ކަމާއި އިސާހިތަކު އެމީހުން ބަނޑުހައިވެގެން އެތަނުން ފިލަން މަސައްކަތް ކުރާނެކަމަށް މިލިޓަރީ އަށް ޔަގީންވެ އެވެ. އެހެންވެ ފަރުބަދަ ވަށާލައިގެން ތިބެ ނުކުންނަ މީހުންނަށް ހަމަލާދީ އެންމެން ހައްޔަރުކުރި އެވެ.