ލައިފްސްޓައިލް

ފުލުހުން ބުނަނީ މިއީ އެންމެ ނަސީބު ދެރަ ދެ ވަގުންނޭ!

ވައްކަން ކުރަން އުޅޭ އެންމެންނަކީ ވެސް އެކަން މާ ރަނގަޅަށް ކުރަން އެނގިގެން އުޅޭ ބައެއް ނޫނެވެ. ހާއްސަކޮށް މި ހާދިސާގައި ވައްކަން ކުރަން އުޅުނު ދެ ވަގުންނެވެ.

އިންގްލެންޑްގެ ސްޓެފޯޑްޝަޔާގެ ޕޮލިސް ޗީފް އިނިސްޕެކްޓަރު ޖޯން އޮވެން ކުރި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މިމަހުގެ ހަވަނަ ދުވަހުގެ ރޭ ފުލުހުންނަށް ކޯލެއް އައެވެ. އަޑު އަހާލިއިރު މިއީ ވައްކަން ކުރަން ވަދެގެން އުޅޭ ދެ މިހުން ކުރެން އެކަކަށް އޮޅިގެން ފުލުހުންނަށް ގުޅުނީ އެވެ. އެމީހުން ވައްކަން ކުރަން ކުރި މަސައްކަތާއި ދެއްކި ވާހަކަތައް ފުލުހުން އަޑުއަހަމުން ދިޔަ އެވެ. އަދި ފޯނު ކޯލުން އެމީހުން ތިބި ތަން ހޯދައިގެން އެ ހިސާބަށް ކައިރިވީއިރު ފުލުސް ވެހިކަލުން އަޅަމުން ދިޔަ ސައިރަން ގެ އަޑުވެސް ވަގު ކަލޭގެ ޖީބުގައި އޮތް ފޯނުން ފުލުހުންނަށް އިވުނު ކަމަށް ޗީފް އިނިސްޕެކްޓަރު ވިދާޅުވެފައި ވެއެވެ.

މި ދެ ވަގުން ވައްކަން ކުރަން ވަދެ އުޅުމުގެ ތެރޭގައި ފޯނު މަތީގައި އެތަނުން އެކަކަށް އިށީނދެވުނީމަ ފޯނު އަމިއްލައަށް ހުޅުވިގެން 999 އަށް ފިތުނީ އެވެ. ފޯނުން ތަނަކަށް ގުޅިފައި ހުރި ކަމެއް ވަގު ކަލޭގެއަކަށް ނޭނގެ އެވެ. އެހެންވެ އެމީހުން ވައްކަން ކުރުމުގައި އަވަދިނެތި އުޅެމުން ދިޔައީ އެވެ.

ފުލުހުންގެ އިސް އޮފިޝަލް ސިފަ ކުރެއްވި ގޮތުގައި މިއީ "އެންމެ ނަސީބު ދެރަ ދެ ވަގުން"ނެވެ. ވައްކަން ކުރަން އުޅެމުން އަމިއްލައަށް ފުލުހުންނަށް ގުޅިގެން ފުލުހުން އެތަނަށް އައިސް އެ ދެ މީހުން ހައްޔަރުކުރުމަކީ ހަމަ ގައިމުވެސް ވަރަށް މަދުން ދިމާވާ ފަދަ ކަމެއް ނޫންކަމަށް އޯވެން ވިދާޅުވި އެވެ.

އޯވެންގެ މި ޓުވީޓަށް ވަރަށް މަޖާ ކޮމެންޓުތައް ބައެއް މީހުން ކޮށްފައި ވެއެވެ. ވަގުން ވައްކަން ކުރަން ވަދެ ތިބި ތަން ފުލުހުން ހޯދި ގޮތަކާ މެދު އެކަކު ސުވާލު އުފެއްދި އެވެ. އަނެއްކަކު ބުނީ ފޯނު ކުރި ލޮކޭޝަން ހޯދަން މާ އުނދަގުލެއް ނުވާނެ ކަމަށެވެ.

ތި މައްސަލަ މިހާރުވެސް ތިއޮތީ ނިމިފައި ކަމަށް އެހެން މީހަކު ބުނެފައި ވެއެވެ. ކޯޓަށް ގެންދާތަނުން އަނެއްކާ ތި ދެ މީހުން ދޫކޮށްނުލާނެބާއޭ ކޮމެންޓުކުރި އެހެން މީހަކު ސުވާލު އުފެއްދި އެވެ.

އެހެން ބައެއް މީހުން ސިފަ ކުރީ މިއީ ހޮލީޥުޑް މަޝްހޫރު ފިލްމެއް ކަމަށްވާ "ހޯމް އެލޯން"ގެ މަންޒަރަކާ ވަރަށް ގާތްކުރާ ހާދިސާއެއް ކަމަށެވެ. އެ ފިލްމުގައި ވެސް ވަގުންނަށް ދިމާވަނީ މިފަދަ ގޮތެއް ކަމަށް ކޮމެންޓުކުރި މީހާ ބުނެފައި ވެއެވެ.

ވައްކަން ކުރަން އުޅުނު މި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސްޓެފޯޑްޝަޔާ ފުލުހުން ބުނެފައި ވެއެވެ.

މިދިޔަ އަހަރު ކެލިފޯނިއާގައި ވެސް މި ކަހަލަ މަޖާ ކަމެއް ހިނގި އެވެ. އެ ފަހަރު ވަގުކަލޭގެ ވައްކަންކުރަން ފުރާޅަށް އަރައިގެން އުޅެނިކޮށް ސީލިން ފޫއަޅުވާލާފައި އެމީހާ އެތެރެއަށް ވެއްޓުނީ އެވެ. އެމީހާ ވެއްޓުނުއިރަށް ސެކިއުރިޓީ ކެމެރާތަކުން އެލާމް އަޅަން ފެށުމުން ހަދާނެ ގޮތް ހުސްވެގެން އެމީހާ އަވަހަށް ސިނގިރެޓާއި އެނާޖީ ޑްރިންކް ތަޅުތަކެއް ހިފައިގެން އެ ބާގަނޑުން އަރައިގެން ފިލީ އެވެ. ނަމަވެސް ސެކިއުރިޓީ ކެމެރާތަކަށް އެމީހާ އަރާފައިވަނީ ފުލުހުންނަށް އެމީހާ ހޯދާ ހައްޔަރުކުރަން މާ އުނދަގުލެއް ނުވި އެވެ.