މޯލްޑިވްސް ނޭޝަނަލް ޕާޓީ

ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މެއި 5ގައި

Mar 21, 2023
2

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެޑިޑޭޓް މުހައްމަދު ނާޒިމަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރުން މިއަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މިކަން އިއުލާން ކޮއްފައިވަނީ ނާޒިމު ރިޔާސަތުގައި އިންނަވައިގެން ރޭ ބޭއްވި އެމްއެންޕީގެ ހިންގާ ގައުމީ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގަ އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަށް ޕާޓީ ޓިކެޓް ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެމްއެންޕީގެ ނާއިބް ރައިސް ހުސައިން އިސްމާއިލްގެ ލީޑަޝިޕްގެ ދަށުން ކަމަށްވެސް ނިންމާފައިވެ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ ނާޒިމު އެކަންޏެވެ. ނާޒިމު ފިޔަވާ އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅުއްވާފައި ނުވާތީ ޕްރައިމަކާ ނުލައި ނާޒިމަށް ޓިކެޓް ކަށަވަރުވީ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް ބުނެފައިވަނީ އެމްޑީޕީއާއި، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއެންޕީ އެވެ. މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގެންދަވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.