ރާއްޖެ ކުޅިވަރު

ބޭރުގެ މުބާރާތަކުން ސާއިދަށް ދެ ރަން މެޑަލް

Mar 21, 2023
1

މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓު ހަސަން ސާއިދު އިންޑިއަން ގްރޯން ޕްރީ މުބާރާތުން ދެ ރަން މެޑަލް ހޯދައިފި އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ މި މުބާރާތުގައި ސާއިދު ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރާއި 200 މީޓާރުގެ އިވެންޓުންނެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާގައި 100 މީޓަރު ދުވުމުން އެތަށް ރިކޯޑެއް ހަދާފައިވާ ހަސަން ސާއިދު 100 މީޓަރު ރޭސް ނިންމާލާފައިވަނީ 10.67 ސިކުންތުންނެވެ. އަދި 200 މީޓަރު ރޭސް ނިންމީ 21.66 ސިކުންތުންނެވެ.

ހަސަން ސާއިދުގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިމިނަތް ޖާއިޝާ ޖުނީޒްއަށް މި މުބާރާތުގައި ވަނީ ބްރޯންޒް މެޑަލްއެއް ލިބިފަ އެވެ.

ޖާއިޝާއަށް ބްރޯންޒް މެޑަލް ލިބިފައިވަނީ އަންހެނުންގެ 800 މީޓާރު ރޭހުގައި ވާދަކޮށްގެންނެވެ. މި ރޭސް ޖާއިޝާ ނިންމާފައިވަނީ ދެ މިނެޓާއި 29.33 ސިކުންތުންނެވެ. މި ރޭހުގައި އެއްވަނަ ހޯދާފައިވަނީ ދެ މިނެޓާއި 9.18 ސިކުންތުން ރޭސް ނިންމި ނިއު ދިއްލީގެ ޗަންދާ އެވެ. ދެވަނައަށް ގޮސްފައިވަނީ ދެ މިނެޓާއި 12.06 ސިކުންތުން ރޭސް ނިންމި ދީކްޝާ އެވެ.

ނިމިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އެތްލެޓިކްސްއިން ފާއިތުވި އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން އެތްލީޓުގެ މަގާމު ހޯދި ސާއިދުއާއި ޖާއިޝާ މިހާރުވެސް އަންނަނީ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާ ހައި ކޮމިޝަނުން ދިން ސްކޮލަޝިޕެއްގައި ޓީމާއިއެކު ބެންގަލޫރުގައި ތަމްރީން ހަދަމުންނެވެ.

އިންޑިއަން ގްރޯން ޕްރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އެތްލެޓިކްސް ޓީމުގެ ރިފާ މުހައްމަދު ފިޔަވާ އެހެން ހުރިހާ އެތްލީޓުން ވާދަ ކުރާނެ އެވެ.