ދުނިޔެ

ފަލަސްތީނަކީ އޮންނަ ތަނެއް ނޫން ކަމަށް ބުނަން އިޒްރޭލަކީ ކޮންބައެއް: ޗައިނާ

ފަލަސްތީނަކީ ތާރީޚެއް ސަގާފަތެއް އޮތް ތަނެއް ނޫން ކަމަށާއި ފަލަސްތީން މީހުންނޭ ކިޔާ ބަޔަކު އުޅޭކަން އެނގޭނެ ގޮތެއް ވެސް ނެތް ކަމަށް ވިދާޅުވެ އިޒްރޭލުގެ މާލީ ވަޒީރު ބެޒަލްއެލް ސްމޮތުރިޒް ވަނީ ވާހަކަދައްކަވާފަ އެވެ.

ސްމޮތުރިޗްގެ މި ވާހަކަތަކަށް ރައްދުދެއްވައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވި ގޮތުގައި ވަޒީރެއް ގޮތުގައި ހުންނަވައި ސްމޮތުރިޗް ދެއްކެވީ ޒިންމާދާރުކަން ކުޑަ އަދަބެއް ސަދަބެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ފަލަސްތީނަކީ ނެތް ތަނެއް ކަމަށް ވިދާޅުވުމަކީ އިޒްރޭލުގެ އޮފިޝަލަށް އެޅުއްވިފައި އޮތް ޅައެއްޗެއް،" ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ފަލަސްތީން މީހުންނަނީ ތާރީޚުން ފެންނަ އޮތް ބައެއް ނޫން ކަމަށް ބުނާއިރު، އިޒްރޭލަކީ ކިހިނެއް އުފެދިފައި އޮތް ބައިގަނޑެއްކަން އިޒްރޭލުގެ އިސް އޮފިޝަލުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ފަލަސްތީނާއި އުރުދުންގެ ބިންތައް ޖަހައިގަނެގެން ތިބެ، އިޒްރޭލުގެ ބައެއްގެ ގޮތުގައި މި ތަންތަން ދުނިޔެއަށް ދެއްކުމަކީ އަގަލުކުޑަ އަމަލެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ވާހަކަދައްކަވަމުން ސްމޮތުރިޗް ވަނީ ފަލަސްތީން އަކީ ބަޔަކު އުފައްދައިގެން އުޅޭ ޚިޔާލީ ނަމެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީން މީހުންނަކީ އެއްވެސް ޒަމާނެއްގައި އުޅުނު ބައެއް ނަަމަ -- އެ ބަޔަކީ އޭނާގެ ކާބަފައިން ކަމަށެވެ.

ސްމޮތުރިޗް މިހެން ވިދާޅުވުމާ ގުޅިގެން މުޅި ދުނިޔެ -- ޚާއްސަކޮށް ފަލަސްތީނާއި އުރުދުން، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އެމެރިކާ، ފްރާންސް އަދި ޗައިނާއިން ވަނީ އޭނާގެ ބަސްތައް ކުށްވެރިކޮށްފަ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ މިހާރުވެސް އަނދަ އަނދާ އޮތް ތަނަކާ ބެހޭ މިފަދަ ވާހަކަތަކުން ހުޅުފަޅައިގެން ދިއުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ތަރުޖަމާން އަދި ވިދާޅުވީ އިޒްރޭލުގެ މިފަދަ ބަސްތަކުން ދޭހަވަނީ ސަރަހައްދީ މަސްލަހަތަށް އިޒްރޭލަކީ ފަރުވާކުޑަ ބައެއްކަން ކަމަށެވެ.