ލައިފްސްޓައިލް

އެނދު ތަންމަތި އަޅަނިކޮށް ބޮޑު ހަރުފައެއް ނިދާފައި އޮއްވާ ފެނިއްޖެ

އޮސްޓްރޭލިއާގެ އަންހެނަކު އޭނާ ނިދާ އެނދުގެ ބެޑްޝީޓް ބަދަލުކުރަނިކޮށް ދުވަހަކު ވެސް ނުގަންނަ ވަރުގެ ބިރުވެރި ކަމަކާ ކުރިމަތިވެއްޖެ އެވެ. އެއީ އެނދުގެ ފޮތިގަނޑު ދަށުގައި ހަ ފޫޓު ދިގު ހަރުފައެއް އޮއްވާ ފެނުނީމަ އެވެ.

ކުއީންސްލެންޑްގައި ދިރިއުޅޭ އަންހެން މީހާ ބުނި ގޮތުގައި ފުރަތަމައިނުން އޭނާއަށް ލޮލަށް ފެންނަނީ ހަމަ ހަގީގަތެއް ކަން ގަބޫލުކުރަންވެސް ދަތިވި އެވެ. ސަބަބަކީ އެކަހަލަ ކަމެއް ކުރިން ދިމާވެފައި ނުވާތީ އެވެ.

ހަރުފަ ފެނުމާއެކު އެ ސޮރަށް ގޯނާ ކުރުމުގެ ބަދަލުގައި އަންހެން މީހާ މަޑުމަޑުން ކޮޓަރިން ނުކުމެ ކޮޓަރީގެ ދޮގު ލައްޕައި އަދި ދޮރާއި ތަޅުންގަނޑާ ދޭތެރޭގައިވާ ޖާގައިގައި ތުވާއްޔެއް ބާއްވައި ހަރުފަ އަށް ބޭރަށް ނުނިކުމެވޭ ގޮތް ހެދި ކަމަށް އޭނާ ބުންޏެވެ.

ހަރުފަ ހިފައިގެން ގެންދާ މީހެއް ކަމަށްވާ ޒެކަރީ ރިޗާޑްސް އަށް އެންގުމުން ވަގުތުން އޭނާ އައިސް އެ ހަރުފަ ވަނީ ހިފައިގެން ގެންގޮއްސަ އެވެ.

ރިޗަޑްސް ބުނި ގޮތުގައި އަންހެން މީހާ އެ ހެދީ ހަމަ އެންމެ ރަނގަޅަށެވެ. ހަރުފައެއް ފެނިއްޖެނަމަ އަވަހަށް އެ ސޮރު އޮތް ތަނުން ދުރަށް ގޮސް ޕްރޮފެޝަނަލް މީހަކަށް އަންގަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

މި މީހާގެ ގެއިން ފެނުނު ވައްތަރުގެ ހަރުފައަކީ އޮސްޓްރޭލިއާގައި ވަރަށް އާއްމުކޮށް އުޅޭ އެއްޗެކެވެ. ނަމަވެސް މީހުން ދިރިއުޅޭ ގޭގެއަށް މިފަދަ ހަރުފަ ވަރަށް ނުވަދެ އެވެ.

ރިޗަޑްސް ބުނީ އެ ދުވަހަކީ އެ ހިސާބުގަނޑަށް ވަރަށް ހޫނު ގަދަ ދުވަހަކަށް ވާތީ ކޮޓަރިއަށް ވަދެ ހަރުފަ އަރާމުކޮށްލަން އޮތީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަންހެން މީހާ ބުނީ މީގެ ފަހުން އޭނާއަށް އެނދުގައި ނިދަން ނުކެރޭނެ ކަމަށާއި އެހާވެސް ބިރުގަނެފައިވާ ކަމަށެވެ.