އެންމެ ބާރަށް އަނގައިން ވައި ލީ މީހާގެ ރެކޯޑް އޮސްޓްރޭލިޔާ މީހަކު ގާއިމް ކޮށްފި އެވެ. މި މީހާ އެންމެ ގަދައަށް ލެއްވި އަޑު 112.4 ޑެސިބަލްސް އަށް އަރަ އެވެ.
އޮސްޓްރޭލިޔާގެ އުތުރުފަޅީގައި ދިރިއުޅޭ ނެވީލް ޝާޕް ގިނިސް ވޯލްޑް ރެކޯޑްސް އިން ޖާގަ ހޯދީ ރެކޯޑް ލެވެލް އަކަށް އަޑުގަދަކޮށް ވައި ލައިގެންނެވެ. ނެވީލް ވަރަށް ކުޑައިރުއްސުރެ ބާރަށް ވައި ލާން ދަސް ކޮށްފި އެވެ. އޭނާ މިކަން ދަސްކުރީ އޭނާގެ ދައްތަގެ ފަރާތުންނެވެ. އަދި 45 އަހަރުގެ ނެވީލް ކުޑައިރުއްސުރެ ދަސްކުރި މި ކަންތަކުގެ ސަބަބުން މިހާރު މިވަނީ ރެކޯޑް ފޮތުން ޖާގަ ލިބިފަ އެވެ.
ނެވިލް އަށް ރެކޯޑް ގާއިމް ކުރެވުނު ވައި ލާ އަޑު އިލެކްޓްރިކް ޑްރިލް އެއްގެ އަޑަށް ވުރެ ބާރެވެ. މި އަޑު އެންމެ ބޮޑަށް އެއްގޮތް ވާނީ ބާރަށް ޓްރަމްޕެޓެއް ނުވަތަ ޓްރޮމްބޯން އެއް ފުމުމާ އެވެ.
ނެވީލް މިފަހަރު ރެކޯޑް ހަދަން ވައި ލާފައިވަނީ ވައި ލާ އަޑު ވަޒަން ކުރެވޭ ކަހަލަ ސްޓޫޑިއޯއެއްގައި އިނދެގެން އެ އަޑުގެ ބާރުމިން ދެނެގަންނާނެ އާލާތްތައް ބޭނުން ކޮށްގެނެވެ. ނެވީލް މިފަހަރު ހެދި ރެކޯޑަކީ ކުރީގެ ރެކޯޑަށް ވުރެ ތިން ޕޮއިންޓް މަތި ރެކޯޑެކެވެ.
މީގެ ކުރިން އެންމެ ބާރަށް އަނގައިން ވައި ލުމުގެ ރެކޯޑް އޮތީ އިންގްލެންޑްގެ ޕޯލް ހާން އަށެވެ. އޭނާގެ ވައިލުމުގެ އަޑު 109.9 ޑެސިބަލްސް އަށް އަރަ އެވެ. ތިން ޕޮއިންޓުގެ ފަރަގުން ނެވީލް އަށް މި ރެކޯޑް މުގުރާލެވިފައި މިވަނީ ޕޯލް ރެކޯޑް ހެދިތާ 12 އަހަރު ފަހުންނެވެ.
ގިނިސް ވޯލްޑް ރެކޯޑު ފޮތުގައި ވަރަށް ގިނަ މީހުންގެ ތަފާތު އަޖައިބު ކުރުވަނިވި ރެކޯޑްތައް ހިމެނެ އެވެ. މި ރެކޯޑަކީ ތަންކޮޅެއް ތަފާތު ރެކޯޑެއް ނަމަވެސް ނެވީލް އަށް މި ރިކޯޑް ހެދުނީތީ އޭނާގެ އާއިލާގެ މީހުން ތިބީ ވަރަށް އުފަލުންނެވެ.