ލައިފްސްޓައިލް

ވާރޭ ވެހޭ ގޮތަށް އޮސްޓްރޭލިޔާ މަތިން މީދާ ފައިބަނީ

ހަމަ ހަގީގަތުގައި ވެސް އޮސްޓްރޭލިއާ އަށް މިދުވަސްވަރު މީދަލުގެ ވާރޭ އެބަ ވެހެ އެވެ. މިއީ ފާއިތުވީ އެތައް އަހަރަކު ވެސް އެ ގައުމު ދެކެފައި ނުވާ ވަރުގެ މީދަލުގެ ބޮޑު ވަބާ އެކެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ ގައުމުގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ޝެއާކުރި ބައެއް ވީޑިއޯތަކުން ފެންނަނީ ވާރޭ ވެހޭ ގޮތަށް އުޑުން މީދާ ފައިބަނިކޮށެވެ.

އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ނިއު ސައުތު ވޭލްސްގެ މަތިން ބިންމައްޗަށް މަރުވެފައި ހުރި މީދަލާއި ދިރިހުރި މީދާތައް ފައިބާ މަންޒަރުތައް އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕްރޭޝަންގެ ޖާނަލިސްޓް ލޫސީ ވަނީ ޓުވިޓާގައި ޝެއާކޮށް ވީޑިއޯ ދައްކާލާފަ އެވެ.

މީދާ ގިނަވެގެން ގޮސް އޭގެ އުނދަގޫ އިންތިހާއަށް ގޮސްފައިވާތީ ނިއު ސައުތު ވޭލްސްގެ ދަނޑުވެރިން މިހާރު ވަނީ މިކަމާ ހަނގުރާމަކުރަން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ. އަދި މިއީ "ގުދުރަތީ ކާރިސާ"އެއްގެ ގޮތުގައި އެމީހުން ސިފަކުރާ ކަމަށް ފޮކްސް ނިއުސް އިން ބުނެ އެވެ.

އޮސްޓްރޭލިއާގެ އިރުމަތީގައިވާ ރަށްތަކުގައި މީދާ ގިނަ ވެގެން ގޮސް، ފާއިތުވީ ދުވަސްތަކުގައި އެތައް ސަތޭކަ ހާސް މީދަލެއް ވަނީ އެ ގައުމުގެ ދަނޑުތަކާއި ގޮވާންތައް ކައި ސުންނާފަތިކޮށްފަ އެވެ. އެވަރުން ނުވެގެން ބައެއް މީދާތައް ވަނީ ރަށްފުށުގެ ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކަށް ވަދެ އެތަނުގައި ތިބި މީހުންގެ ގައިގައި ދަތްވެސް އަޅާފަ އެވެ.

ލޫސީ ޝެއާކުރި މީދާތައް މަތިން ފައިބާ މަންޒަރު ފެންނަ ވީޑިއޯ ވައިރަލް ވުމުން މި ބަލާފައި އެތައް ބަޔަކު ބިރުން ގޮސް ހަލާކުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

"ވީޑިއޯ އިން ނުފެނުނުނަމަ މިއީ ގަބޫލުކުރަން ވެސް ދަތިވާ ވަރުގެ ވާހަކައެއް. ކޮންފަދަ ބިރުވެރިކަމެއް،" ވީޑިއޯ އަށް ކޮމެންޓުކުރި މީހެއްގެ ޓުވީޓުގައި ލިޔެފައިވެ އެވެ.

އެހެން މީހެއްގެ ޓުވީޓުގައި ބުނި ގޮތުގައި މިއީ ވަރަށް ބިރުވެރި މަންޒަރެކެވެ. އަދި ވާރޭ ނުވެހުމުގެ ސަބަބުން ދަނޑުތައް ހިކިފައި އެތައް ދުވަހެއް ވެފައި ވަނިކޮށް ދިމާވި މީދަލުގެ މި ބޮޑު މުސީބާތުގެ ސަބަބުން ދަނޑުވެރިން އިތުރަށް މާޔޫސްވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.