ލައިފްސްޓައިލް

106 އަހަރުވީ މީހެއްގެ ދިގު އުމުރުގެ ސިއްރު!

އޮސްޓްރޭލިޔާގެ ޕާތުގައި ދިރިއުޅޭ މި މުނިކާފަ ދާދި މިދާކަށް ދުވަހު ވަނީ އޭނާގެ 106 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ. އުމުރުން ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައި ވިޔަސް ގޯޑަން އިވާސް އަށް އަދިވެސް މީހެއްގެ އެހީތެރި ކަމަކާ ނުލައި އެކަނި ހުރިހާ ކަމެއް ކޮށްގެން ދިރިއުޅުމަކަށް އެއްވެސް ދައްޗެއް ނެތެވެ. އޭނާގެ ސިއްހަތު އެހާ ވެސް ރަނގަޅެވެ.

ކުރިން ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އިވާސް ބުނަނީ އޭނާގެ ދިގު އުމުރުގެ ސިއްރަކީ ވަރަށް ސިމްޕަލް ދިރިއުޅުމެއް އުޅުން ކަމަށެވެ.

"އަހަރެންގެ މުޅި ހަޔާތުގައި ދުވަހަކުވެސް ރަލެއް ނުބޮން. ސިނގިރޭޓެއް ނުބޮން. އަހަންނަށް ހީވަނީ މިހާ ދިގު އުމުރެއް ސިއްހަތު ސަލާމަތުން ހޭދަ ކުރެވުނީ އަހަރެން މި އަމަލުތައް ނުކުރާތީހެން،" އިވާޒް ބުންޏެވެ.

އީވާޒްގެ ދިރިއުޅުމުގެ މޮޓޯ އަކީ "އާދައިގެ ދިރިއުޅުމެއް އުޅޭށެވެ! ގަވާއިދުން ނޭވާ ލާށެވެ! ޕޮޒިޓިވްކޮށް ވިސްނާށެވެ! އުންމީދާއެކު ދިރިއުޅޭށެވެ!" އެވެ.

އޮސްޓްރޭލިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އީވާޒް ބުނީ އޭނާގެ ހާލު މުޅިން ރަނގަޅުކަމަށެވެ. ނަމަވެސް އުމުރުން ދުވަސްވުމުން ހަށިގަނޑު މުސްކުޅިވުމުން ހަށިގަނޑުގެ ބައިތައް ފެއިލްވަމުންދާނެކަމަށް ޚުދް އޭނާވެސް ގަބޫލުކުރެ އެވެ.

އެކަނިމާއެކަނި މިހާރު ވެސް ދިރިއުޅޭ އީވާޒް ބުނި ގޮތުގައި އުމުރުން 106 އަހަރު ފުރުން ފާހަގަ ކުރެވުމަކީ އޭނާއަށް ހޯދުނު ކާމިޔާބެއް ނޫނެވެ. އޭނާއަށް އެ ގޮތް މެދުވެރި ކުރެއްވީ ކަމަށާއި އެކަމަށްޓަކައި އުފާކުރާ ކަމަށް އީވާޒް ބުންޏެވެ.

އުމުރާ ބަލާފައި އީވާޒްގެ ސިކުނޑި ވެސް ވަރަށް ބަރާބަރަށް މަސައްކަތް ކުރެ އެވެ. އޭނާގެ ވިސްނުން ތޫނުވެފައި ހަނދާން ވެސް އަދިވެސް ވަރަށް ގަދަ އެވެ.

އީވާޒްގެ ދޮށީ އަންހެން ދަރިފުޅު ޝާލީ ބާޓަން ބުނި ގޮތުގައި ބައްޕަ ގަދަވެ ސަލާމަތުން މިހާ ދިގު އުމުރަކު ހުރުމުން އޭނާ ކުޑަކޮށް ވެސް ހައިރާނެއް ނުވެ އެވެ.

"ބައްޕައަކީ ވަރަށް ފަސޭހަކޮށް ދިރިއުޅޭ މީހެއް. އެ އިރަކު އެ ދިމާވާ ކަމަކާ ވަރަށް ހަމަޖެހިލައިގެން ކުރިމަތިލާނީ. ހާސްވެގެން ކަންބޮޑުވެގެނެއް ނޫޅޭނެ. ރުޅިއެއްވެސް ނާންނާނެ،" ޝާލީ ބުންޏެވެ.

އީވާޒްގެ ހަގު ދަރިފުޅު މޭރިއަން ހޯލް ބުނި ގޮތުގައި އެ މިހުން ކުޑައިރު ބައްޕަ އެމީހުންގެ ހުރިހާ ކަމެއްގައިވެސް ވަރަށް ބޮޑަށް ޝާމިލުވެގެން އުޅެދެ އެވެ.

"ބައްޕަ އެންމެން ދެކެ ވެސް އެހާ ލޯބިވާނެ. އަދި މީހަކަށް ކަމެއް ޖެހޭ ވަގުތު އެމީހަކަށް އެހީތެރިވުމުގައި ބައްޕަ އަބަދުވެސް އެންމެ ކުރީގައި ހުންނާނެ. އަދި ބައްޕައަކީ ވަރަށް މަޖާ މީހެއް. އަދިވެސް ދައްކާނީ ހެއްވާ މަޖާ ވާހަކަތައް. ހަގިގަތުގައި ވެސް އެއީ ވަރަށް ރަނގަޅު ބައްޕައެއް،" މޭރިއަން ބުންޏެވެ.

އީވާޒް އުފަންވީ 1916 ވަނަ އަހަރު އެވެ. ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެ ވަނަ ބޮޑު ހަނގުރާމަ އޭނާ ދެކެފައިވެ އެވެ. އަދި ގްރޭޓް ޑިޕްރެޝަން އާއި ކޮވިޑް-19 ވެސް އޭނާއަށް ތަޖުރިބާ ކުރެވިފައި ވެއެވެ.

މީގެ ތެރެއިން ވެސް އީވާޒް އަށް އެންމެ ބޮޑު އަސަރެއް ކުރީ 1933 ގައި ކުރިމަތިވި ބޮޑު ޑިޕްރެޝަންގެ ދުވަސްވަރު އެވެ.

"އެ ތަޖުރިބާއިން އަހަރެންގެ މިޒާޖާއި އުޅުމަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވި. މިހާރުވެސް އަހަރެން ފައިސާ ޚަރަދުކުރުމުގައި ވަރަށް ބަލަން. އަދި ބޭކާރު ޚަރަދެއް ނުކުރަން،" އީވާޒް ބުންޏެވެ.