ލައިފްސްޓައިލް

ދަރިފުޅުވެސް ކިނބުލުގެ ޝިކާރައަކަށް ނުވީ ކިރިޔާ

ކިނބުލެއްގެ ޝިކާރައަކަށް ވެގެން މަރުވި ޓީވީ އެކްޓަރު އަދި ވައިލްޑްލައިފް އެކްސްޕާޓް ސްޓީވް އިރްވިންގެ ދަރިފުޅު ވެސް ކިނބުލެއްގެ ހަމަލަ ދިން ހަނި ގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

އަށާރަ އަހަރުގެ ރޮބާޓް އިރްވިން އަށް ޒުލެއްގައި އޮތް 13 ފޫޓު ދިގު ކިނބުލެއް ހަމަލަ ދޭ މަންޒަރުގެ ވީޑިއޯ ކްލިޕެއް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. ކިނބޫ ފުންމައިގަތުން އެ ސޮރު ކިބައިން ސަލާމަތްވާން ރޮބާޓް ދުވާ މަންޒަރު މި ވީޑިއޯގައި ފެނެ އެވެ.

ރޮބާޓް އަކީ ވެސް ބައްޕަ ފަދައިން ވައިލްޑްލައިފް ޝޯ އުފައްދައި ހުށަހަޅައިދޭ ކުއްޖެކެވެ. ކިނބޫ ހަމަލަދިނީ އޭނާގެ ޝޯ "ކްރިކީ! އިޓްސް ދަ އިރްވިންސް"ގެ އެޕިސޯޑެއް ޝޫޓް ކުރުމަށް އޮސްޓްރޭލިޔާގެ ޒުލެއްގައި އޮތް ބޮޑު ކިނބުލަކަށް ކާންދޭން އުޅެނިކޮށެވެ.

ގިނަ ބައެއްގެ ލޯބި ހޯދި "ކްރޮކޮޑައިލް ހަންޓާ" ސްޓީވްގެ ދަރިފުޅު ބުނި ގޮތުގައި ކިނބޫ ކުއްލިއަކަށް އޭނާއާ ދިމާލަށް ފުންމައިގަތުމުން އޭނާ ސަލާމަތްކުރީ ޒޫ ކީޕަރުން ކަމަށެވެ.

ކިނބޫ ހަމަލަ ދޭން މަސައްކަތްކުރިއިރު ރޮބާޓް ޓެސްޓްކުރަމުންދިޔައީ އޭނާގެ ޝޯ އަށް ޝޫޓް ކުރެވޭ ވަރަށް ކިނބޫ ހަމަޖެހިފައި އޮތްތޯ އެވެ. ނަމަވެސް ރޮބާޓް ކާންދޭން އުޅުމުން ކާ އެއްޗެތީގެ ބަދަލުގައި ކިނބޫ އޭނާއާ ދިމާލަށް ފުންމައިގަތުމުން ކުއްލިއަކަށް ޝޮކެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.