ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެކަމަށް ހައްލެއް ހޯދައިދީ ބަންދުގައިވާ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ "ވާނުވާ"ގައި ތިބުމަށެވެ.
އެމްއެންޕީގެ ސިޓީގައި އެދިފައިވަނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެނައުމަށެވެ. ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަން ފާހަގަކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ނިންމުމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ފަހިކޮށްދިނުމަށްވެސް ސިޓީގައި އެދިފައިވެ އެވެ.
މިސިޓީގައި ބުނެފައިވަނީ "ވާނުވާ"ގައި ތިބުމަކީ ރައްޔިތުންގެ އަސާސީ ހައްގަކާވެސް ގުޅޭ ކަމަކަށްވާތީ، މި މަސައްކަތަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންނާއި، ގާނޫނުގެ ވެރިކަން ކުރިއެރުވުމުގެ ޒިންމާ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަދާކުރަންވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްތެއް ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުކޮށްފައި ތިބި ކަމަށާއި އެ މީހުންގެ ޝަރީއަތް ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭ ކަމަށް ޖިނާއީ އިޖުރައާތުގެ ގާނޫނުގައި އޮތް ނަމަވެސް އެގޮތަށް އަމަލުނުކުރާކަންވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެއީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވުން ކަމަށްވެސް ސިފަކޮށްފައިވެ އެވެ.
ވާނުވާގައި ތިބި ބައެއް މީހުންގެ ޝަރީއަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެވޭނެ ގާނޫނީ ހަމައެއް ނޫން ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
މިސިޓީގައި ބުނެފައިވަނީ ވާނުވާ މައްސަލައާއި ގުޅިގެން މިމަހު ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދާހިލީ ވަޒީރާ ސުވާލު ކުރުމުން މީގެ އަސްލު މައްސަލަ ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކަ ވިދާޅުވެފައި ނުވާ ކަމަށެވެ.
ވާނުވާގައި ތިބި މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މުހިއްމުކަން ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކަށް ފެނިގެން، އެފަރާތްތަކުން މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.