ލައިފްސްޓައިލް

ސިކުނޑީގައި އިން ޓިއުމަރެއް ނެގިފަހުން މީހަކު 20 އިންޗި ދިގުވެއްޖެ

ކުޑައިރުއްސުރެ ޖެމީ ކޮނޯލީ ހުންނަނީ ހިކިކޮށް ކުޑަކޮށެވެ. ސްކޫލްގައި އުޅުނުއިރު ވެސް ކުލާހުގައި ތިބޭ އެހެން ހުރިހާ ކުދިންނަށް ވުރެ އޭނާ ހުންނަނީ މާ ކުޑަކޮށެވެ.

"އަހަރެން ހިޔެއް ނުކުރަން މިއީ ސިކުނޑީގައި ޓިއުމަރެއް އިނީމަ ވެގެން އުޅޭ ގޮތެއް ކަމަކަށް. ފަހުން އަހަންނަށް އެނގުނީ އަހަރެންގެ ސިކުނޑީގައި ޓިއުމަރެއް އިންކަމާއި އެ އިނީ ހަށިގަނޑުގެ ފަންކްޝަންތަކުގެ ތެރެއިން ހެދިބޮޑުވުމާއި ގުޅިފައިވާ ބައިގައި ކަން،" ޖެމީ ބުންޏެވެ.

ކެއާ ވޯކާ އެއްގެ ގޮތުގައި މަސައްކަތްކުރާ ޖެމީގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެނގިގެން އެ ނެގުމަށްޓަކައި ސާޖަރީ ހެދީ ޓީންއޭޖް އުމުރުގަ އެވެ. އޭރު އޭނާގެ އުމުރުން 16 އަހަރު ނަމަވެސް އިސްކޮޅުގައި ހުންނަނީ ހަތަރު ފޫޓު އެއް އިންޗި އެވެ.

އޭނާގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެނގުނީ ވީޑީއޯ ގޭމް ކުޅެން އެއް ދުވަހަކު އިންދާ ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓް ތަކުންނެވެ.

ޖެމީގެ ސިކުނޑީގައި އިނީ ވަރަށް ލަހުން ބޮޑުވާ ޓިއުމަރެކެވެ. އެހެންވެ އެ ޓިއުމަރު އެއްކޮށް ނެގުނީ އެތައް ފަހަރަކު ސިކުނޑީގެ ސާޖަރީ ހަދައިގެންނެވެ.

ސާޖަރީ އަށް ފަހު ޖެމީ އަށް އެއްކަމެއް ފާހަގަކުރެވެން ފެށި އެވެ. އޭނާގެ އިސްކޮޅުން ދިގުވާ ކަމެވެ. އެގޮތަށް ދިގުވަމުން ގޮސް ޖެމީގެ އުމުރުން 35 އަހަރު ފުރުނުއިރު ޖެމީގެ އިސްކޮޅުގައި ފަސް ފޫޓު ހަތް އިންޗި ހުއްޓެވެ.

މެންޓަލް ހެލްތު ވޯކާރެއްގެ ގޮތުގައި މިހާރު މަސައްކަތްކުރާ ޖެމީ ބުނީ މިހާރު ވެސް ގަވާއިދުން ސިކުނޑީގެ ސްކޭންތައް ހަދައި މޮނިޓާ ކުރަމުން ގެންދަން ޖެހޭ ކަމަށެވެ.