ހޮންޑިއުރަސްއިން ޓައިވާންއާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައި އެވެ.
ހޮންޑިއުރަސް އަކީ ޓައިވާންއާ އެކު ޒަމާންތަކެއް ވަންދެން ގުޅުން ދެމެހެއްޓި ގައުމެކެވެ.
ޓައިވާން އާއި ޗައިނާއާ ދެ ގައުމުން ކުރެ ގައުމެއް ނަގާއިރު، މަސްލަހަތު ބުރަވަނީ ޗައިނާ ކޮޅަށް ކަމަށް ހޮންޑިއުރަސްގެ ރައީސް ޝިއޮމަރާ ކާސްތުރޯ ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާ ގުޅުން ބަދަހިކުރުމަކީ ޝަރަފެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮންޑިއުރަސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔެ ދަންނަން ޖެހޭނީ އެންމެ ޗައިނާއެއް ކަމަށެވެ. ބެއިޖިން އަކީ އެންމެން ދަންނަ ޗައިނާގެ ވެރިރަށް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޓައިވާން އަކީ ޗައިނާއިން ވަކިކުރެވޭނެ ބައެއް ގޮތުގައި ހޮންޑިއުރަސް ނުދެކޭ ކަަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހޮންޑިއުރަސްގެ މި ގަބޫލުކުރުން ޓައިވާނަށް އަންގާފައިވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ހޮންޑިއުރަސްއިން މިހާރު ނިންމާފައިވަނީ ޓައިވާންއާ އެކު ސިޔާސީ ގޮތުން އެންމެ ފިޔަވަޅެއް ވެސް ނޭޅުމަށެވެ. ރަސްމީ ސިފައިގައި ޓައިވާންއާ އެކު ކުރާނެ މުއާމަލާތެއް ނޯންނާނެ ކަމަށްވެސް ހޮންޑިއުރަސްއިން ބުނެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މިކަމާ ބެހޭ ގޮތުން ބުނީ މިއީ ވަން ޗައިނާ ސިޔާސަތު ދުނިޔެ ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގަން ވިދާޅުވީ ދުނިޔެ ވަން ޗައިނާ ސިޔާސަތު ބަލައިގަތުން އާދައިގެ ކަމަކަށް ވެއްޖެ ކަމަށެވެ.
ޗިން، ޓައިވާނަށް އިންޒާރު ދެއްވައި ވިދާޅުވީ ވަކިވެގަތުމަށް ކުރާ އެއްވެސް މަސައްކަތެއް ޗައިނާ ބަލައިނުގަންނާނެ ކަމަށެވެ. އަދި ޗައިނާގެ ޝައުގުވެރިކަން އޮތް ދިމާއަކަށް ބެއިޖިން ހަލުއިކަމާ އެކު ދަތުރުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ހަބަރާ ގުޅިގެން ޓައިވާންގެ ފޮރިން މިނިސްޓަރު ޖޯސެފް ވޫ ވިދާޅުވީ ޓައިވާން ވެސް އޮތީ ހޮންޑިއުރަސްއާ އެކު ނޫން ކަމަށެވެ. އަދި ޗައިނާއާ ގުޅުން ބަދަހިކުރުމަކީ ހޮންޑިއުރަސް އިން ދެކޭ އަވާމެންދުރެއް ކަމަށެވެ.