އެމްއެންޑީއެފް

ސިފައިންގޭގައި ފުރަތަމަ ފަހަރަށް ޗީފް ވޮރެންޓް އޮފިސަރުން

Mar 27, 2023

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކް މުޅިން އަލަށް އުފައްދާ، ފަސް ބޭފުޅަކާ އެ މަގާމު ހަވާލުކުރައްވާ މަގާމުގެ ކުރިއެރުން ދީފި އެވެ.

މަގާމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގަ އެވެ.

މަގާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. މިފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މިއަދު ލިބިވަޑައިގެންވި ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މިއީ 130 އަހަރަށް ވުރެ ގިނަ އަހަރު ވެފައިވާ ސިފައިންގޭގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރުގެ މަގާމު އުފައްދާ، އެ މަގާމަށް އައްޔަންކުރެވުނު ސިފައިންގެ ބޭފުޅުން ތާރީހުގައި ލިޔެވިގެން ދާނެ ކަމަށެވެ.