އެސްޓީއޯ

އެސްޓީއޯގެ އެމްޑީއަކަށް ސައީދު

Mar 28, 2023

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖެއްސުމަށް އޭނާގެ ނަން ޕްރައިވެޓައިޒޭޝަން ބޯޑް -- ޕީސީބީއަށް ހުށަަހަޅައިފި އެވެ.

މިކަމާ ގުޅޭގޮތުން ޕީސީބީއާ ސުވާލުކުރުމުން އެތަނުގެ އޮފިޝަލަކު ވިދާޅުވީ އެ ތަނަށް ނަމެއް ހުށަހަޅާ ހިސާބުން އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ.

"އެހެންނަމަވެސް ކުންފުންޏެއްގެ ބޯޑަށް ލާން ނިންމައިފިނަމަ އަޅުގަނޑުމެން އެ މައުލޫމާތު ދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު އައްޔަންކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މިދިޔަ އާދިއްތަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސައީދު ވަނީ ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. އެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުން ސައީދުއާ ހަވާލުކޮށްފަ އެވެ.