ވާހަކަ

ނިވެމުންދާ ބައްތި

(ބުރާސްފަތި ދުވަހުގެ ނޫހާ ގުޅޭ)
އޮފީހަށް ދާން ތައްޔާރުވާން ހުއްޓާ މިޝްކާ ތެދުވެގެން އައެވެ. އަނގައިވެސް ނުބުނެ ބަލާލުމަށް ފަހު ފާހާނަ އަށްވަނެވެ. އިސްތިރިކުރި ގަމީސް ކޮބައިހޭ އެހިއެވެ. " ނާންނާނެ ކަމަށް ހީކޮށް އިސްތިރިއެއް ނުކުރަން މިދަނީ ކުރަން" މިޝްކާ އިސްތިރި ނުކުރާ ވާހަކަ ބުނުމުން ސައުން ދިޔައީ އާލިޔާ އުޅުނު ބަޔަށެވެ. އާލިޔާ އެއްޗެހި ބަހައްޓާފައި ހުންނަނީ އިސްތިރިކޮށްފައެވެ. އެހެންވެ އަވަސް އަވަހަށް އެބަޔަށް ގޮސް ތައްޔާރު ވިއެވެ.

ތިރިއަށް އައި އިރު މިޝްކާ ގަމީސް އިސްތިރި ކޮށްގެން ކޮފީ ހަދައިގެން ހުއްޓެވެ. އެކަމަކު ސައުން މަޑު ނުކޮށް ނުކުމެގެން ދިޔައެވެ.
މިޝްކާ ދަތް ކުނޑި ވިކާލުމަށްފަހު ތުން އަނބުރާލިއެވެ. ސައުންގެ ފުށުން އެ ފެނުނު ކަންތަކާއި ގުޅިގެން ހުރިހާ ނަފުރަތެއް ފިލުވަމުން ދިޔައި އާލިޔާއަށެވެ. ވުމާއެކު އެ ނަފުރަތުގެ ނިވަލުގައި އާލިޔާގެ ދުވަސް ދުއްވާލުމުގެ ނުބައި ޚިޔާލުތައް ވަސްވާސް ދެމުން ދިޔައެވެ. އަބަދަށް ޓަކައި ސައުންގެ ހަޔާތުން އާލިޔާ ނެރެ އެއްލާލުމަށެވެ. އެނބުރިއައުން ނުވާ ގޮތުގައެވެ. މާޒިވެ ދިޔަ ދުވަސްތަކުގައި ސައުން މިލުކު ކޮށްގެން ގެންގުޅުމަށެވެ. އޭނާގެ އެކަނި މިލުކަކަށް ސައުން ހެދުމަށެވެ.

ޒޯޔާ އަންނަތަން ފެނުމުން މިޝްކާ ރޯން ފެށިއެވެ. މަންމަ ރޮނީ ކީއްވެހޭ ޒޯޔާ އެހިއެވެ. ބައްޕަ ކޮބައިހޭ ސުވާލު ކުރިއެވެ. ޒޯޔާ އަށް ކަންތައްތަކުގެ ވާނުވާ އެނގޭ ވަރުވެއެވެ. "ބައްޕަ ރޭގައި ނަންނަނީތަ" އެހެން ބުނުމުން މިޝްކާ ބޯޖަހާލިއެވެ." ނުރޮއި މަންމާ! މަންމަ އަބަދު ރޯތަން ފެނުނީމަ ކޮއްކޮ ދެރަވޭ! ކީއްވެތަ؟ ބައްޕަ މަންމަ ދެކެ ލޯބި ނުވަނީ ކުރިން ކިހާ ރަނގަޅި މަންމައަށް އެކަމަކު..." މިޝްކާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ޒޯޔާ ފޮހެލަދިނެވެ. މިޝްކާގެ އަތުގައިވާ ފޯނު އަތުލުމަށް ފަހު ސައުންނަށް ގުޅިއެވެ. އޮފީހުގެ މަސައްކަތްތައް ހުރިގޮތުން އެވަގުތު އެ ފޯނަކަށް ޖަވާބެއް ނުދެވުނެވެ. އެކަމާއި ޒޯޔާ ހުރީ ވަރަށް ރުޅިގަދަ ވެފައެވެ. ސައުން އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.

އޮފީސް ނިމުނު ގޮތަށް ސައުން އައީ ގެއަށެވެ. އަންނަތަން ފެނުމުން ޒޯޔާ ގެ މޫނުމަތިން ރުޅިވެރކަން ފާޅުވިއެވެ. އަތުގައި ހިފައިގެން ގެނެސް ކުށްވެރިއެއް ފަދައިން ގޮނޑިގައި ބޭންދިއެވެ، ދެ އުކުޅުގައި އަތް ވިދެލުމަށް ފަހު ޒޯޔާ ސައުންނާއި ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. ތަހުޤީގީ ނަޒަރަކުންނެވެ.

"ބައްޕަ ރޭގައި ނިދީ ކޮންތާކު؟ ގެއަށް ނައީ ކީއްވެ؟ މަންމަ އަބަދު ރޮއްވަނީ ކީއްކުރަން؟ ކޮއްކޮމެން ވަރަށް ވަރަށް ދެރަވޭ މަންމަ ރޯތަން ފެނުމުން. މަންމަ ދެކެ ބައްޕަ ރުޅި އަންނަނީ ކީއްވެތަ؟" ޒޯޔާގެ ފުށުން އެފަދަ ސުވާލުތަކެއް ސައުންނާއި ކުރިމަތި ވެދާނެ ކަމަކަށް ފަހަރެއްގައި ވެސް ވިސްނާފައެއް ނުވެއެވެ. ހަނު ހިމޭންވިއެވެ. ޖަވާބުދޭން ޖެހުނު ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ކުދިންނަށް އެފަދަ ކަމެއް އެނގުމަކީ އެދޭ ގޮތަކަށް ނުވާތީއެވެ.

ވާހަކަ އޮޅުވާލައިގެން އިތުރު ދޮގެއް ހަދާހާ ހިތްވަރެއް ނުލިބުނެވެ. ބުއްދިވެރީ ހަނު ހުރުމެވެ. މި ކަންތައްތައް ކުދިންނަށް އެނގުމުން އެކުދިންގެ ހިތުގައި ނަފުރަތު އުފެދިދާނެތީއެވެ.

"ބައްޕަ ގެއަށް އައިން، އޮފީހަށް ދިޔައީ ވެސް މިކޮޅުން، އެކަމަކާއި މަންމަ ނުރޯނެ، ތިޔައީ ދަރިފުޅަށް ހީވިގޮތެއް" ސައުން އެހެން ބުނުމުން ޒޯޔާ ނަފުރަތާ އެކު ސައުންނާއި ހަތަރު ކަޅި ހަމަކުރިއެވެ. "ނޫން މަންމަ ރޯން އިންދަ،ފެނުނު. ބައްޕަ މިހާރު މަންމަ ދެކެ ލޯބި ނުވަނީތަ؟" ޒޯޔާގެ އެ ވާހަކަތަކުން ސައުންގެ ލޭގެ ހިނގުމަށްބަދަލު އައެވެ. ވިސްނުން ފުންކަނޑަކަށްގެބެމުން ދިޔައެވެ. އެހާ ތުއްތު ތުއްތު އިރު ސައުންނާއި މެދު ދަރިފުޅުގެ ހިތް، ހެޔޮ ނުވުމަކީ ފަހުން އޭގެ ނަތީޖާ ހިތިވާނެ ކަމެއް ކަމުގައި ހީކުރެވުނެވެ. ދަރިންނަށް އެންމެ ބޭނުންވާ ދުވަހު އެކުދިން ނަފުރަތު ކޮށްފާނެތީ ދެރަވިއެވެ.

ހަޤީގަތުގައިވެސް މިހާރު ސައުން މިޝްކާ ދެކެ ކުރިން ލޯބިވީ ވަރަކަށް ލޯތްބެއް ނުވެއެވެ. ދެމިހުންގެ ރުހުމާ އެކު ލޯބިވެގެން ކުރެވުނު ކައިވެންޏަކަށް ވާތި ސައުންގެ ހިތުގައި މިޝްކާއަށް ޓަކައި ކުލުނާއި އަޅާލުން ނެތޭކޭ ނުބުނެވޭނެއެވެ. އެހިތުގައި ހަމްދަރުދި ވެއެވެ. މިޝްކާ ދެރަވާތަން ބަލާކަށް ފަސޭހައެއް ނޫނެވެ. ހިތްހަމަ ނުޖެހުނަސް އެހިތުގައި ކޮންމެސް ޖާގައެއް މިޝްކާއަށް ޓަކައި ވާކަން ޖެހޭނީ ގަބޫލުކުރާށެވެ.
ޒޯޔާ ދިއުމުން ސައުން ހިޔާލުގެ ފުން ކަނޑަކަށް ގެނބެމުން ދިޔައެވެ. ދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކެވެ. އަލަތު ދަރިފުޅަށް ބަލިވެ އިނުމުން ދެމީހުންނަށް ލިބުނު އުފަލެވެ. ވިހަންވާ އިރަށް މުޅިގެއަށް ގެނައި ބަދަލުތަކެވެ. ދުވަހަކުވެސް ވަކިނުވާން އެދި އެކަކު އަނެކަކު ކުރި ހުވަޔާއި ވަޢުދުތަކެވެ. ވަރުބަލި ކަމެއް ނެތި ކުރެވުނު އިންތިޒާރު ތަކެވެ.
ހިޔާލުގެ ނާ ގޮސް ބީއްސާލީ މިޝްކާ ބޭވަފާތެރިވީ ހިސާބަށެވެ. ހިޔާލުތައް އެ ހާހިސާބުގައި މަންޒިލު ކުރެވުމާ އެކު ހިތުގެ ހިނގުން ބަދަލުވިއެވެ. ނޭވާ ކުރުވާން ފެށިއެވެ. ވިންދު ހަމައިން ނެއްޓެމުން ދިޔައެވެ. ނާރުތަކުގައި ދައުރުވަމުން ދިޔަ ލޭގެ ހޫނުކަން އިތުރުވަމުން ދިޔައެވެ. ނަފުރަތުގެ ހުޅު ހިތުގައި ރޯވަމުން ދިޔައެވެ. އެވަގުތު އަނދަމުން ދިޔަ ގިނީގެ ތެރެއަށް ފެން އަޅާ ނިންވާލި ޒީކުގެ ރުއިމުގެ އަޑެވެ. މިޝްކާގެ ފަހަތުން ޒީކު ރޮމުން އައެވެ. އެވަގުތު އެ ކޮޓަރިއަށް ޒޯޔާ ވަންނަން އައިސްފައި، އެނބުރި ދާތަން ފެނުމުން ރުއިން ހުއްޓާލުމަށް ފަހު ޒޯޔާގެ ފަހަތުން ޒީކު ދުއްވައި ގަތެވެ.

މިޝްކާ: އޮފިހުން އައިގޮތަށް އެއްޗެހި ވެސް ބަދަލު ނުކުރަނީތަ؟ ހިނގާ ކާންދާން އަހަރެން މިހުރީ ސައުން އަންނަން ދެން. ވަރަށްބަނޑުހައި ވެއްޖެ އެކުދިންވެސް އެތިބީ ނުކައި .
މިޝްކާ ކީ އެއްޗަކަށް މާބޮޑު ސަމާލުކަމެއް ދިން ހެނެއް ހިޔެއް ނުވެއެވެ. ބަލައި ވެސް ނުލިއެވެ. ނިތްކުރި މަތީގައި އަތް ބާއްވާ ލައިގެން އެނދުގައި ހުރަހަށް އޮތެވެ. އެންމެފަހުން މިޝްކާ ސައުންގެ ކައިރީގައި އިށީނެވެ.
ޒޯޔާގެ ވާހަކަތަކުން ސައުންގެ ހިތުގައި އުފެދުނު ތުނަވަސް ކަން ފިލުވާލަން ދަތިވިއެވެ. އެކަމާއި މެދު ފުންކޮން ވިސްނަމުން ދިޔައެވެ. މިޝްކާ އިށީނުމުން ދުރަށް ޖެހިލިއެވެ. ނަފުރަތާ އެކު ބަލާލިއެވެ. އެބަލާލުމުން މިޗްކާވެސް ޖެހިލުން ވާގޮތް ވިއެވެ. "ކުދިން އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ނުވެއްދުން އެދެން" މިޝްކާ ސައުންނާއި ދިމަ ބަލާލީ ވަރަސް ޖެހިލުންވެ އިނދެއެވެ" ކިހިނެއްވީ އެކުދިން ކައިރީގައި އެއްވެސް ވާހަކައެއް ނުދައްކަން"

ސައުން: ވާހަކައެއް ދެއްކީ އެއް ނޫން. ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ކުދިންނަށް ފެންނަ ގޮތަށް ރުއިމަކީ އަހަރެން އެދޭ ގޮތެއްނޫން އެފަދަ މަންޒަރުތައް އެ ކުދިންނަށް ފެނުމަކީ އެ ކުދިން ވިސްނަން ބޭނުން ނުވާ އެތައް ކަމަކާއ ވިސްނަން މަޖުބޫރު ކުރުވަ ފާނެ ކަމެއް. ނަފުސާނީ ގޮތުން އެސިކުނޑި ތަކުގައި ތަފާތު ހިޔާލުތައް އުފެދި ބަލި ކަށިވުން ގާތް . އެކަމުގެ ސަބަބުން ކިޔެވުމާއި ޢަޚްލާގަށް އެތައް ބޮޑު ބަދަލެއް ގެނުވާނެ. މިކަންތައްތްކާއި މެދު މިޝްކާ ވެސް ވިސްނަންވާނެ. އަހަރެން ދެވަނަ ކައިވެންޏެއްކޮށް ދެވަނަ އަންހެނަކާއި މެދު ވިސްނަން މަޖުބޫރު ކުރުވީ ޚުދު މިޝްކާ! ކުދިންނަށް އެކަމުގެ ޚަޤީގަތް އަންގާކަށް ބޭނުމެއް ނުވޭ! ޒޯޔާގެ ފުށުން މިއަދު އެފެނުނު ކަންތައްތަކާއި މެދު ފުންކޮން ވިސްނާލަންޖެހޭ!
މިޝްކާ: ކިހިނެއްވީތަ؟ ޒޯޔާ އެއްވެސް ވާހަކައެއް އަހަރެންގެ ކައިރިއަކު ނުކިޔަ. އެކަމަކު އެހި ބައްޕަ ކޮބައިހޭ؟ މަންމަ ޒޯޔާމެން ކޮޓަރީގައި އޮތީ ކީއްވެހޭ؟ އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެން.
ސައުން މިޝްކާގެ މޫނަށް ބަލާލިއެވެ. ކޮންމެސުވާލަކަށް ޖަވާބެއް ބޭނުންނުވެ ހިނގައިދާނެ. އެކަމަކު ފެންނަ މަންޒަރު ތަކުން އެ ސުވާލުތަކުގެ ޖަވާބު ލިބޭނެ.
ހިތްހަމަ ނުޖެހުމާއެކު އެނދުން ތެދުވެގެން ގޮސް އެއްޗެހި ބަދަލު ކުރިއެވެ. މިޝްކާއާއި އެކުގައި ކާން ދަމުން ޒޯޔާއާއި ޒީކު ވެސް ގެންދިޔައެވެ.

ހަވީރު ދުއްވާލަން ދާން ޒީކު އެދުނެވެ. ބައްޕަ ރައްޓެހި ދައްތަ ކޮބައިހޭ ޒީކު އެހިއެވެ. ސައުންނަށް ވުރެ ކުރިން މިޝްކާ ޖަވާބު ދީފިއެވެ. ދައްތަ އުޅެނީ ބަލިވެ އެހެންވެ ދައްތަ ގެ މަންމަ ކައިރިއަށް ގޮސް ވީ . ޒީކު ވެސް ބަލި ވީމަ މަންމަ ބޭނުން ވެއެއް ނޫންތަ؟ ކުޅޭގަޑިގައި މަންމި ބޭނުމެއް ނުވެއެއް ނު ދޯ!" އެހެން ބުނުމުން ޒީކުގެ ދެއަތުން މިޝްކާގެ ގައިގައި ބައްދާލިއެވެ. ސައުންނަށް މިތަން ފެނުމުން ހިތުގައި ތަފާތު ޝުއޫރުތައް އުފެދި އާލާވަމުން ދިޔައެވެ. ކުދިންނަށް އެކުދިންގެ މަންމަ މުހިންމު މިންވަރު ވަޒަން ކުރެވުނެވެ. އެންމެ ފަހުން ޒީކު އެދުނީ އާލިޔާ ދައްތަ ކައިރިއަށް ދާށެވެ. ކުރު ނުކުރުމުން މިޝްކާގެ ހުއްދަޔާ އެކުގައި އެގެއަސް ޒީކު ގެންދިޔައެވެ.

ޒީކު ގޮވައިގެން ސައުން އައިތަން ފެނުމުން އާލިޔާ އުފާވިއެވެ. ޒޯޔާއަށް ވުރެ ޒީކު އާލިޔާއާއި ރައްޓެހި ވާނެތީއެވެ. ކުޅެ ދުވެ މަޖާ ކޮށް ވާހަކަ ކިއުއްވާ ހަދާނެއެވެ. އެހެންވެ އާލިޔާގެ ހިތުގައި ގާތް ކަމެއް އުފެދިފައި ވަނީ ޒީކުއާ މެދު ގައެވެ. ޒީކު އައުމުން ގޭ ކުއްޖަކު އަތަށް އައިސްކުރިމް ގަންނަން ދޭން ފެށިއެވެ. އެތަން ފެނުމުން ސައުން އެކަން މަނާކުރިއެވެ. މިހާރަކު ނޫނެވެ. އެއްދުވަހަކުން އެންމެން އެކުގައި ދާނީއޭ ބުންޏެވެ. ސައުން އެކަން މަނާކުރީ ޒީކު އައިސްކުރީމް ބޮއިފަ ގޮސް ޒޯޔާ ގާތު ކިޔައިފި ނަމަ ޒޯޔާ ހިތް ހަމަ ނުޖެހި ދާނެތީއެވެ. ކުދިންގެ ކަންތައްތަކުގައި ކުރިއަށްވުރެ ބޮޑަށް ވިސްނައެވެ.

އާލިޔާ ކައިރީގައި އިރުކޮޅަކު މަޑު ކޮށްލުމަށްފަހު އެނބުރި ދާން ހިގައި ގަތެވެ. ދަމުން މިރޭ ފަހަރެއްގައި ނާދެވިދާނެއޭ ބުންޏެވެ. އާލިޔާ ހީލަމުން " އޯކޭ" އެކަމަކު ގުޅާތި" ވަގުތެއް ވެއްޖެއްޔާ ނިދުމުގެ ކުރިން ގުޅާނަން. އެކަމަކު އެ ފޯނުގެ އިންތިޒާރުގައި ނިދި ނަގާލައިފައި ހޭލާ ނުހުން ނާތީ. އެހަށް އަރާމު ކުރަން ވާނެ" އެހެން ބުނަމުން އާލިޔާގެ އަތުގައި ހިފާ ބާރު ކޮށްލިއެވެ.
ސައުން އެނބުރި ގެއަށް ދިއުމާ އެކުގައި ޒީކު ދިޔަ ތަންތަން ކިޔަން ފެށިއެވެ. އާލިޔާމެން ގެއަށް ދިޔަ ވާހަކަ ބުނުމުން މިޝްކާއަށް ވުރެ ބޮޑަށް ހިތް ހަމަ ނުޖެހުނީ ޒޯޔާއެވެ. ސައުން ފަސްދިން ތަނުން ޒޯޔާ ބުނާތީ އިވުނެވެ. "ޒިކު ކީއްކުރަން އެގެއަށް ދިޔައީ. އެއީ އެހާ ރަނގަޅު ދައްތައެއް ނޫން. އެ ދައްތަގެ ސަބަބުން ބައްޕަ އަހަރެމެން ގޮވައިގެން ޗުއްޓީއަށް ގޮސްފަ ވެސް އަވަހަށް ފޮނުވާލީ" ޒޯޔާގެ ހިތުގައި އާލިޔާއަށް ޓަކައި އުފެދިފައިވާ ނަފުރަތުގެ އެނގުމުން ވަރަށް ދެރަވިއެވެ.

ސައުންނަށް ކުދިންގެ ކިބައިން މިފެންނަ ކަންތައްތަކާއި މެދު ވިސްނަން މަޖުބޫރު ވަމުން ދިޔައެވެ. އާލިޔާއަށް ވުރެ ބޮޑަށް އާއިލާ މުހިންމުވާން ޖެހުނެވެ. ކުދިންގެ ރުހުމެވެ. އެކުދިންގެ ހިތުގެ ހަމަޖެހުމެވެ. މިހާހިސާބުން ކޮންމެސް އެއްނިންމުމެއް ނިންމަން މަޖުބޫރުވާހެން ހީވަމުން ދިޔައެވެ. އެހެނަސް...
ސައުން އެރޭ ގެ ހަތަރުދަން ހޭދަކުރި ވިސްނުމުގައެވެ. ކުދިންގެ ހިތް ހަމަޖެހުމާއި އުފަލަކީ އެކުދިންގެ މަންމައާއި އެކުގައި ސައުން ގިނަ ވަގުތު ހޭދަ ކުރާ ތަން ފެނުމެވެ. އެހެންކަމުން މިރޭ އޮފީހަށް ވެސް ނުގޮސް ގޭގައި މަޑުކުރުމަށް ނިންމިއެވެ. އޮފީހަށް ދިޔައަސް ކުދިންނަށާއި މިޝްކާއަށް މިހާރު ހީވާނީ ސައުން ވާނީ އާލިޔާ ކައިރީގައި ކަމަށެވެ. އާލިޔާ އަކަށް ނުގުޅައެވެ. އެންމެ ފަހުން ފޯނުވެސް ނިންވާލިއެވެ. އެހެންވެ އާލިޔާ އަކަށްވެސް ނުގުޅުނެވެ.

ހެނދުނު ހެނދުނާ ތެދުވެގެން އޮފީހަށް ދިޔައެވެ. މަސައްކަތްތައް ވަނީ ފުނި ޖެހިފައެވެ. ކުރިން އާލިޔާ ކުރަމުން ދިޔަ ހުރިހާ ކަމެއްގެ ރިސްކު އުފުލަން ޖެހިފައި ވަނީ ސައުންނަށެވެ. ވުމާއެކުގައި ހޭބޯނާރާ މަސައްކަތަށް ގެއްލިފައި ވެއެވެ. ނަވާލު ދެފަހަރަކު ބަލާލިއެވެ. އާލިޔާ ކޮބައިތޯ ބެލުމަށެވެ. އެކަމަކު ސައުން ބިޒީވެފަ އިންތަން ފެނުމުން އެއިން ކަމެއްގެ މައްޗަކުން ހަނދާނެއް ނުވިއެވެ.
ސައުންނަށް އެނބުރި ގެއަށް ދެވުނީ އިރުއޮއްސެން އުޅެނިކޮންނެވެ. ފެންވަރައިގެން ނަމާދު ކޮށްލުމަށް ފަހު ކުދިވެރިންގެ ކައިރީގައި ސްކޫލް މަސައްކަތްތައް ކުރުވަން މަޑުކޮށްލިއެވެ. މަސައްކަތް ބުރަވުމުގެ ސަބަބުން ވަރުބަލި ވެފައިވާ ސިކުނޑިއާ އެކުގައި ނިދީގެ އަރާމަށް ސައުން ގެއްލެމުން ދިޔައެވެ. އެތަން ފެނުމުން ޒީކު ގޮވައިގެން މިޝްކާ ވަނީ ކޮޓަރިއަށެވެ. އުނދަގުލެއް ކޮށްފާނެތީއެވެ.
ދުވަސްތަކާއި މަސްތައް ހުއްޓުމެއް ނެތި ހިނގަމުން ދިޔައެވެ. ހަފުތާއެއްހާ ދުވަސް ފަހުން ވެސް އާލިޔާ ހަމައަށް ސައުން އާދެއެވެ. އެހެން އަންނަ ފަހަރަކު ވެސް ނިދާކަށް ނޯވެއެވެ. އެކަމާއި ހިތް ހަމަ ނުޖެހުނު ނަމަވެސް ޝަކުވާ ކުރާހާ ހިތްވަރެއް އާލިޔާގެ ނެތެވެ. ( ނުނިމޭ)