ގަވަރމެންޓް އީ-ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ އާ ވާޝަން، ޖެމްސް ވާކް ސްޕޭސް ތައާރަފް ކުރުމާއި ލިޔެކިޔުންތައް ބަދަލުކުރުމުގެ އުސޫލުތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފި އެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައިވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި މިހާރުގެ ޓެކްނޮލޮޖީއާ އެއްހަމައިގައި ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. މިގޮތުން ޖެމްސްގެ އާ ވާޝަން ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ލޯންޗު ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
އަލަށް ތައާރަފްކުރެވޭ ޖެމްސްގެ އާ ވާޝަން ފަރުމާކޮށްފައިވަނީ ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުންކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.
މީގެ އިތުރުން ޖެމްސް ވާކް ސްޕޭސް ލޯންޗު ކުރުމުގެ ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތް ކުރެވޭނެ އެވެ.
މިހާރު ބޭނުން ކުރަމުންދާ ގަވަރުމެންޓް އީ-ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)އަކީ، 2010 ވަނަ އަހަރު ބޭނުން ކުރަން ފެށުނު ސިސްޓަމެކެވެ. އަދި އޭރު ޖެމްސް ޑިވެލޮޕްކުރުމަށް ބޭނުންކޮށްފައިވާ ފްރޭމްވޯކާއި، ޓެކްނޮލޮޖީ އައުޓްޑޭޓްވެފައި ވުމުގެ ސަބަބުން، ޖެމްސް މެނޭޖްކޮށް ސަޕޯޓް ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ޓެކްނޮލޮޖީ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.