ކެބިނެޓް

ޔޯގާ ހަމަނުޖެހުން: 39 ކަމެއް އިސްލާހުކުރަން ހުށަހަޅައިފި

Aug 30, 2022

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިނގާދިޔަ ފަދަ ހަމަނުޖެހުމެއް ތަކުރާރު ނުވާނެ ގޮތެއް ހެދުމަށްޓަކައި 39 ކަމެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށް ދަނިކޮށް ބަޔަކު ވަނެ ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހު ގަލޮޅު ދަނޑަށް ވަދެ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ ބައެއް ތަކެއްޗަށް ގެއްލުން ދީފަ އެވެ.

މިހަމަނުޖެހުން ބަޔަކު ހިންގީ ޔޯގާ ހަރަކާތުގައި ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރުގެ ބައެއް އިއްޒަތްތެރިންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ އެތައް ބަޔަކު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފަ އެވެ. އޭގެތެރެއިން ބައެއް މީހުންގެ ތަހުގީގު ނިމުމުން އެ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޔޯގާ ދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތައް ބެލުމަށް ރައީސް ސޯލިހް ވަނީ ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަޒީރުންގެ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހެޅުއްވުމުން ވަޒީރުންގެ މަޖިލީހުގައި ވަނީ އެ ރިޕޯޓަށް މަޝްވަރާކުރައްވާފަ އެވެ.

މި ރިޕޯޓްގައި އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމިޓީން ކުރައްވާފައިވާ މަސައްކަތްތައް ހިމަނުއްވާފައިވެ އެވެ. އެގޮތުން މި ރިޕޯޓްގައި ފަސް ދާއިރާއަކުން 39 ހުށަހެޅުމެއް ހުށަހަޅުއްވާފައިވެ އެވެ.

މީގެތެރޭގައި ހިމެނެނީ ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި އަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ހިލާފް އުފެދޭ ކަންކަމުގައި އަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުއްވުން ފަދަ ކަންކަމެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް ސޯލިހް މިއަދު ވަނީ ނިންމަވާފަ އެވެ.