ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން ރަޝީދު ހަސަން އަދި އެންވަޔަރަންމަންޓް މިނިސްޓަރު ކަމަށް އައިމިނަތު ޝައުނާ އައްޔަން ކުރައްވާފަ އެވެ.
މިއީ ޝައުނާ ކެބިނެޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޝައުނާ މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ. ހުސައިން ކުރިން ހުންނެވީ ތިމާވެށި މިނިސްޓަރު ކަމުގަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް ސޯލިހް ވަނީ އެ ދެ ބޭފުޅުން ވަޒީރު ކަމަށް އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ.
ޝައުނާ އާއި ޑރ. ހުސައިން އަށް ވަޒީރު ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ކުރިން ހުރި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަށް ފަހު އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަދަލު ކުރުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާފައި މިވަނީ އެ މިނިސްޓްރީގެ ވަޒީރަކަށް ހުންނެވި މުހައްމަދު މަލީހް ޖަމާލް މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަގާމުން ވަކިކުރުމަށްފަހު އެ ވުޒާރާ ހުސްކޮށް އޮންނަތާ ދުވަސްތަކެއް ފަހުންނެވެ.
ހުސައިން ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ޒަހާ ވަހީދު މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ.