ކެބިނެޓް

ކެބިނެޓަށް މާދަމާ ބަދަލު ގެންނަނީ

May 1, 2021
20

ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް މާދަމާ ބައެއް މަގާމުތަކަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމައިވައިފި އެވެ.

ވަރަށް އިތުބާރު ހުރި ފަރާތަކުން އަވަސްއަށް މައުލޫމާތު ދެއްވި ގޮތުގައި ހަަތަރު މަގާމަކަށް ބަދަލު ގެނައުމަށް ވަނީ ނިންމަވާފަ އެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓަރާއި އާއި ފިޝަރީޒް މިނިސްޓަރާއި އަދި ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމެވެ.

ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމާފައިވާއިރު ފިޝަރީޒް މިނިސްޓަރުކަން ދެއްވަނީ މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަށެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހަމަޖައްސަވަނީ ރައީސުލްޖުމްްހޫރިއްޔާގެ އޮފީހުގެ ޕޮލިސިޓީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެވެ. ސައިންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ ކުރީގެ މިނިސްޓަރު މަހުމޫދު ރާޒީ ކަމަށް އެނގިފައިވެ އެވެ.

އަވަސްއާ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ މާދަމާގެ ވަގުތެއްގައި އެ ބަދަލު ގެންނަވާ އެކަން އިއުލާނު ކުރައްވާނެ އެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ އެ މަސައްކަތް ރައީސް ސޯލިހް ފެއްޓެވީ ކޯލިޝަން ޕާޓީތަކަށް އެކަން އެންގެވުމަށްފަހު އެވެ. ކޯލިޝަން ލީޑަރުންނަށް އެންގެވި އެންގެވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ބައެއް ވަޒީރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށާ އެކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާ ހަލުވި ކުރެއްވުމަށް ފިޔަވަޅު އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

އެ މަަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ސޯލިހް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގެވުމަށް ރަނގަޅު ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.