ކެބިނެޓް

ކެބިނެޓަށް ބަދަލު ގެންނާނީ ލީޑަރުންގެ މަޝްވަރާއަށްފަހު: މަބުރޫކް

ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާ ކެބިނެޓަށް ބަދަލު ގެންނަވާނީ ލީޑަރުންގެ މަޝްވަރާއަށް ފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ނިންމަވާ އެ މަސައްކަތް ރައީސް ސޯލިހް ފެއްޓެވީ ކޯލިޝަން ޕާޓީތަކަށް އެކަން އެންގެވުމަށްފަހު އެވެ. ބައެއް ޕާޓީތަކަށް ސިޓީ މެދުވެރިކޮށް އަދި ބައެއް ޕާޓީތަކުގެ ލީޑަރުންނަށް ފޯނުން ގުޅުއްވާ އެކަން އަންގަވާފައިވެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ރައްޔިތުން އެ މެސެޖް ދީފައިވާ ކަމަށެވެ.

"ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޯލިޝަންގެ ޕާޓްރަނުންނާއެކު މި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން. ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަތަކުގެ ތެރެއިން އެެއް ވާހަކައެއް ހިންގަވަން ތިއްބަވާ ބޭފުޅުންނާ ގުޅޭ ވާހަކައަކީ. އަދި އޭގެ ތެރެއިން އެއް ސަބް ޕޮއިންޓް ކެބިނެޓްގައި ތިއްބަވާ ވަޒީރުންނާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް. ޖުމްލަ ގޮތެއްގައި އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން ދަނީ،" މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ބަދަލު އަންނާނީ ލީޑަރުންގެ މަޝްވަރާއަށް ފަހު ކަމަށެވެ. އަދި މަޝްވަރާތައް ނިމުމާއެކު އެ ތަފްސީލުތައް ހާމަ ކުރައްވާނެ ކަމަށެވެ.

ވަރަށް އިތުބާރު ހުރި ފަރާތަކުން އަވަސްއަށް މައުލޫމާތު ދެއްވި ގޮތުގައި ހަަތަރު މަގާމަކަށް ބަދަލު ގެނައުމަށް ވަނީ ނިންމަވާފަ އެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓަރާއި އާއި ފިޝަރީޒް މިނިސްޓަރާއި އަދި ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމެވެ.

ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމާފައިވާއިރު ފިޝަރީޒް މިނިސްޓަރުކަން ދެއްވަނީ މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަށެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހަމަޖައްސަވަނީ ރައީސުލްޖުމްްހޫރިއްޔާގެ އޮފީހުގެ ޕޮލިސިޓީ ސެކްރެޓަރީ އައިމިނަތު ޝައުނާ އެވެ. ސައިންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ ކުރީގެ މިނިސްޓަރު މަހުމޫދު ރާޒީ ކަމަށް އެނގިފައިވެ އެވެ.

މި ނޫން ބައެއް ބަދަލުތައްވެސް ގެންނެވުމަށް ރައީސް ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށް އެނގިފައިވެއެވެ.