މޯލްޑިވްސް ޕޮލިސް ސާވިސް

ކުރީގެ ޕްރެޒެންޓަރު އާޒިމް ގެއްލިގެން ހޯދަނީ

Mar 28, 2023
2

ރާއްޖެ ޓީވީ އާއި ދިވެހި ޗެނަލް އަދި ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކުރީގެ ޕްރެޒެންޓަރު އިސްމާއީލް އާޒިމް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމްގެ ހަބަރެއް ނުވެގެން އާއިލާ އިން ފުލުހުންނަށް އެންގީ މިއަދުގެ ވަގުތެއްގަ އެވެ.

އާޒިމްގެ އެއްވެސް ހަބަރެއް މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އާޒިމްގެ ފޯނަށް އަވަސް އިން ގުޅިއިރު އޭނާގެ ފޯނުވެސް ވަނީ ނިއްވާލާފަ އެވެ. އެކަމަކު އާޒިމްގެ އިންސްޓަގްރާމު އެކައުންޓުން މީގެ ދެ ދުވަސް ކުރިން ޕޯސްޓެއް ކޮށްފައިވެ އެވެ.

މީހުން ގެއްލިގެން ފުލުހުންނަށް މިފަހުން މައްސަލަ ހުށަހަޅާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިފަދަ މައްސަލަތައް އިތުރުވާ ސަބަބުތައް ބެލުމަށް ފުލުހުންގެ އިސްވެރިން މަޖިލީހަށް ވެސް ހާޒިރުކޮށްފައިވެ އެވެ.