ރިޕޯޓް

އިމާރާތް ކުރުން އިތުރުވެއްޖެ، ފާހަގަ ވޭތަ؟

  • ގިނަ އިމާރާތްތަކެއް މިހާރު ހަދަމުންދޭ
  • އާ ގާނޫނުން ދާއިރާއަށް ގިނަ ފުރުސަތުތައް ހުޅުވިފައި
  • މިއީ އިގްތިސޯދު ރަނގަޅުވާކަމުގެ ހެއްކެއް

ވަރަށް ގިނަ އިމާރާތްތައް ހާއްސަކޮށް، މާލޭގައި އެބަ ކުރެ އެވެ. އާއްމު ގިނަ ބައެއްގެ ގެތަށް ހަމަ ހަދަނީ އެވެ. ބުރި ބުރިއަށް ނެގުން ގިނަ ވެއްޖެ އެވެ. ކުދި ތަންތަންކޮޅުގައި ހުންނަ ބިން ކޮޅުގައި ވެސް އިމާރާތް ކުރަން ފަށައިފި އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އިމާރާތް ކުރުން އިތުރު ވެގެންދާކަން ފާހަގަ ވޭ ހެއްޔެވެ؟

"އިމާރާތް ކުރުން އިތުރުވެފައިވާކަން ފާހަގަވޭ. ވެގެން އުޅޭ ގޮތަކީ ބޭންކުން ފައިސާ ލެންޑް ކުރުން ފަސޭހަ ވެގެން އުޅެނީ،" ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލްކުރާ ޖަމިއްޔާ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދަށް ބަލާއިރު އިމާރާތް ކުރުމުގެ ސިނާއަތަކީ އެންމެ ބޮޑު ހިއްސާއެއް ކުރާނެ އެއް ދާއިރާ އެވެ. މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ވެސް ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ބަޖެޓުގައި އަންދާޒާ ކުރި ގޮތަށް އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރަމުން އަންނަތަން ފެންނަމުން ދެ އެވެ. ނަމަވެސް މި ދާއިރާ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކަމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށަށް ދިއުމެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2014 ވަނަ އަހަރުގެ ޖޫން މަހު ދުނިޔޭގެ ބާޒާރުގައި ތެލޮ ފީފާއެއްގެ އަގު 116 ޑޮލަރަށް ހުރި ނަމަވެސް މިހާރު ތެލުގެ އަގު މިވަނީ 50 ޑޮލަރާ ހަމައަށް ދަށަށް ގޮސްފަ އެވެ. ތެލުގެ އަގު ގާތްގަނޑަކަށް 50 ޕަސެންޓް ދަށަށް ދިއުމުގެ ސަބަބުން އިމާރާތް ކުރުމުގައި ބޭނުންކުރާ މުހިންމު ބައެއް ސާމާނުގެ އަގު ވެސް މިވަނީ ދަށްވެފަ އެވެ. ހާއްސަކޮށް އިމާރާތް ކުރުމަށް ބޭނުންކުރާ ދަނޑުގެ އަގު ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑުތަން ދަށްވެފައިވެ އެވެ. ދަގަނޑުގެ އަގުތައް ދަށަށް ގޮސްފައިވާ ގޮތަށް ބަލާއިރު 2014 ވަނަ އަހަރު 1،400 ޑޮލަރަށް ލިބުނު ދަގަނޑު ޓަނެއްގެ އަގު ދުނިޔޭގެ ބާޒާރުގައި މިހާރު ހުރީ 600-550 ޑޮލަރާއި ދެމެދުގަ އެވެ. މިއީވެސް އިމާރާތް ކުރުމުގެ ދުވެލި ހަލުވި ވެގެން އުޅޭ އެއް ސަބަބެވެ. މިކަމުގެ އަސަރު ރާއްޖެއާ ހަމައަށް ވެސް ފޯރައިފި އެވެ.

މަސީގެ ރައީސް ޖަނާހު ވިދާޅުވީ ހައުސިން ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ބޭންކްތަކުން އިމާރާތް ކުރުމަށް ދޫކުރާ ލޯނުތައް ފަސޭހަވުމަކީ ވެސް އިމާރާތް ކުރުން އިތުރުވި އެއް ސަބަބެއް ކަމަށް ބެލެވޭ ކަމަށެވެ.

"މީގެން ދައްކުވައިދޭ އިގްތިސާދު ރަނގަޅު ވަމުން އަންނަކަން. މިއީ އިގްތިސާދު ރަނގަޅުވާކަމުގެ ހެއްކެއް،" ޖަނާހު ވިދާޅުވި އެވެ.

އިމާރާތް ކުރުން އިތުރުވި އަނެއް ސަބަބެއް ކަމަށް ކޮންސްޓްރަކްޝަން ކުންފުނިތަކުން ބުނަނީ ދިގު މުއްދަތަށް ކުންފުނިތަކުން ހަދާ އިމާރާތްތަކުގެ އަދަދު އިތުރު ވެގެން ދިއުމެވެ.

ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިސް މުވައްޒަފަކު ބުނި ގޮތުގައި އިމާރާތްތައް ހަދާތަން ފެންނަނީ ކުންފުނިތަކުގެ މަސައްކަތްތައް އިތުރުވުމުން ކަމަށެވެ.

"ލޯނު މި ދޫކުރަނީ 20 ޕަސެންޓް ހަމަވުން. އެހެންވެ ކުންފުނިތަކުން ކުރާ ކަމަކީ 20 ޕަސެންޓް ކްލައިންޓަށް ދައްކައި ދެނީ. އޭރުން ބޭންކުން ލޯނު ލިބޭ. އެހެންވެ އިމާރާތް ހެދޭ. އެގޮތަށް މިހާރު ގިނަ އިމާރާތްތަކެއް އެބަކުރޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އިމާރާތް ކުރުމާ ބެހޭ ގޮތުން އަލަށް ހެދި ގާނޫނަކީ މިދާއިރާގެ މަސައްކަތް ފުޅާވާން ދިމާވި އެއް ސަބަބު ކަމަށެވެ.

"އާ ގާނޫނުގެ ދަށުން އެކި ފްލޯ އާއި އެޕާޓްމަންޓްތައް ގަންނަ ފަރާތްތަކަށް އޯނާޝިޕް ބަދަލުކޮށްދެވޭ. އެހެންވެ އިންވެސްޓްކުރާ ފަރާތްތަކުން އިންވެސްޓްކޮށްފައި ވިއްކާލެވޭ އަލަށް ހެދި ގާނޫނުގެ ދަށުން. މިކަމުން ވަރަށް ބޮޑަށް ކޮންސްޓްރަކްޝަން ދާއިރާ ތަރައްގީ ވެގެން ދޭ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން 20 އަހަރު ނޫނީ 30 އަހަރަށް އިމާރާތް ހަދައިގެން، ތިބި ނަމަވެސް އެތަން އަމިއްލަ ނުކުރެވޭ ކަމަށެވެ.

"މިކަހަލަ ފުރުސަތެއް ހުޅުވާލީމަ ލޯނެއް ނަގައިގެން ނަމަވެސް ތަނެއް ގަނެވޭ. އަނެއް ކަމަކީ މާލެ އާއި ހުޅުމާލޭގައި ހުރިހާ އިމާރާތްތައް ހަދާއިރު ވެސް ރެންޓް ދަށެއް ނުވޭ.ޑިމާންޑް ހަމަ މައްޗަށް ދަނީ. އެކަހަލަ ސަބަބު ތަކަށްޓަކައި އިމާރާތް ހެދުން އިތުރު ވަނީ،" އަބްދުﷲ ވިދާޅުވި އެވެ.

އިމާރާތް ކުރުން އިތުރުވިނަމަވެސް ގޮންޖެހުންތައް ގިނަ

އިމާރާތް ކުރުމުގެ މަސައްކަތް އިތުރުވެ، މި ސިނާއަތް ވަރުގަދަ ވިނަމަވެސް މި ދާއިރާގައި ގިނަ ދަތިތަކެއް އެބަ ހުއްޓެވެ. ހާއްސަކޮށް ބޭންކްތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އިމާރާތް ކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް މަތިވުމާއި ލޯނު ނަގަން ފުރަތަމަ ބަހައްޓަން ޖެހޭ އަދަދު ގިނަވުމަކީ މި ދާއިރާއަށް އޮތް ހުރަހެކެވެ.

ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައަކީ އާމްދަނީގެ ނިސްބަތް މަތިވި ނަމަވެސް ދިރިއުޅުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުން ކަމަށެވެ.

"ބޭންކުން ލޯނު މި ލިބެނީ އާއްމު ގޮތެއްގައި 20 ޕަސެންޓް ވަރު ހުރެގެން. އެ ވަރަށް ސޭވް ކުރަން ޖެހޭ. ނަމަވެސް މިވާގޮތަކީ ކުލި ދެއްކުމަށްފަހު ފްލެޓެއް ގަންނަން ނޫނީ ގެއެއް ހަދަން ސޭވް ކުރާނެ އެއްޗެއް ނޯވެ. މިހެންވެ މި ރޭޓް ދަށް ކުރަނިކޮށް އިމާރާތް ކުރުން އަދި ވެސް އިތުރުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އިމާރާތް ކުރުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްވުމަކީ ވެސް އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުން ކަމެކެވެ. ބޭންކްތަކުން ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމުގެ މަގުސަދުގައި ސަރުކާރުން ވަނީ ޓީ-ބިލްގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފަ އެވެ.

ކުރިން، ނުވަ ޕަސެންޓުގައި ހުރި ޓީ-ޓީބިލްގެ އިންޓްރެސްޓް ރޭޓް ދަށްކުރުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މި ބަދަލުގެ ސަބަބުން ލޯނުގެ އިންޓްރެސްޓް ރޭޓް ދަށްކުރަން ބޭންކް ތަކަށް މަޖުބޫރުވާނެ ކަމެއް ކަމަށެވެ.

""މީގެ ސަބަބުން ބޭންކުތަކުން ދޫކުރާ ލޯނުގެ އިންޓްރެސްޓް ކުޑަކުރަން މަޖުބޫރުވެގެންދާނެ. މި ރޭޓް ދަށް ކުރުމުގެ ކުރިން ބޭންކްތަކާއި ވާހަކަ ދައްކާ އެފަރާތްތަކުގެ އެންޑޯސްމެންޓް ވެސް ވާނީ ހޯދާފައި. ވީމާ ކައިރި މުސްތަގުބަލެއްގައި ބޭންކްތަކުން ލިބޭ ލޯނުގެ އިންޓްރެސްޓް ރޭޓު ވަރަށް ބޮޑުތަން ދަށް ވެގެންދާނެ، މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރަން،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައިވެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާއަކީ ރާއްޖޭގެ މުހިންމު ސިނާއަތެވެ. އެހެންކަމުން މި ދާއިރާއަށް އަންނަ ކުރިއެރުމުން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަ ތަނެވެ. އެކަން ފާހަގަވޭ ހެއްޔެވެ؟