ރާއްޖޭގެ އިގްތިސޯދު ހީނަރުވެ، ރައްޔިތުންގެ އަތްމަތި މިއޮތީ އިންތިހާ އަށް ދަށްވެފަ އެވެ. މި ހީނަރުކަމުގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކުން ފެނެ އެވެ. މިފަދަ ދަތިވަގުތެއްގެ މެދުތެރޭ ރާއްޖެ ވަނިކޮށް މާދަމާ ރާއްޖޭން ބޮޑު އިންތިހާބަކަށް ވޯޓުލާން ނުކުންނާނެ އެވެ. ތާރީހީ ދެ އިންތިހާބަކީ އަންހެނުން ކުރިއަރުވާ ކޮމެޓީތައް އެކުލަވާލުމުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބެކެވެ. މި ދެ އިންތިހާބަށް ބަލާއިރު މިހާލަތުގައި ގައުމެއްގެ އިގްތިސޯދީ ހާލަތު އޮންނަ ވަގުތެއްގައި ކުރަން ނުބައްދަލު ބޮޑު ހޭދައެއް ކުރަމުންދާކަން އެނގެ އެވެ. މި ހިސާބުން ފެންނަނީ އިންތިހާބުގެ ހޭދަ ހީކުރި ވަރަށް ވުރެ އިންތިހާއަށް މަތީގައި ހުރި ތަނެވެ. މި އިންތިހާބުގެ "އަގަކީ" ކޮބައި ހެއްޔެވެ؟
އިންތިހާބަށް ކެނޑޭޓުން ކުރި ހަރަދު ހޯދުމަށްޓަކައި އަވަސް އިން ގިނަ ގޮތް ގޮތުން ހޯދާފައިވާނެ އެވެ. ކެނޑިޑޭޓުންގެ ކެމްޕޭން މެނޭޖަރުންގެ ފަރާތުންނާއި ޕާޓީތައް އަދި އެހެނިހެން ގޮތް ގޮތުން ކެނޑިޑޭޓުންނަށް ހަރަދު ކުރާ ފަރާތަކުން އަވަސް އިން އެއް ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އެއް ކޮށްލައިގެން ބާއްވާ ތާރީހީ ދެ އިންތިހާބުގެ ހޭދަ އުޅެނީ ބިލިއަން ރުފިޔާއިން މަތީގަ އެވެ.
ކޮވިޑާއެކު އިންތިހާބުގެ ހަރަދު ބޮޑުވި
މި އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ކުރަން ބޮޑު ހޭދައެއް ކުރަން ޖެހިފައިވެ އެވެ. އިންތިހާބު ބާއްވަން ކުރިން އޮތް ތާރީހުގައި ބާއްވަން ދައުލަތުގެ ބަޖެޓުން އިލެކްޝަނަށް ދީފައިވަނީ 50 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19 ގެ މަޖުބޫރީ ގައިދުރުކަމާއި ސިއްހީ ގޮތުން އަޅަން ޖެހިފައިވާ ފިޔަވަޅުތަކާއެކު މި ހޭދައަށް އިތުރު 20 މިލިއަން އިތުރުވެ، 70 މިލިއަން ރުފިޔާ އަށް ވުރެ ވަނީ މަތިވެފަ އެވެ. މިއީ ވެސް މި އިންތިހާބުގެ "އަގު" ބޮޑުވުމުގެ ސަބަނެވެ.
މި އިންތިހާބުގެ ކެމްޕޭން ރޭހަށް ޖުމްލަ 3،934 ކެންޑިޑޭޓުން ނުކުތެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2،264 ކެނޑިޑޭޓުންނާއި އަންހެނުންގެ ކޮމެޓީ ތަކަށް 1،670 ކެންޑިޑޭޓުންނެވެ. މީގެތެތެއިން ކޮންމެ ބޭފުޅެއްގެ ފަހަތްޕުޅުގައި ވެސް ކޮންމެ ވެސް ފައިސާވެރި ބޭފުޅެއް ނުވަތަ ހަރަދު ކުރާނެ ސޭޓެއް ހުއްޓެވެ.
އަގު އެންމެ ބޮޑި މޭޔަރުންގެ ގޮނޑި
އިންތިހާބުގައި އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދަނީ ސިޓީ ކައުންސިލް ތަކަށް ވާދަ ކުރައްވައިގެން އުޅުއްވާ މޭޔަރުންނެވެ. އިންތިހާބުގެ "ހޫނު ގޮނޑި" އަކީ މޭޔަރުގެ ގޮނޑި ކަމަށް ބެލެވެ އެވެ. ސަބަބަކީ ސިޓީތައް ކޮންޓްރޯލް ވުމުގައި މޭޔަރުންގެ ދައުރު ބޮޑުވުމެވެ. އެހެންވެ މި ވާދަވެރިކަން އެންމެ ބޮޑީ މާލޭގެ މޭޔަރުކަމުގެ ގޮނޑީގަ އެވެ. މާލެ އަށް ތިން ބޭފުޅަކު ވާދަ ކުރައްވަ އެވެ. އަދި އައްޑު އަށް ތިން ބޭފުޅުން ފުވައްމުލަކު ސިޓީ އަށް ތިން ބޭފުޅުން އަދި އަލަށް މޭޔަރުން ނަގާ ކުޅުއްދުއްފުށި ސިޓީއަށް ހަތަރު ބޭފުޅުން ވާދަކުރައްވަ އެވެ.
މި ވާދަވެރި "ހޫނު ގޮނޑި" އަށް ވާދަކުރައްވާ ބޭފުޅުން އެވްރެޖު ކެމްޕޭން ހޭދަ އުޅޭ ކަމަށް ބެލެވެނީ 500،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދު އެވެ. މިއީ އަދި އެންމެ މަދުވެގެން ވެސް ހޭދަކުރާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދެވެ.ނަމަވެސް މިއީ ހަމަ އަންދާޒާ އެކެވެ. ބައެއް ބޭފުޅުން ހަރަދުތައް ހުރި ގޮތަށް ބަލާއިރު މި އަދަދު މަތިވުމަކީ ވެސް ވުން ގާތް ކަމެކެވެ.
މޭޔަރުންގެ ގޮނޑި އަށް އަންނަން ކުރަން ޖެހިފައިވާ ހޭދަ މި އަދަދުން ހިސާބެއް ހަދާނަމަ 13 މޭޔަރުންގެ ޖުމްލަ ކެމްޕޭން އުޅެނީ 6.5 މިލިއަން ރުފިޔާ އާއި 13 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
ކެމްޕޭނަށް މޭޔަރު ކަމަށް އަންނަން މި ވަރުގެ ހޭދައެއް ކުރިނަމަވެސް މި މަގާމަށް ކެމްޕޭން ކުރައްވާ ބައެއް ބޭފުޅުންގެ މި ހޭދަ ކުރާ ކަމަށް އެއްބަހެއް ނުވެ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުންނަމަ ކެމްޕޭނަށް ލައްކަ އެއްހާ ރުފިޔާ ވެސް ހޭދައެއް ނުކުރެ އެވެ. އަދި ރާއްޖޭގެ ބޮޑެތި ބައެއް ޕާޓީ ތަކުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި އެ މީހުންގެ ކެނޑިޑޭޓުންނަށް "ކޮފީ" ބަޖެޓުގެ ގޮތުގައި ގާތްގަނޑަކަށް ދެވިފައިވާނީ 500ރ. ވަރެވެ. އެ ކަމަކު މިއީ ބުއްދި ގަބޫލު ކުރަން ދަތި ކަމެވެ. ސަބަބަކީ މިހާރު ހިދުމަތްތަކުގެ އަގު ހުރި ގޮތަށް ބަލާއިރު މި އަދަދު އެތަށް ގުނައެއް މަތިވާނެ ކަމަށް އަންދާޒާ ކުރެވުމެވެ. ހަމަ ގައިމުވެސް އިންތިހާބު ނިމުމުން ކޮންމެވެސް އަދަދެއް އިލެކްޝަނަށް ހުށަހަޅަން ޖެހޭނެ އެވެ.
މި ކެމްޕޭންގައި ޕާޓީ ތަކުން ދޭ ފައިސާގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންގެ "ޖީބުން" ކެނޑިޑޭޓުނަށް ކުރާ ހަރަދު ވެސް ކުޑައެއް ނޫނެވެ. މައުލޫމާތު ދިން ބައެއް ކެނޑިޑޭޓުންގެ ކެމްޕޭން ޕޯޓަރު ހަދަން ވިޔަފާރިވެރިންނަށް ލިބިފައި ހުރި އިންވޮއިސްތަކުގެ އަގު އެކަނި ބެލިނަމަވެސް 20،000 ޑޮލަރު (ގާތްގަނޑަކަށް 308،400ރ.) އިން ގުނާލެވެ އެވެ. އެހެންވެ މޭޔަރުން ކަމަށް ކުރާ ހޭދައިގެ މި ހިސާބު މަތިވުމަކީ ގާތް ކަމެކެވެ.
މޭޔަރު ކަމަށް ފައި ނަގައިގެން ތިއްބެވި ކެނޑިޑޭޓުން ނެގުމަށްފަހު ކައުންސިލް އިންތިހާބުގެ އެހެން ކެނޑިޑޭޓުންގެ ގޮތުގައި ވާދަ ކުރާ އެހެންވެ މީހުން އެވްރެޖު ގޮތެއްގައި އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާގެ ހޭދައެއް ކެމްޕޭން ކޮށްފައިވެ އެވެ. މި ގޮނޑިތަކަށް ވާދަކުރެއްވި ބައެއް ބައެއް ބޭފުޅުން ވަނީ ދުރާލާ ހޮވިފަ އެވެ. އެހެންވެ ހޮވިފައިވާ ކެނޑިޑޭޓުންގެ ކެނޑުމަށްފަހު ބެލިނަމަވެސް މި އަދަދު އުޅެނީ 225 މިލިއަން ރުފިޔާ އާއި ގާތްގަނޑަށް އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއްގަ އެވެ. މިއީ މި ގޮނޑިތަކަށް ވާދަކުރާ މީހުން ޖުމްލަކޮށް ކެމްޕޭނަށް ކޮށްފައިވާ ހޭދަ ކަމަށް ބުނެވިދާނެ އެވެ.
މި އަހަރު ކޮވިޑް-19 ގެ ހާލަތު އޮތުމުން ބޮޑު ހޭދައެއް ކުރަމުން ގެންދަނީ ސޯޝަލް މީޑިއާ މާކެޓިން އަށެވެ. އެވްރެޖުކޮށް ކެނޑިޑޭޓެއް ދެ ހާހެއްހާ ޑޮލަރު ހަމައެކަނި ސޯޝަލް މީޑިއާ މާކެޓިން އަށް ކުރާނެ ކަމަށް ބެލެވެ އެވެ.
އަންހެނުން ކޮމެޓީ އާއި ސިޓީ ކައުންސިލް ތަކަށް ޕާޓީ ތަކުން ކެމްޕޭން ކުރަމުން ގެންދަނީ އެކުއެކީގަ އެވެ. އަންހެނުން ކޮމެޓީ ތަކަށް ކުރަމުން ގެންދާ ކެމްޕޭންގައި އާއްމު ގޮތެއްގައި ކެނޑިޑޭޓަކު 20،000ރ. އާއި 50،000ރ. އާ ދެމެދުގެ ހަދަރެއް ދަނީ ކުރަމުންނެވެ. މި ވަރުގެ ހަދަރެއް ކުރާނަމަ 1،670 އަންހެނުން ކޮމެޓީގެ ކެންޑިޑޭޓުންގެ ޖުމްލަ ހޭދަ ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 66 މިލިއަން އާއި 83 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.
މި ހުރިހާ އަދަދެއް އެއްކޮށް ބަލާނަމަ މުޅި އިންތިހާބަށް ކުރަމުން ގެންދާ ހޭދަ އެއް ބިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. މިއީ މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 273،128 މީހުންގެ ބޮލަކަށް ބަލާނަމަ ގާތްގަނޑަކަށް 3،661ރ. އެވެ. މި އިންތިހާބުގެ އަސްލު އަގަކީމި އެވެ.