ޓައިވާންގެ ކުރީގެ ރައީސް މާ ޔިން ޖޯ 12 ދުވަހުގެ ދަތުރެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ.
މިއީ ޗައިނާ އާއި ޓައިވާންއާ ދެމެދު ގުޅުން ގޯސްވެފައި އޮތް މިފަދަ ދުވަސްވަރެއްގައި ޓައިވާންގައި ވެސް ޗައިނާއަށް ތާއީދު އޮތްކަން ދުނިޔެއަށް ދައްކުވައިދިން ދަތުރެކެވެ.
މާ ޔިން ޖޯ، 73، ޗައިނާއަށް ވަޑައިގެން ނަންޖިންގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޓައިވާންގައި ތިބިހާ ބަޔަކާއި ޗައިނާގައި ތިބިހާ ބައެއްގެ ކާބަފައިންނަކީ އެއްބައެއް ކަމަށެވެ. އެހެންކަމުން އެއްބައެއްގެ ގޮތުގައި މި އެންމެން ނުވާނެ ސަބަބެއް ނެތް ކަމަށެވެ.
މާ ޔިން ޖޯގެ މި ދަތުރުގެ ހަގީގީ މާނަ އަދީ އޮތީ ފޮރުވިފަ އެވެ. އެހެން ނަމަވެސް، ޗައިނާއިން ދެންމެ ދެންމެ ޓައިވާނަށް އަރައިގެންފާނެ ކަމަށް ހީވެފައި އޮތް މި ދަނޑިވަޅުގައި، ޓައިވާންގެ މިހާ އިސް ބޭފުޅަކު ޗައިނާއަށް ދަތުރުކުރައްވައި އަދި ޗައިނާއަށް މާކުސް އިތުރުވާ ގޮތަށް ވާހަކަދެއްކެވުމަކީ އަޑީގައި ކޮންމެވެސް ކަމެއް ފުރޮޅެމުންދާ ކަމުގެ ނިޝާނެކެވެ.
ޓައިވާންގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ވަނީ މާ ޔިން ޖޯގެ މި ދަތުރު ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ޓައިވާނަށް އޯގާތެރިކަމެއް ނެތް ކުލުނެއް ނެތް ބައެއްގެ ތެރެއަށް ވަޑައިގެން މާ ޔިން ޖޯ ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވެރިކަންކުރާ ޕާޓީން ވަނީ ބުނެފަ އެވެ.
މާގެ ދަތުރާ މެދު ޓައިވާނަށް އޮތް އަނެއް ޕްރެޝަރަކީ މިދާކަށް ދުވަހާ ޖެހެންދެން ވެސް ޓައިވާންއާ އެކު ވަރަށް ގާތް ގުޅުމެއް ދެމެހެއްޓި ހޮންޑިއުރަސް އިން -- ޓައިވާނާ ސިޔާސީ ގުޅުން ކަނޑާލައި ޗައިނާއާ ސިޔާސީ ގުޅުން ބަދަހިކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މާ ޔިން ޖޯ ޗައިނާއަށް ވަޑައިގަތުމެވެ.
މާގެ މި ދަތުރުގައި ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކާ ބައްދަލުކުރައްވާ ގޮތަށް ތާވަލުގައެއް ނެތެވެ. އެހެންނަމަވެސް ސިއްރިއްޔާތުގައި އަދި ފޯނުކޯލެއްގެ ޒަރިއްޔާއިން މަޝްވަރާކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ.
މާ ވިދާޅުވި ގޮތުގައި ޗައިނާއަށް ވަޑައިގެން ޗައިނާ ތެރޭގައި ދަތުރުކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެކެވެ. އަދި މި ދަތުރުގެ ސަބަބުން ޗައިނާ އާއި ޓައިވާންއާ ދެމެދު ގާތް ގުޅުމެއް އުފެދި ސުލްހައަށް މަގުފަހިވުމަކީ އުއްމީދެކެވެ.
ޗައިނާއަށް ވަޑައިގަން މާ ޔިން ޖޯ މި މޭރުމުން ވާހަކަދައްކަވާއިރު، ޓައިވާންގެ ރައީސް ސައި އިންވެން އެމެރިކާއަށް ކުރައްވާ ދަތުރެއްގައި ބުދަ ދުވަހު ވަޑައިގަންނަވާނެ އެވެ. މިއީ ޗައިނާއަށް ސީދާ ގޮންޖެއްސެވުމަށް ކުރައްވާ ދަތުރެކެވެ.
ސައި އިންވެންގެ މި ދަތުރުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރައްވާނެ އެވެ.
ޗައިނާއިން މި ދަތުރަށް ރައްދުދީ ބުނެފައިވަނީ މެކާތީއާ ބައްދަލުކުރައްވައިފިނަމަ ބަދަލުގައި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.