މި ދުވަސްކޮޅު އެންމެ ބޮޑު ސަމާލު ކަމެއް ހޯދާފައި ވަނީ ޒިކާ ވައިރަސްގެ ވާހަކައިންނެވެ. އެހެން ކަމުން ޒިކާ ވައިރަސްއާބެހޭ ގޮތުން އެނގިފައި އޮތުމަކީ މުހިންމު ކަމެކެވެ.
ޒިކާ ވައިރަސް އަކީ އިންފެކްޓް ވެފައި ނުވަތަ ޒިކާ ވައިރަސް ޖެހިފަ ހުންނަ މަދިރި އިންސާނުންގެ ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ. ޒިކާ ވައިރަސް ފެތުރެނީ ބަލި ޖެހިފަ ހުންނަ މަދިރި ގިނަވެ ގިނަ މީހުން ގައިގަ ހެފުމުންނެވެ.
ޒިކާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ފިތް ނެގުމާއި ހުޅުތަކުގައި ރިއްސުމާއި ހުން އައުން ހިމެނެއެވެ. މި ހުން އަންނަނީ ދެ ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތަށެވެ. މި ބަލި ޖެހުނުކަން ކަށަވަރު ކުރުމަށް ލޭ ޓެސްޓު ކުރުމުން އެކަން ދެނެގަނެވޭނެއެވެ. މި ބައްޔަކަށް ވަކި ފަރުވާ އެއް ނުވަތަ ޓްރީޓްމެންޓް ޕްލޭނެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. އަދި ގިނަ ޕޭޝެންޓުންނަކީ ޕެނެޑޯލް ފަދަ އާދައިގެ ބޭހާއި، ގިނައިން ދިޔާ އެއްޗެހި ބުއިމުން ރަނގަޅުވާ މީހުންނެވެ.
ސައިންޓިސްޓުން ޒިކާ ވައިރަސް ފުރަތަމަ އދެނެގަނެފައިވަނީ 1952 ގައެވެ. ނަމަވެސް މި ވައިރަސްގެ ސަބަބުން އޭރު ޖެހޭ ބަލިތަކަކީ މާ ސީރިއަސް ބަލިތަކެއް ނޫނެވެ. އެހެން ނަމަވެސް ބްރެޒިލްގައި މިދިއަ އަހަރުން ފެށިގެން އާއްމު ވެގެން އުޅޭ ޒިކާ ވައިރަސްވަނީ މިހާރު މުޅި ދުނިިޔެ ބިރުގަންނަވާލާފައެވެ.
ސަބަބަކީ ސައިންޓިސްޓުން ޝައްކު ކުރާ ގޮތުގައި މި ވައިރަހަކީ އަލަށް ވިހާ ކުދިންގެ ބޯ އާދަޔާ ހިލާފަށް ކުޑަވެ ސިކުނޑިއަށް ގެއްލުންދޭ ވައިރަހަކަށް ވާތީ އެވެ. ނަމަވެސް ޑަބްލިޔޫއެޗްއޯއިން ހާމަ ކުރާ ގޮތުން އަލަށް ވިހާ ކުޑަކުދިންގެ ސިކުނޑިއަށް ލިބިފަ ހުންނަ ގެއްލުމަކީ އެ ވައިރަސް ގެ ސަބަބުން ލިބޭ ގެއްލުމެއް ކަމެއް ޔަގީންކަމާއެކު އަދި ބުނާކަށް ނޭނގެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުން އެއ ޒިކާ ވައިރަސްގެ ސަބަބުން ވާކަމެކެވެ.
ޒިކާ ވައިރަސްގެ ބިރު ބޮޑުވާ ސަބަބުތައް
- ވިހާއިރު ހުންނަ އުނިކަމާއި ސިކުނޑީގެ ގެއްލުން ވައިރަސްގެ ސަބަބުން ކަމަށް ވުން
- ވައިރަސް އަލަށް ފެތުރޭ ސަރަހައްދުތަކުގައި، އިތުރަށް ފެތުރުން ހުއްޓުވޭނެ ނިޒާމެއް ނެތުން
- ވައިރަސް ޖެހިފަ ތިބި މީހުންނަށް ފަރުވާދޭނެ ބޭހެއް އަދި ނެތުން
- ޒިކާ ވައިރަސްއަށް ވަކި ވެކްސިންނާއި ފަރުވާދޭނެ ޕްލޭނެއް ނެތުން
- ބައިނަލްއަގްވާމީ ދުނިޔެއަށް ފެތުރުމުގެ ބިރު ބޮޑުވުން
ޒިކާ ވައިރަސް ނުޖެހި ސަލާމަތުން ހުރުމަށް މާ ބޮޑު ޕްރިވެންޝެން ޕްލޭނެށް ހެދިފައެއް ނުވެއެވެ. ކުރެވެން އޮތްހާވެސް ކަމަކީ އެ ވައިރަސް ޖެހޭ ފުރަތަމަ ހަފްތާ ތެރޭގައި މަދިރި ނުހަފާވާނެ ގޮތަކަށް ބަލައިގެން އުޅުމެވެ. އެހެން ކަމުން އެއްވެސް ވެކްސިނެއް އަދި ބޭހެއް ވެސް ނެތުމުން ވަކި ވަކި ފަރުދުންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ސައިންޓިސްޓުންނަށް ފަރުވާއެއް ހޯދެން ދެން އޮތް ހައްލަކީ ގައުމީ ފެންވަރުގައި މަދިރި ނައްތާލުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމެވެ.