މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އިމްޕޯޓްކޮށްފައިވާ މުދަލުގެ އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ 18 އިންސައްތަ އިތުރު ކަމަށް ކަސްޓަމްސްއިން ހާމަކޮށްފި އެވެ.
ކަސްޓަމްސްއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި 3.6 ބިލިއަން ރުފިޔާގެ މުދަލަށް ވުރެ 18 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެފައިވީ ނަމަވެސް ރާއްޖެއިން ބޭރު ކުރި މުދަލުގެ އަދަދުވަނީ ދަށަށް ގޮސްފަ އެވެ. ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 231 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު 0.9 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައިވަނީ 233 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މުދަލުގެ އަދަދު ދަށަށްގޮސްފައިވުމުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރަށްވުރެ ދަށަށް ގޮސްފަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 326 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 301 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފެބްރުއަރީގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ލިބުނު އަދަދަށް ވުރެ 8 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ކަނޑުމަހުގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް ބޮޑުބައެއް ހިއްސާ ކުރަނީ ކަޅުބިލަމަހާއި ކަންނެލީގެ ބާވަތްތަކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހު އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ.