މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްއިން ފަސްލައްކަ ކޮތަޅު ނައްތާލައިފި

ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތުގެ ޕްލާސްޓިކް ކޮތަޅުގެ ފަސްލައްކައަށްވުރެ ގިނަ ކޮތަޅު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނައްތާލައިފި އެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމްސްއިން ނައްތާލައިފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅާފައިވާ ބާވަތްތައް ކަމަށެވެ.

މި ކޮތަޅުތަކަަކީ ކުޅުދުއްފުށީ ކަސްޓަމްސްއިން ހިފެހެއްޓި ކޮތަޅު ތަކެކެވެ. މި ތަކެތި ނައްތާލާފައިވަނީ ކުޅުދުއްފުށީގެ ކުނި ނައްތާލާ ސަރަހައްދުގަ އެވެ.

ކަސްޓަމްސްއިން ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށިން އެކި ސައިޒުގެ ޖުމުލަ 535،000 ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށީ ކަސްޓަމްސްއިން ޖުމްލަ 5،018،500 ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެ އެވެ.

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލާ ގައުމަކަށް ރާއްޖެ ހެދުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

ސަރުކާރުގެ މި އަމާޒު ހާސިލް ކުރުމަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ. މި އިސްލާހުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެތީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.

އެކި މަރުހަލާތަކަކަށް ބަހާލައިގެން މިތަކެތި ކަނޑައެޅުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާއިރު ފުރަތަމަ ލިސްޓު މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ވަނީ އާއްމުކުރައްވާފައެވެ.