ދުނިޔެ

މެކްސިކޯގައި ހިޖުރަވެރިން ތިބޭ މަރުކަޒެއްގައި ހުޅުޖެހި ބަޔަކު ހައްޔަރުކޮށްފި

މެކްސިކޯ-އެމެރިކާ ބޯޑަރު ހުރަސްކުރަން މަސައްކަތްކުރި ހިޖުރަވެރިންގެ ބަޔަކު ހިފަހައްޓާފައި ތިބި މަރުކަޒެއްގައި -- ޑިޓެންޝަން ސެންޓަރެއްގައި މާޗް 28 ގައި ބަޔަކު ވަނީ ހުޅުޖަހާފަ އެވެ. މި ހާދިސާގައި 39 މީހަކު ވަނީ މަރުވެފަ އެވެ.

މެކްސީކޯގެ ޕްރޮސެކިޔުޓަރުން ބުނާ ގޮތުން ހުޅުޖެހި މައްސަލާގައި އެންމެ ބޮޑަށް ތުރުމަތުކުރެވޭ ފަސް މީހަކު މިހާރު ތިބީ ޖަލުގައި ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ މައްޗަށް ދައުވާކުރުމަށް ރަސްމީ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.

ޑިޓެންޝަން ސެންޓަރުގައި ހުޅުޖެހީ އެ މަރުކަޒުގައި ހިފަހައްޓާފައި ތިބި މީހުންގެ ތެރެއިން ބައެކެވެ. އެއީ އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލަން މެކްސިކޯގެ ސަރުކާރުން ކުރި މަސައްކަތްތަކަށް އިންކާރުކުރުމުގެ ގޮތުންނެވެ.

މެކްސިކޯ ބޯޑަރު ހުރަސްކޮށް އެމެރިކާއަށް ވަދެގަތުމަކީ އެމެރިކާއަށް އަދި މެކްސިކޯއަށް ވެސް ކުރިމަތިވެފައި އޮތް އަދި ހައްލުނުވެ ޒަމާންވެފައި އޮތް މަައްސަލަ އެކެވެ.

ބޯޑަރު ހުރަސްކުރަން މަސައްކަތްކުރި ކިތަންމެ ބަޔަކު ގަދަ ފިނީގައި ވަނީ މަރުވެސް ވެފަ އެވެ. އަދި ކޯރުތައް ހުރަސްކޮށް ފަތާފައި ދަނިކޮށް ގެނބިގެންނާއި ކިބުލުގެ ހަމަލާގައި ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

މެކްސިކޯގެ ރައީސް އަންދުރެސް މެނުއަލް ލޮޕޭޒް އޮބްރާދޯ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ޑިޓެންޝަން ސެންޓަރުގައި ހުޅުޖެހީ ސަރުކާރަށް ކޮންޓްރޯލް ނުކުރެވިގެނެއް ނޫނެވެ. އެއީ އެ މީހުންގެ ތެރޭގައި އުފެދުނު ޚިލާފުތަކެއްގެ ސަބަބުން ހިނގައިދިޔަ ހާދިސާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.