ދީން

ކީރިތި ރަސޫލާ ދެކެ ލޯބިވާނެ ގޮތް

Mar 20, 2024

މިއަދު މި އޮތީ ސުވާލެކެވެ. ރެޔާއި ދުވާލު އަޅުގަނޑުމެންނަށް މި ލިބޭ 24 ގަޑިއިރު ހުއްޓައިނުލައި އަޅުކަން ކުރެވިދާނެތޯ އެވެ؟

މި ސުވާލަށް އެކި ބޭފުޅުން ދެއްވާނީ އެކި ޖަވާބުކަން ޔަގީނެވެ. އަޅުގަނޑުވެސް މި ސުވާލަށް ޖަވާބެއް ދެވޭތޯ މަސައްކަތް ކުރާނަމެވެ.

އަޅުގަނޑުގެ ޖަވާބަކީ "24 ގަޑިއިރު އިންސާނަކަށް ހުއްޓައިނުލައި އަޅުކަށް ކުރެވިދާނެ!" އެވެ.

މި ބަސް މި ބުނީ ވަރަށް ބާރުލާފަ އެވެ. ޔަގީންކަމާ އެކު އެވެ. އަވަސް އަރުވާނުލައި އިހަށް މަޑުކޮށްލައްވާށެވެ! އާދޭހެވެ! ތިބާގެ ހިތަށް އަރައިފާނެ އެވެ. 24 ގަޑިއިރު ތެރޭ ޤަޟާ ޙާއްޖަތް ނުކޮށް ހުރެވޭނެ ހެއްޔެވެ؟ ނުކައި ނުބޮއި ހުރެވޭނެ ހެއްޔެވެ؟ ނުނިދާ އުޅެވޭނެ ހެއްޔެވެ؟ އާމްދަނީ ނުހޯދައި ދިރިއުޅޭނީ މި ޒަމާނުގައި ކިހިނެއް ހެއްޔެވެ؟ އަދި ކޮބައި ހެއްޔެވެ. ކައިވެނި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ހުރިހާ ކަމެއް ކޮށްފައި 24 ގަޑިއިރު އަޅުކަށް ކުރަނީ ކިހިނަކުން ހެއްޔެވެ؟

ތިޔަ ހުރިހާ ސުވާލެއް ޚުދު އަޅުގަނޑުގެ ހިތަށްވެސް އެބަ އަރަ އެވެ. ލޮބުވެތި އަޚުންނޭވެ! ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ. ކުރަންވީ ހަމައެކަނި ކަމަކީ "އަޅުކަން" މި ލަފުޒާ މެދު އަޅުގަނޑުމެން ވިސްނާ ވިސްނުން ކުޑަކޮށް ބަދަލުކޮށްލުމެވެ. ނުވަތަ އެ ލަފުޒު ކަންފަތުގައި ޖެހުމުން ސިކުނޑީގައި ތިޔަ ކުރަހާ ތަސްވީރު ކުޑަކޮށް ތަފާތު ކޮށްލުމެވެ. އެކަން ކުރާނީ ކިހިނެއްތޯ ސުވާލު އުފެދޭނަމަ އަންނަނިވި ޕެރެގްރާފު ކިޔާލާށެވެ!

ހަދީޘުގައި ވާތީ އަޅުގަނޑުމެން ވަރަށް ގިނައިން އަޑު އަހަމުއެވެ؛ "ހިނިތުން ވުމަކީ ސަދަގާތެކެވެ." "މީހުންނަށް އުދަނގޫވާ ގޮތަށް މަގުމަތީގައި ހުންނަ ތަކެތި އެއްފަރާތް ކުރުމަކީ ސަދަގާތެކެވެ." "ހެޔޮ ބަހެއް ބުނުމަކީ ސަދަގާތެކެވެ."

"ސަދަގާތަކީ" އަޅުކަމެއް ކަމާ މެދު އެއްވެސް ދެ މީހަކު ދެ ބަހެއް ނުވޭ ނޫން ތޯއެވެ؟ އެހެންވީމާ، އަޅުކަމުގެ މާނައަކީ މާފުޅާ އެއްޗެއްކަން މި ހަދީޘްތަކުގެ އަލީގައި އެބަ ދޭހަވޭ ނޫންތޯ އެވެ؟

އާދޭހެވެ! އެއީ ﷲ އާއި އެއިލާހުގެ ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ރުއްސަވާ ކޮންމެ ބަހެއް ނުތަވަ އަމަލެކެވެ. އެއީ ހިތާއި ދުލާއި އަދި އެހެން ގުނަވަންތަކުން އެކަން ކުރި ކަމަށް ވިޔަސް މެއެވެ.

އަޅުގަނޑުމެންވެސް "އަޅުކަން" މިގޮތަށް މާނަކޮށްފިނަމަ 24 ގަޑިއިރު އަޅުކަން ކުރެވޭނެ ނޫންތޯ އެވެ؟ އެހެނީ ﷲ އާއި އެއިލާހުގެ ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم އެ ވަނީ އިންސާނާގެ ހަޔާތުގައި ކަންތައްތައް ކުރާނޭ ހުރިހައި ގޮތެއް އަންގަވައިދެއްވާފަ އެވެ.

ކެއުމާއި ބުއިމާއި ނިދުމާއި ވިޔަފާރިކުރުމާއި ކައިވެނިކުރުމާއި ސަރުކާރު ހިންގުމާއި މުނިފޫހި ފިލުވަން ދަތުރު ދިއުމާއި މި ހުރިހައި ކަމެއްވެސް ކުރާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި، މާތް ﷲގެ ރުއްސެވުން އެދިގެން ހެޔޮ ނިޔަތުގައި ކުރާނަމަ އެ ކުރެވެނީ އަޅުކަމެވެ.

ވީމާ 24 ގަޑިއިރު ހުއްޓައިނުލައި އަޅުކަށް ކުރެވޭނެ އެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ނިޔަތް ސީދާ ކޮށްގެން މި ލިޔުންކޮޅު ކިޔުމަކީ ވެސް ހަމަ އަޅުކަމެއްކަން ކަށަވަރެވެ.