ވަރަށް ޅަ އުމުރުގައި އިސްތަށިގަނޑު ނުރަވާ މީހުން މި ޒަމާނުގައި ވަރަށް ގިނަ އެވެ. ނަމަވެސް ސާބިއާގެ އަންހެން ކުއްޖެއް ކަމަށްވާ އެވްގީނިއާ ޑެނިސޯވާ އަށް އުމުރުން އެންމެ 10 އަހަރުގައި މި މައްސަލަ ކުރިމަތިވެދާނެ ކަމަށް އޭނާ ވެސް އަދި އާއިލާގެ އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ.
ނަމަވެސް ކަން ދިމާވީ އެކަކުވެސް ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ. އުމުރުން 10 އަހަރު ފުރުނުއިރު އެވްގީނިއާގެ ބޮލުގައި ހުރީ ހުސް ނުރަ އެވެ. މިކަމުގެ ސަބަބުން ސްކޫލް ކުދިންގެ ހަނގާ ކުރުމާއި މަލާމާތުގެ ޝިކާރައަކަށް އޭނާ ވިއެވެ.
ނަމަވެސް މިކަމަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. މިހާރު އެވްގީނިއާގެ އުމުރުން 38 އަހަރު ފުރިފައިވާއިރު ކުޑައިރުއްސުރެ ބޮލުގައި ޖެހި ނުރަތަކާ އެކު ދިރިއުޅެން އޭނާ ވަނީ ދަސްކޮށްފަ އެވެ. ނަމަވެސް ފާއިތުވީ 28 އަހަރަކީ އޭނާއަށް ދިރިއުޅެން އިންތިހާއަށް އުނދަގޫވި އަހަރު ތަކެކެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީ ސްޓާއަށް ދީފައިވާ އިންޓަވިއު އެއްގައި އެވްގީނިއާ ބުނި ގޮތުގައި އުމުރުން 10 އަހަރުގައި ކުއްލިއަކަށް ބޮލުގެ އިސްތަށިތައް ހުދުވުމުން އޭނާއަށް ބޮޑު ޝޮކެއް ލިބުނެވެ. އަދި އެހާމެ ލަދުވެސް ގަތެވެ. އަދި ސްކޫލްގައި ކުރިމަތިވަމުންދިޔަ މަލާމާތްތަކުގެ ސަބަބުން އޭނާއަށް ދިރިއުޅުން ބޮޑު ބުރައަކަށް ވިއެވެ.
"އެންމެ ފަހުން އަހަރެން 14 އަހަރުގައި އިސްތަށިގަނޑު ކަޅުކުރަން ފެށީ. އެގޮތުން ހީނާ ފަތް ވެސް އެޅިން. އަދި ވިއްކަން ހުންނަ ކަޅުކުރާ ބޭހުން ވެސް ކަޅުކުރިން. ނަމަވެސް މިއީ ވެސް ހައްލެއް ކަމަކަށް ނުބެލެވުނު. ސަބަބަކީ އިސްތަށިގަނޑު ކަޅުކުރާތާ ދެ ތިން ދުވަހުގެ ތެރޭގައި އިސްތަށިތަކުގެ ބުޑުން އަނެއްކާވެސް ހުދުކުލަ ފެންނަން ފަށާ. އެހެންވެ މިކަން ވެސް ވީ ދުވަހަކު ނިމުމެއް ނެތް އަބަދުކުރަން ޖެހުނު ކަމަކަށް. އެހެންވެ އެންމެފަހުން ހިތްވަރުކޮށްފައި ކަޅުކުރުން ވެސް ހުއްޓާލީ،" އެވްގީނިއާ ބުންޏެވެ.
ފުރަތަމަ ދަރިފުޅު ލިބުމަށްފަހު އެވްގީނިއާ ދެން ގަސްތުކުރީ ސެލޫނަކަށް ދިއުމަށެވެ. އަދި އިސްތަށީގަނޑު އެއްކޮށް ބްލީޗްކުރި އެވެ. ސަބަބަކީ އިސްތަށިގަނޑުގައި ވިހަ ކެމިކަލްތައް އަޅާފައި ހުންނަ ކަޅު ކުލަ ޖައްސައިގެން ދަރިފުޅުގެ ނޭފަތަށް އެ ކެމިކަލްތަކުގެ ވެސް ދުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ސެލޫން އެޕޮއިންޓްމަންޓް އެ ދުވަހު ކެންސަލް ވުމުން އަނެއްކާވެސް އިސްތަށިގަނޑު ޑައި ކުރި އެވެ. އަދި އެކަމާ ފަހުން ވަރަށް ދެރަވި އެވެ. ސަބަބަކީ ދެ ތިން ދުވަހުގެ ތެރޭގައި އިސްތަށިތަކުގެ ބުޑުން ހުދުކުލަ ފެންނަން ފެށީމަ އެވެ.
އެހެންވެ އެންމެ ފަހުން އޭނާ ނިންމީ ހުދުކުލައިގައި އިސްތަށިގަނޑު ބަހައްޓައިގެން ދިގު ކުރުމަށެވެ. އެއްގޮތަކަށް ވެސް އެއްވެސް ކުލައެއް ނުޖެއްސުމަށެވެ.
އޭނާގެ ބޯ ނުރަކޮށް ހުންނާތީ އެއީ ދަރިފުޅުގެ މާމަތޯ އެއް ދުވަހު މީހަކު އޮޅިގެން ސުވާލު ކުރި އެވެ. ނަމަވެސް މިހާރު މީހުން ކުރާ އެފަދަ ސުވާލުތަކުން އޭނާގެ ނިންމުން ބަދަލުކުރާކަށް އެވްގީނިއާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުމީ ހަމަ ނުރަ އިސްތަށިގަނޑާއެކު އުމުރަށް ވެސް ދިރިއުޅޭށެވެ.