ސަރުކާރު ހިއްސާވާ ކުންފުނިތައް -- އެސްއޯއީތަކުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ބަނގުރޫޓުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި އުވާލުމާއި ރެގިއުލޭޓްކޮށް މޮނިޓާކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް ގޮވާލާ ގަރާރުގެ ބަހުސްގައިި މެންބަރު އިލްޔާސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މެންބަރު އިލްޔާސް ލަބީބު އެވެ.
އަމިއްލަ ވިޔަފާރިތަކުން ކުރަމުންދިޔަ ވިޔަފާރިތައް ސަރުކާރު ކުންފުނިތަކުން ފެށުމުން އަމިއްލަ ވިޔަފާރިތައް ބަނގުރޫޓުވެ އެތައް ބައެއްގެ ވަޒީފާއަށް އަސަރުކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭނުމަކީ އާންމު ވިޔަފާރިތަކަށް ނުހިންގޭ ވިޔަފާރިތައް ހިންގުމާއި ދައުލަތުން ދޭން ޖެހޭ ހިދުމަތް ދިނުމެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. ސިޔާސީ ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންގެ އަމިއްލަ ބޭނުމަށް ކުންފުނިތަކުން ނުކަތާ ވަރަށް ވަޒީފާ ދޭ ކަމަށް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ދައުލަތުގެ އާމްދަނީއަށްވުރެ ދެގުނަ އިތުރަށް ސަރުކާރުގެ ކުންފުނިތަކަށް އާމްދަނީ ލިބޭ ކަމަށެވެ.
"ދައުލަތުގެ އާމްދަނީ މިއަހަރަށް ބަލާއިރު 30 ބިލިއަނަށް 29 ބިލިއަން ރުފިޔާއަށްވާނެ ކަމަށް ބަޖެޓުގައި އަންދާޒާކުރޭ. މިއަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އާމްދަނީއަށް ބަލާއިރު އިއްޒަތްތެރި ރައީސް 60 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބޭނެ ކަމަށް ބެލެވޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސަރުކާރު ކުންފުނިތަކަށް ހަރަދުކުރާ ކަމަށާއި ސަރުކާރު ކުންފުނިތަކުން ޑިވިޑެންޓްގެ ގޮތުގައި ސަރުކާރަށް ދައްކާ ކަމަށެވެ. ދައުލަތުން ސަރުކާރު ކުންފުނިތަކަށް ހަރަދުކުރާ ވަރަށްވުރެ ޑިވިޑެންޓްގެ ގޮތުގައި ލިބޭ އަދަދު މަދު ކަމަށް ވިދާޅުވި އެވެ.