ދީން

އިންސާނާގެ ހިތް ފަސާދަވަނީ ކީއްވެ

Mar 19, 2024

އިސްލާމް ދީނުގައި އިލްމާއި، އިލްމުގެ އަހުލުވެރިންނަށް ވަނީ މަތިވެރި ދަރަޖަތަކެއް ދެއްވާފަ އެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އަމުރުފުޅަކީ ﴿اقْرَأ﴾ "ކިޔާށެވެ!" އޮތް އަމުރުފުޅެވެ. ހަމަ އެ ފަދައިން العَلِيْم "ދެނެވޮޑިގެންވުން" އެއީ މާތް ﷲގެ ސިފަފުޅެކެވެ. އަދި އިލްމު އިތުރުކޮށް ދެއްވުންއެދި ދުޢާ ކުރުމަށް ﷲ وتعالى ވަނީ އަމުރު ކުރައްވާފަ އެވެ.

﴿وَقُل رَّبِّ زِدْنِي عِلْمًاﱠ﴾ (طه: ١١٤)

މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަޅުގެ ރައްބެވެ! އަޅާއަށް އިލްމު އިތުރުކޮށްދެއްވާނދޭވެ!"

އިލްމު ނޫން އެހެން އެއްވެސް އެއްޗެއް އިތުރުކޮށްދެއްވުން އެދި ދުއާކުރުމަށް އެ އިލާހު އަންގަވާފައެއް ނުވެ އެވެ.

މިކަންކަމުން، އިސްލާމް ދީނުގައި އިލްމުގެ މަކާނަތު ސާފުކޮށް ބަޔާންކޮށްދެ އެވެ. ހަމަ އެފަދައިން އިލްމުވެރިން ވަނީ ދަރަޖަތަކަކަށް އުފުއްލަވާފަ އެވެ.

މާތް ﷲ ވަހީކުރައްވާފައިވެ އެވެ.

﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ﴾ (المجادلة: ١١)

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، އިލްމު ލިބިގެންވާ މީހުން، މާތް ﷲ، ދަރަޖަތަކަކަށް އުފުއްލަވާ ނެތެވެ".

މި އާޔަތާ މެދު އިބްނު ތައިމިއްޔާ رَحِمَهُ اللهُ ވިދާޅުވެފައިވެ އެވެ. އިލްމު ލިބިގެންވާ މީހުންނާއި އީމާންވި މީސްތަކުން ދަރަޖަތަކަކަށް އުފުއްލެވުމުގައި ހާއްސަ ކުރައްވާފައިވަނީ އެއީ އެބައިމީހުންނަކީ ﷲގެ އެއްކައުވަންތަ ކަމަށް ހެކިވާ ބަޔަކު ކަމުގައި ވާތީ އެވެ.

މާތް ﷲ ވަހީ ކުރައްވާފައިވެ އެވެ.

﴿شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ﴾ (آل عمران: ١٨)

މާނައީ: "ހަމަކަށަވަރުން اللَّه، އެކަލާނގެ ފިޔަވައި ހައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފި އެވެ. އަދި މަލާއިކަތުންނާއި، އިލްމުގެ އަހުލުވެރިން ވެސް (އެކަމަށް) ހެކިވި އެވެ."

އަދި އެބައިމީހުންނަކީ ރަސޫލު ﷲ صَلَى اللهُ عَلَيْهِ وَسَلَّمގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަކީ ހައްގު ތެދުކަން ގަބޫލުކުރާ މީހުންނެވެ.

﴿وَيَرَى الَّذِينَ أُوتُوا الْعِلْمَ الَّذِي أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ الْحَقَّ﴾ (سبأ: ٦)

މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާންގެ ޙަޟުރަތުން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ ހައްގު ބަސްފުޅު ކަމުގައި، އިލްމު ލިބިގެންވާ މީހުން ދެކޭ ނެތެވެ."

މި ބަސްފުޅުތަކުން ދޭހަވާ ގޮތުގައި އިލްމު އުނގެނުމަކީ ހުއްޖަތެކެވެ. އަދި އެ އިލްމައިގެން ތެދުވާ މީހާގެ ދަރަޖަ އުފުއްލަވަ އެވެ.

އިލްމު ހޯދުމަށް މަގެއް ހޯދައިފި މީހާ ސުވަރުގެ ދިއުމަށް މަގުފަހިކޮށްދެއްވާނޭ ކަމުގައި ކީރިތި ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ ހަދީޘް ކުރައްވާފަ އެވެ. އަދި އުޑުތަކާއި ބިމުގައިވާހާ ފަރާތެއް އިލްމުގެ އަހުލުވެރިންނަށް ފާފަ ފުއްސަވައިދެއްވުން އެދި ދުއާ ކުރާނޭ ކަމުގައިވެސް އެ މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ ބަޔާންކުރައްވާފަ އެވެ.