މާފުށި

ރަށުން ބޭރު މީހުންނަށް މާފުށިން ގޯތި ލިބުމުގެ ފުރުސަތު ހަނިކޮށްފި

Apr 5, 2023

ކ. މާފުށި ނޫން މީހުންނަށް އެރަށުން ގޯތި ލިބުމުގެ ފުރުސަތު ހަނިކޮށް، ގޯތި ދިނުމާ ބެހޭ އުސޫލު އިސްލާހުކޮށްފި އެވެ.

ކ. މާފުށި ކައުންސިލުން އެންމެ ފުރަތަމަ މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އުސޫލުގައިވާ ގޮތުން އެރަށުން ދޫކުރާ ގޯއްޗަށް އެދި ފޯމު ހުށަހަޅާ ރަށުން ބޭރުގެ މީހުންނަށް ޕޮއިންޓް އުނިވާ ގޮތެއް ނޯވެ އެވެ. ނަމަވެސް އުސޫލު އިސްލާހުކޮށް އިއްޔެ ގެޒެޓް ކުރި އުސޫލުގައި މިހާރު ވަނީ އުފަންވީންސުރެ އެ ރަށުގެ ރަށްވެއްސަކަށް ނުވާ ނަމަ ޕޮއިންޓް އުނިވާ ގޮތް ހަދާފަ އެވެ.

އުސޫލު މިހާރު އޮތް ގޮތުން މާފުށީގެ ރައްވެސަކަށް ނުވާ މީހަކު ގޯއްޗަށް ކުރިމަތިލައިފިނަމަ 30 ޕޮއިންޓް އުނިވާނެ އެވެ. އަދި ގޯއްޗަށް ކުރިމަތިލާ މީހުންގެ ތެރެއިން 40 އަހަރުން މަތީގެ މީހުންނަށް 20 ޕޮއިންޓް އިތުރުވާނެ އެވެ.

މާފުށި ފަޅު ހިއްކައިގެން އެރަށާއި ވަކިން މިވަގުތު އޮތް ރަށުން 2،000 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. ގޯތި ދޫކުރަން ނިންމާފައިވާ މާފުށި ފަޅުތެރޭގައިވާ 25 ހެކްޓަރުގެ ބިން 2021 ވަނަ އަހަރުގެ ތެރޭގައި ހިއްކީ އެމްޓީސީސީންނެވެ.

މާލެ ފިޔަވާ ރާއްޖޭގައި ބިމުގެ އަގު އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ މާފުށިން ގޯތި ހޯދުމަށް ފޯމު ލެވޭނީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނުވާ މީހުންނަށެވެ. 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް ނަމަ އެ ތަންކޮޅު ދޫކޮށްލަންޖެހެ އެވެ.

މާފުށިން ގޯތި ބޭނުންވާ މީހުން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.