އާޒިމާ ޝަކޫރު

ރާއްޖެ ޑިމޮކްރެޓިކް ނޫން ކަމަށް ބުނަނީ ނަޝީދަށް އަދި އިންތިހާބުގައި ވާދަ ނުކުރެވޭނެތީ: އާޒިމާ

Feb 1, 2016

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހާލުކޮށްލައި މަރުވެފައިވާކަމަށް ވިދާޅުވެ އަމަލް ކްލޫނީ ވާހަކަފުޅު ދައްކަވަނީ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިނިވަނަކަށް ނުވާތީ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ބީބީސީ "ނިއުސްޑޭ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ބީބީސީއަށް ވާހަކަފުޅު ދައްކަވާފައި ވަނީ ރޭ ފަތިހު އެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު މަރުވެފައިވާކަމަށް ވިދާޅުވެ އަމަލް ކްލޫނީ ވާހަކަފުޅު ދައްކަވަނީ ރައީސް ނަޝީދު މިނިވަން ނުވާތީ ކަމަށާއި "މިވަގުތު ކަންތައް އޮތް ގޮތުން އެމަނިކުފާނަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެތީ އެގޮތަށް ވާހަކަފުޅު ދައްކަވަނީ" ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ވިދާޅުވީ ރާއްޖެއަކީ ފުރިހަމަ ގާނޫނު އަސާސީއެއްގެ ދަށުން ޑިމޮކްރެޓިކް ހަމަތަކާއި އޫސުލަތަކަށް ވެރިކަން ހިންގާ މިނިވަން މުސްތަގިއްލު އަދި ޑިމޮކްރެޓިކް ގައުމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ މައްސަލަ އޮތީ އިސްތިއުނާފުގައި ކަމަށް ވިދާޅުވެ އެ މައްސަލަ ހިނގާފައިވާ ގޮތް އެކަމަނާ ވަނީ ބީބީސީއަށް ސާފުކޮށްދެއްވާފަ އެވެ.