އުމްރާ ދަތުރު

ވިސާ ނުލިބުމުން ސަފާގެ އުމްރާވެރިންނަށް ނުފުރުނު

ސައޫދީ އަރަބިއްޔާއިން ވިސާ ހަމަނުޖެހޭ ކަމަށް ބުނެ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި މިއަދު އުމްރާއަށް ދާން ތައްޔާރުވެ ތިބި މީހުންގެ ދަތުރު ކެންސަލްކޮށްފި އެވެ.

ސަފާގެ ވައިބަ ގްރޫޕުގައި ބުނެފައިވަނީ ސައުދީ އުމްރާ ވިސާ ދޫކުރާ ކުންފުނިން ވިސާ ދޫކޮށްފައިނުވާ ކަމަށެވެ.

"މިއަދުގެ މި ވަގުތާހަމައަށް އައިއިރުވެސް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގުރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވަމެވެ." އުމްރާވެރިންނަށް ހާއްސަކޮށްފައިވާ ސަފާގެ ވައިބަ ގްރޫޕުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށްދާ އެއްވެސް މީހަކު ފުރަން އެއާޕޯޓަށް ނުދިއުމަށް ވަނީ އަންގާފަ އެވެ.

ދަތުރުގެ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށްވެސް އެ ގުރޫޕުން ވަނީ ބުނެފަ އެވެ.

އުމްރާއަށްދާ މީހުންގެ ފޮށިތައް މިއަދު ހެނދުނު 10:00 އާއި 12:00 އާ ދޭތެރޭ ލިބެން ހުންނާނެ ކަމަށްވެސް ސަފާ ގުރޫޕުން ވަނީ ބުނެފަ އެވެ.